ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަކުރާ އިތުރު 15 ކެންޑިޑޭޓެއްގެ ނަން އަނބުރާ ގެންގޮސްފި : އިލެކްޝަން ކޮމިޝަން
އަންނަ މާރޗު މަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ އިންތިހާބުގައި ވާދަކުރާ އިތުރު 15 ކެންޑިޑޭޓެއްގެ ނަން އަނބުރާ ގެންގޮސްފައިވާ ކަމަށް އިލެކްޝަން ކޮމިޝަން އިން ހާމަކޮށްފިއެެވެ.
އިލެކްޝަންސް ކޮމިޝަން އިން ބުނެފައިވަނީ މިފަހަރު ނަން އަނބުރާ ގެންދިޔަ ކެނޑިޑޭޓުންގެ ތެރެއިން ފަސް ކެނޑިޑޭޓުންނަކީ ކައުންސިލު އިންތިހާބުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީއަށް ކުރިމަތިލާފައިވާ ކެނޑިޑޭޓުން ކަމަށެވެ.
ކޮވިޑް-19 ބަލިމަޑުކަމުގެ ސަބަބުން ލޯކަލް ކައުންސިލް އިންތިހާބު ވަނީ ފަސްކޮށްފައެވެ. މި އިންތިހާބު ބޭއްވެންދެން މިހާރު ތިބި ކައުންސިލަރުންގެ ދައުރު ދިގުދެމިގެންދާ ގޮތަށް ވަނީ ހަދާފައެވެ.
އެގޮތުން ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ނަން އަނބުރާ ގެންދިއުމުގެ ފުރުސަތު ހުޅުވާލީ މިދިޔަ ޖޫން މަހުގެ 23 ގައެވެ.
އިންތިހާބު ލަސްކުރުމުން ކައުންސިލް އިންތިހާބަށް ވާދަކުރާ ކެންޑިޑޭޓުންގެ ތެރެއިން 40 ކެނޑިޑޭޓަކު ވަނީ ނަން އަނބުރާ ގެންގޮސްފައެވެ.
މިއަހަރުގެ އޭޕްރިލް މަހުގައި ބޭއްވުމަށް ހަމަޖެހިފައިވާ ކައުންސިލް އިންތިހާބު ވަނީ ކޮވިޑް-19 އާ ގުޅިގެން އަންނަ އަހަރަށް ފަސްކޮށްފައެވެ. އެހެން ނަމަވެސް، އިންތިހާބު ބާއްވާނެ ސީދާ ދުވަހެއް ރަސްމީކޮށް އިއުލާން ކޮށްފައެއް ނުވެއެވެ.