ހަގީގީ ހާދިސާ

ހަގީގީ ހާދިސާ: ލޯބިވެރިޔާ ބޭވަފާތެރިވީ ސަބަބު އެނގުނީ އޭނާގެ ޖަނާޒާގައި!

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

ދިރިއުޅުމުގައި އެކި މީހުންނަށް ދިމާވަނީ އެކި ކަހަލަ ކަންކަމެެވެ. ދިރިއުޅުމުގައި ކޮންމެ މީހަކަށް ވެސް ކުރިމަތިވާ ކަންތައްތަކުގެ ރަހަ އާއި ކުލަ ތަފާތެވެ. ނަމަވެސް ދިމާވާ ކޮންމެ ކަމަކީ ތަޖުރިބާއެކެވެ. ގަބޫލުކުރަން ދަތި، ހިތްދަތި އެތައް ކަމެއް ދިރިއުޅުމުގައި ކުރިމަތި ވެދާނެއެވެ. ކިޔައިދޭން މިއުޅެނީ ވެސް އެފަދަ ވާހަކައެކެވެ. ދިވެހި ޒުވާން އަންހެން ކުއްޖަަކަށް ދިމާވި ކަމެއްގެ ވާހަކައެކެވެ.

Ads by STELCO

މިފަދަ ވާހަކަ ތައް ބޮޑަށް ވައްތަރުވަނީ ފިލްމެއްގެ މަންޒަރުތަކަކާއެވެ. ނަމަވެސް ހަގީގަތުގައި ވެސް މިފަދަ ކަންތައްތައް ހިނގައިފައި އެބަހުއްޓެވެ. މިއީ ހަމަގައިމު ވެސް އެފަދަ ވާހަކައެކެވެ. މި ވާހަަކަ އެ ޒުވާނާ "ދެން"އާ ހިއްސާ ކުރީ ނުހަނު އަސަރާއެކު ލޯކަރުނުން ފުރިފައިވާ ހާލުގައެވެ.

" އެއީ މީގެ 4 އަހަރު ކުރިއެވެ. އަހަރެން ތައުލީމް ހާސިލު ކުރަމުން ދިޔައީ މާލޭގެ ހަޔާރ ސެކަންޑަރީ ސުކޫލެއްގައެވެ.  އޭރު އަހަރެންގެ އުމުރަކީ 17 އަހަރެވެ. އަހަރެން އުޅުނީ ގުރޭޑް 12ގައެވެ. ދިރިއުޅުމުގައި އެހާ ހިސާބަށް އައި އިރު އަހަރެން ދުވަހަކު ވެސް ފިިރިހެން ކުއްޖަކާ ލޯބީގެ އެއްވެސް ގުޅުމެއް ނުބާއްވަމެވެ. އެފަދަ މޭރުމަކުން އެއްވެސް މީހަކާ ވާހަކައެއް ވެސް ނުދައްކަމެވެ. އަދި އެފަދަ ނަޒަރަކުން އެއްވެސް މީހަކާ ދިމާއަށް ބަލާވެސް ނުލަމެވެ. ލޯތްބަކީ ދުނިޔޭގައި ވާ އެއްޗެއް ކަމެއް އޭރު އަހަރެންނަކަށް ނޭނގެއެވެ. އަހަރެންގެ އަޒުމަކަށް އެ ދުވަހު ވީ ކިޔަވައިގެން މޮޅު ކުއްޖަކަށް ވުމެވެ.

އަހަރެންގެ ރައްޓެހިން އެމީހުންގެ ލޯބިވެރިންނާއެކު ވަގުތު ހޭދަކުރާތަން އަހަރެންނަށް ފެނެއެވެ. ގިނަ ރައްޓެހިން ރައްޓެހިވެގެން އުޅެނީ ސުކޫލްގައި އުޅޭ ކުދިންނާއެވެ. އެހެންކަމުން ސުކޫލްގައި ވެސް އެމީހުން އެކަކު އަނެކަކާ ވާހަކަ ދައްކައި އެކުގައި އުޅޭ މަންޒަރު އަހަރެންނަށް ފެނެއެވެ. ނަމަވެސް އަހަރެން އޭރުވެސް ކުއްޖަކާ ރައްޓެހިވާކަށް ޚިޔާލެއް ނުކުރަމެވެ. އަހަރެން ހިތްކިޔާ ކަހަލަ ކުއްޖަކު ވެސް އޭރަކު ނުހުރެއެވެ.

