އަލީ ވަހީދުގެ މައްޗަށް ހަތް ދައުވާއެއް އުފުލައިފި
ކުރީގެ ޓޫރިޒަމް މިނިސްްޓަރ އަލީ ވަހީދުގެ މައްޗަށް ޖިންސީ ކުށުގެ ހަތް ދައުވާއެއް އުފުލައިފިއެވެ.
ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ބުނީ އަލީ ވަހީދުގެ މައްޗަށް ކުރާ ދައުވާތަކުގެ ލިޔެކިޔުންތައް މިހާރު ކްރިމިނަލް ކޯޓަށް ހުށައަޅާފައިވާ ކަމަށެވެ.
ހދ. ކުޅުދުއްފުށި/ބަނދަރު ޢަލީ ވަޙީދު، މިނިސްޓަރ އޮފް ޓޫރިޒަމްގެ މަޤާމުގައި ހުރިއިރު، އޭނާގެ މައްޗަށް ތުހުމަތު ކުރެވުނު ޖިންސީ ފުރައްސާރަކުރުމާ ޖިންސީ ގޯނާކުރުމުގެ މައްސަލަތަކުގައި ދަޢުވާ ކުރުމަށް ކޯޓަށް ހުށައަޅާފައި ވަނީ މިދިޔަ ބުދަ ދުވަހުކަމަށް ޕީޖީ އޮފީހުން ބުނެފައިވެއެވެ.
ކުރީގެ ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދުގެ މައްޗަށް އުފުލާފައިވާ ދައުވާތައް:
▪︎ ޤާނޫނު ނަންބަރު: 17/2014 (ޖިންސީ ކުށުގެ ޤާނޫނު) ގެ 16 ވަނަ މާއްދާގެ ދަށުން ޖިންސީ އަނިޔާ ކުރުމުގެ ކުށުގެ ދައުވާ.
▪︎ ޤާނޫނު ނަންބަރު: 17/2014 (ޖިންސީ ކުށުގެ ޤާނޫނު) ގެ 15 ވަނަ މާއްދާގެ ދަށުން ރޭޕްކުރަން އުޅުމުގެ ކުށުގެ ދައުވާ.
▪︎ ޤާނޫނު ނަންބަރު: 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 132 ވަނަ މާއްދާގެ ދަށުން ބޭއަދަބީ ގޮތުގައި ޖިންސީ ގުނަވަން ހާމަކުރުމުގެ ކުށުގެ ދައުވާ.
▪︎ ޤާނޫނު ނަންބަރު: 17/2014 (ޖިންސީ ކުށުގެ ޤާނޫނު) ގެ 18 ވަނަ މާއްދާގެ ދަށުން ޖިންސީ ގޯނާކުރުމުގެ ކުށުގެ ދައުވާ.
▪︎ ޤާނޫނު ނަންބަރު: 17/2014 (ޖިންސީ ކުށުގެ ޤާނޫނު) ގެ 19 ވަނަ މާއްދާގެ ދަށުން ޖިންސީ ގޯނާކުރަން އުޅުމުގެ ކުށުގެ ދައުވާ.
▪︎ ޤާނޫނު ނަންބަރު: 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 412 ވަނަ މާއްދާއާއި، އެ ޤާނޫނުގެ 81 ވަނަ މާއްދާގެ ދަށުން ހުއްދަ ނޫން ޖިންސީ މުޢާމަލާތެއް ހިންގުމަށް އެދުމުގެ ކުށުގެ 2 ދައުވާ.
ޓޫރިޒަމް މިނިސްޓްރީގެ މުވައްޒަފުންތަކަކަށް އަލީ ވަހީދު ޖިންސީ އަނިޔާ ކުރިކަަމަށް ތުހުމަތު ކުރެވޭ މައްސަލާގައި އޭނަގެ ގެ ފުލުހުން ވަނީ ބަލައި ފާސްކޮށްފައެވެ. އަދި މިމައްސަލައިގައި މިހާތަނަށް 15 މީހެއްގެ ބަޔާން ނަގާފައިވާކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.
މިމައްސަލައިގެ ތަހުޤީގަށް ސުވާލު ކުރުމަށް ޢަލީ ވަހީދު ވެސް ވަނީ ފުލުހުންގެ އިދާރާއަށް ހާޒިރު ކޮށްފައިވާއިރު މިމައްސަލައާ ގުޅޭ އިތުރު ހެކި ހޯދުމުގެ މަސައްކަތް ވެސް ކުރިއަށް ދާކަމަށް ފުލުހުން ކުރިން ވިދާޅުވެފައިވެއެވެ.