ޚަބަރު

ޖިންސީ ފުރައްސާރައިގެ މައްސަލައެއްގައި އަކުރަމް މަޤާމުން ވަކި ކުރަނީ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ޖިންސީ ފުރައްސާރައިގެ މައްސަލައެއްގައި އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް އަދި ތަރުޖަމާނު އަހްމަދު އަކްރަމް، މަޤާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ފާސް ކޮށްފިއެވެ.

Ads by Sosun Fihaara

އެކޮމިޝަނުގެ މުވައްޒަފުންތަކަކަށް ޖިންސީ ފުރައްސާރަކުރި ކަމުގެ މައްސަލައިގައި، ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއްސަސާތަކުގެ އެކޮމިޓީއަށް، އަކްރަމްއާއި އެކޮމިޝަނުގެ މެންބަރުންގެ އިތުރުން މިމައްސަލަ ހުށަހެޅި މުވައްޒިފެއް ހާޒިރުކޮށް ސުވާލު ކޮށްފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.

އޮންލައިން ނޫސް "ސަން" އަށް މައުލޫމާތު ދެއްވަމުން އެކޮމިޓީގެ މުގައްރިރު އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވީ އަކްރަމް ވަކިކުރަން ކޮމިޓީގައި ބައިވެރިވި މެމްބަރުންގެ ތެރެއިން އެއް މެމްބަރަކު ފިޔަވާ ހުރިހާ މެމްބަރުން ވޯޓު ދެއްވި ކަމަށެވެ.

އަކްރަމް ވަކިކުރަން ކޮމިޓީއިން ފާސްކޮށްފައި ވަނީ އިލެކްޝަންސް ކޮމިޝަނުގެ ގާނޫނުގެ 17 ވަނަ މާއްދާގެ (ހ) އާ ހަވާލާދީ އެވެ. އެއީ އިލެކްޝަންސް ކޮމިޝަނުގެ މެމްބަރުންގެ ސުލޫކީ މިންގަނޑު ތަކާ ބެހޭ މާއްދާ އެވެ.

އިލެކްޝަން ކޮމިޝަންގެ މެމްބަރުކަމަށް އަކްރަމް ދެވަނަ ދައުރަކަށް ރައްޔިތުންގެ މަޖިލީހުން އައްޔަން ކޮށްފައި ވަނީ މިދިޔަ މާރޗް މަހުގެ 18 ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!