އަހަރެންނަކީ އަބަދުވެސް ވަރަށް ގިނައިން މީސްމީޑިއާ ބޭނުން ކުރާ ކުއްޖަކީމެވެ. ކޮންމެ ދުވަހަކު ވެސް އެތައް ވަގުތެއް އަހަރެން ފޭސްބުކް، އިންސްޓަގްރާމް އަދި އެހެން ވެސް މަންސަތަކުގައި ކޮންމެ ދުވަހަކުމެ އެތައް ވަގުތެއް ހޭދަކުރަމުން ދިޔައީމެވެ. އަހަރެންނަކީ އެންމެންނާ ވެސް ގުޅޭ ހިތްހެޔޮކަމަށް ލަޯބިކުރާ މީހަކީމެވެ. ވަރަށް "އަނގަ ގަދަ" ވެސް ވާނެއެވެ. ކުރުކޮށް ބުނާ ނަމަ އަހަރެންނަކީ ވަރަށް "ސޯޝަލައިޒް" ކުއްޖެކޭ ބުނުމަކީ ވެސް ދޮގަކަށް ނުވާނެއެވެ.

އަހަރެން ފޭސްބުކާއި އިންސްޓަގްރާމް ބޭނުން ކުރި ނަމަވެސް ފިރިހެން ކުއްޖަކާ އެފަދަ ގޮތަކަށް ވާހަކައެއް ނުދައްކަމެވެ. ބައެއް ފަހަރަށް ފިރިހެން ކުދިން އެ ގޮތަށް ވާހަކަ ދައްކަން މަސައްކަތް ކޮށްފައި އެބަހުއްޓެވެ. ނަމަވެސް އަހަރެން އެއްވެސް މީހަކަށް އެ ފުރުސަތެއް ނުދެމެވެ. އަބަދުވެސް އަހަރެން އެ ވާހަކަތައް ކުރި މަރާލަނީއެވެ.

އެއީ ވެސް އާދައިގެ މަތިން ސުކޫލް ނިންމާލުމަށް ފަހު އަހަރެން ގެއަށް ގޮސް މީސްމީޑިއާގެ އެކި މަންސަތައް ބަލާލުމުގައި އޮތް ދުވަހެކެވެ. ގިނަ ވަގުތުތަކެެއް ވަންދެން ފޭސްބުކާއި އިންސްޓަގްރާމް ބޭނުން ކުރުމުން އަހަރެން ފޫހިވާން ފެށިއެވެ. ބޭރަށް ދިއުމަށް ދެތިން ރައްޓެއްސެއްގެ ގާތުގައި އަހާލީމެވެ. ނަމަވެސް އެ މީހުން އުޅުނީ ކޮންމެވެސް ކަމަކާ އަވަދިނެތިއެވެ. އަހަރެން ފިރިހެން ކުއްޖެއްގެ ގާތުގައި ބޭރަށް ދާކަށް ނާހަމެވެ. ދުވަހަކު ވެސް ފިިރިހެން ކުއްޖަކާއެކު އެކަނި ބޭރަށް ގޮސްފައި ނުވާތީއެވެ.

އަހަރެން ފޫހި ވެފައި އޮއްވާ އަހަރެންގެ ފޯނަށް މެސެޖެއް އައެވެ. ދަންނަ މީހެއް ނޫނެވެ. އެހެންކަމުން ޕްރޮފައިލަށް ވަދެ އޭނާ އަކީ ކާކުތޯ ބަލާލީމެވެ. އޭނާ އަކީ އަހަރެންނާ އެއް ސުކޫލެއްގައި ތައުލީމް ހާސިލު ކުރަމުން ދިޔަ ފިރިހެން ކުއްޖެކެވެ. ވަރަށް ގިނައިން ފެންނަ ކުއްޖެކެވެ. އޭނާގެ ރީތި ފަން އިސްތަށިގަނޑުގެ ސަބަބުން އެތައް އަންހެން ކުދިންނެއް އޭނާއަށް ހިތް ކިޔައިގެން އުޅޭކަން އަހަރެންނަށް އެނގެއެވެ. ނަމަވެސް ލޯބީގެ ގޮތުން ކުއްޖަކާ އޭނާ ގުޅިގެން އުޅޭކަމެއް އެނގިފައެއް ނެތެވެ.

