ޝިރުމީނާ ރަހީނުކުރި މައްސަލައިގައި 18 އަހަރު ނުފުރޭ ކުއްޖަކު ހައްޔަރުކޮށްފި

މިދިޔަ މަހުގެ 31 ވަނަ ދުވަހުގެ ރޭ މާލެއިން ގެއްލިގެން ހޯދަމުން ދިޔަ ރ. ކިނޮޅަސް/ ލަގްޒަރީ، ޝިރުމީނާ އަބޫބަކުރު (33އ) ރަހީނުކޮށް އޭނާއަަށް ބިރު ދައްކައިގެން ފައިސާ އަތުލި މައްސަލައިގައި 18 އަހަރު ނުފުރޭ ކުއްޖަކު ހައްޔަރު ކޮށްފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އެކުއްޖާ ހައްޔަރުކުރީ ކޯޓު އަމުރެއްގެ ދަށުން ކަމަށެވެ.
އެދުވަހުގެ 13:30 އިން ފެށިގެން ވީނުވީއެއް ނޭނގި ޝިރުމީނާ ގެއްލިގެން އާއިލާގެ ފަރާތުން ފުލުހުންނަށް ރިޕޯޓް ކޮށްފައިވަނީ ހަމަ އެދުވަހުގެ ރޭ 22:45 ގައެވެ. އޭނާ ފެނިފައި ވަނީ އޭގެ އަނެއް ދުވަހުގެ ހެނދުނު 8:10 ހާއިރު އަމިއްލައަށް ގެއަށް ދިޔުމުންނެވެ. އަދި ބަޔަކު އޭނާ ރަހީނު ކުރި ކަމަށާއި ބިރު ދައްކައިގެން ގިނަ އަދަދެއްގެ ފައިސާ އަތުލިކަމަށް އާއިލާއަށް މައުލޫމާތު ދީފައިވެއެވެ.
މިމައްސަލައާއި ގުޅިގެން 18 އަހަރު ނުފުރޭ ކުއްޖެއް ކޯޓު އަމުރެއްގެ ދަށުން އިއްޔެ ހައްޔަރު ކޮށްފައިވާއިރު، މިމައްސަލައިގައި މިމަހުގެ 3ވަނަ ދުވަހު ވަނީ އުމުރުން 31 އަހަރުގެ މީހަކު ހައްޔަރު ކޮށްފައެވެ. އޭނާގެ ބަންދަށް 15 ދުވަސް ކުރިން ޖަހާފައިވާއިރު، ކޯޓުން ވަނަ އިއްޔެ ވަނީ އެމުއްދަތު 15 ދުވަހަށް އިތުރު ކޮށްފައެވެ.