އަހަރެން އޭނާއަށް ރިޕްލައި ކުރީމެވެ. ފޫހިވެފައި ހުރީމައެއް ނޫނެވެ. އެހެން ނަމަވެސް ވަރަށް ކުރާހިތުންނެވެ. އޭނާގެ ފަރާތުން ތަފާތު ކަމެއް އަހަރެންނަށް ފާހަގަވާން ފެށިއެެވެ.އޭނާ އަކީ މާ ގިނައިން އަންހެން ކުދިންނާ ވާހަކަ ދައްކާ އުޅޭ މީހެއް ނޫނެވެ. އޭނާ ވެސް އަހަރެން ފަދައިން ދުވަހަކު ވެސް މީހަކާ ލޯބީގެ ގޮތުން ގުޅިފައެއް ނުވެއެވެ. ދެން އަހަރެންގެ ހިތުގައި އުފެދުނު ސުވާލަކީ އަހަރެންނާ އޭނާ ވާހަކަ ދައްކަން ފެށީ ކޮން ސަބަބަކާ ހުރެ ބާވައެވެ.

އަހަރެންނާ އޭނާ ވާހަކަ ދައްކަން ފެށީމެވެ. ދުވަހަކު ވެސް ފިރިހެން ކުއްޖެއްގެ މެސެޖަކަށް އިންތިޒާރު ކޮށްފައިނުވާ އަހަރެންނަށް، އޭނާގެ މެސެޖުތަކަށް އިންތިޒާރު ކުރެވެން ފެށިއެވެ. އޭނާގެ މެސެޖެއް ނުލިބި ލަސްވާނަމަ ހާސްވެ ކަންބޮޑުވާން ފެށިއެވެ. އެކަމާ ނުހަނު އުނދަގޫ ވާން ފެށިއެވެ. ދެމީހުން ވާހަކަ ދެެއްކުމުގައި އެތައް ވަގުތެއް ހޭދަކުރަން ފެށީމެވެ. އޭނާ އަހަރެންނަށް ވަރަށް ރަނގަޅެވެ. އަބަދުވެސް އަހަރެންނާ ވާހަކަ ދައްކަނީ ވަރަށް ހިތްހެޔޮކަމާއެކު ވަރަށް ލޯބިންނެވެ.

ދުވަސްތައް ފާއިތުވަމުން ގޮސް، އަހަރެމެން ދެމީހުންގެ ދެމެދުގައި އޮތް އެކުވެރިކަމުގެ ގުޅުން ލޯތްބަށް ބަދަލު ވެއްޖެއެވެ. ހަޔާތުގައި ފުރަތަމަ ފަހަރަށް މީހަކު ދެކެ އަހަރެންނަށް ލޯބި ވެވިއްޖެ ކަމުގެ އިހްސާސް އަހަރެންނަށް ކުރެވެން ފެށިއެވެ. ސުކޫލަށް ދިޔަޔަސް އަހަރެން ހޯދަން ބޭނުންވަނީ އޭނާއެވެ. ސުކޫލުގައި ހުސް ވަގުތެއް ލިބިއްޖެ ނަމަ ދެމީހުން އެކުގައި ވާހަކަ ދައްކާ ސަކަރާތް ޖެހުމުގައި ވަގުތު ހޭދަކުރަމެވެ. ދެމީހުންގެ ދިރިއުޅުމުގައި ވަމުންދިޔަ ހުރިހާ ކަމެއްހެން އެކަކު އަނެކަކާ ހިއްސާ ކުރަމުން ދިޔައީމެވެ.

އަހަރެން އަދިވެސް ހަނދާން ހުރެއެވެ. ދެމީހުން އެކަކު އަނެކަކު ދެކެ ލޯބިވާ ވާހަކަ ބުނަން ނުކެރިގެން އުޅުނު ހަނދާނެވެ. ދެމީހުން އެކަކު އަނެކަކު ދެކެ ލޯބިނުވާ ކަމަށް ދައްކަން އުޅުނު ބަހަނާ ތަކެވެ. ނަމަވެސް ދެމީހުންނަށް ވެސް ދެމީހުންގެ މިޒާޖު ހުންނަ ގޮތުން، އެކަކު އަނެކަކު ދެކެ ލޯބިވާކަން ރަނގަޅަށް ވެސް އެނގެއެވެ. އޭނާ އަހަަރެެން ދެކެ ލޯބިވެޔޭ އެންމެ ފުރަތަމަ ބުނި ދުވަސް އަހަރެން އަދިވެސް ހަނދާން ވެއެވެ. އެ އަޑު އަހަރެންގެ ހިނދުރީގައި އަބަދުމެ ހަރުލާފައިވާ ކަހަލައެވެ.

އަަހަރެމެން ދެމީހުން ލޯބީގެ ގޮތުން ގުޅި ލޯބިވެރިންގެ ލިސްޓުގެ ތެރެއަށް އަހަރެމެން ދެމީހުންގެ ނަން ވެސް އިތުރު ވެއްޖެއެވެ. އަހަރެމެން ދެމީހުން ގިނަ ވަގުތުތަކެއް ކޮންމެ ދުވަހަކުމެ އެކުގައި ހޭދަކުރަމެވެ. ދުވަސްތައް ފާއިތުވަމުން ގޮސް މަތީ ސާނަވީ ތައުލީމްގެ ދުވަސްތައް ވެސް ނިމިއްޖެއެވެ. ދެމީހުންގެ ނަތީޖާ ވެސް ވަރަށް ރަނގަޅެވެ. ދެފަރާތުގެ އާއިލާއަށް ވެސް އަހަރެެމެންގެ ގުޅުމުގެ ވާހަކަތައް ހިއްސާ ކުރީމެވެ. އަހަރެމެން އުޅެމުން ދިޔައީ އުފާވެރިކަމާ އެކުގައެވެ. ދެމީހުންނަށް ވެސް އެކަކު އަނެކެއްގެ ފަރާތުން ލޯތްބާއި އަޅާލުން އޭގެ އެންމެ ފުރިހަމަ ގޮތުގައި ލިބެމުން ދިޔައެވެ.

2 އަހަރު ފަސް

އަހަރެމެން ދެމީހުންގެ ގުޅުމަށް 2 އަހަރަށްވުރެ ގިނަ ދުވަސްވީއެވެ. މާ ގިނަ ދުވަހު ކައިވެނި ނުކޮށް ރައްޓެހިވެގެން އުޅޭކަށް ދެފަރާތުގެ އާއިލާއިން ވެސް ބޭނުމެއް ނުވެއެވެ. އަހަރެން ވެސް އަހަރެންގެ ލޯބިވެރިޔާ ވެސް އުޅެމުން ދިޔައީ ސަރުކާރުގެ ރަނގަޅު ވަޒީފާއެއްގައި ކަމަށް ވާތީ ދެމީހުން ވެސް ނިންމީ ކައިވެނި އަވަސް ކުރުމަށެވެ.

އަހަރެން ހުރީ ވަރަށް ވެސް އުފަލުންނެވެ. ކުރެވެން އުޅޭ ކައިވެންޏާ މެދު ކުރަމުން ދިޔައީ ފޮނި އުއްމީދު ތަކެކެވެ. ދެކެމުން ދިޔައީ ރީތި ހުވަފެންތަކެކެވެ. ފަހަރުގައި ވެސް އެ ހުވަފެންތައް ބިލާހަކަށް ބަދަލުވެގެން ދާނެ ކަމަކަށް އަހަރެން އުއްމީދެއް ނުކުރަމެވެ. ނަމަވެސް ކަންވީ އެހެނެއް ނޫނެވެ.

އަހަރެންގެ ލޯބިވެރިޔާއަށް ބަދަލުތަކެއް އަންނަން ފެށިއެވެ. އަހަރެންނާ އެހާ ލޯބިން ވާހަކަ ދައްކަމުން ދިޔަ އަހަރެންގެ ލޯބިވެރިޔާ އަހަރެންނާ ވާހަކަ ދައްކާ ވަގުތުތައް މަދުވާން ފެށިއެވެ. އަހަރެންނަށް އޭނާ އުޅޭ ނޫޅޭ ތަނެއް ނޭނގެއެވެ. ދިމާވިޔަސް އޭނާ ހީވަނީ ކަމަކާ ދެރަވެފައި ހުންނަ ހެންނެވެ. އަހަރެން ސުވާލު ވެސް ކުރީމެވެ. އޮފީހުގައި ނުވަތަ ގޭގައި ކަމެެއް ދިމާވީ ތޯއެވެ. ނުވަތަ އޭނާ ބަލީތޯއެވެ. ނަމަވެސް އެއިން އެއްވެސް ކަމެއް ވެސް ނުވާ ކަމަށް އޭނާ ބުންޏެވެ.

އެއް ދުވަހެއްގެ ހަވީރުގެ ވަގުތެވެ. އަހަރެމެން ދެމީހުން ބައްދަލުވީ، އޭނާ ބޭނުންވި ފަދައިން އަހަރެމެން ދެމީހުން ފުރަތަމަ ބައްދަލުވި މަންޒިލުންނެވެ. ރާޅުގަނޑު ސަރަހައްދުންނެވެ. އަހަރެމެން ދެމީހުން އެތަނުގައި ތިބެ އެތައް ވާހަކައެއް ދެއްކީމެވެ. ނަމަވެސް އޭނަ ދައްކަން ފެށި ވާހަކައަކުން އަހަރެންގެ ލޯ ކަރުނުން ފުރެން ފެށިއެވެ.

އޭނާ ނެތް ދުނިޔެއެއްގައި ވެސް ކެތްތެރިވުމަށް އޭނާ އަހަރެންގެ ގާތުގައި ބުންޏެވެ. ދުވަހަކު ވެސް އޭނާގެ މަތިން ހަނދާން ނައްތާ ނުލުމަށް އޭނާ ބުންޏެވެ. އަދި އަބަދުވެސް އޭނާ އަހަރެން ދެކެ ލޯބިވާނެ ކަމަށާއި އަބަދުވެސް އޭނާ ދެކެ އަހަރެން ވެސް ލޯބިވާނެ ކަމަށް އަހަރެން ލައްވާ އޭނާ ވައުދު ކުރުވިއެވެ. އަހަރެން ވައުދު ވީމެވެ. އެންމެ ފަހު ވިންދާ ޖެހެންދެން ވެސް އޭނާ ދެކެ އަހަރެން ލޯބި ވާނެ ކަމުގައެވެ.

އެވާހަކަތައް ދެއްކީ ކޮން ސަބަބަކާ ހުރެތޯ އަހަރެން ތަކުރާރުކޮށް ސުވާލު ކުރަމުން ގެންދިޔައީމެވެ. އޭނާގެ ޖަވާބަކަށް ވީ މާދަމާ ވެސް މަރު ނުވާނެކަން އެނގެނީ ކިހިނެއްތޯއެވެ. ކަމެއް ނުވާ ކަމަށާއި އޭނާގެ ހާލުވެސް ރަނގަޅު ކަމަށް އޭނާ ބުންޏެވެ. އަހަރެންގެ ތެޅިތެޅި އޮތް ހިތަށް ހަމަޖެހުމެއް ލިބުނީ އެހިސާބުންނެވެ.

އަހަރެމެން ދެމީހުންގެ ކައިވެނީގެ ކަންތައްތައް ތައްޔާރު ވަމުން ދިޔައެވެ. ކައިވެންޏަށް މިހާރު އޮތީ ދޮޅު މަސް ދުވަހެވެ. ނަމަވެސް ކައިވެންޏާމެދު އޭނާ މާ އުފާވެފައި ހުރި ހެންނެއް އަހަރެންނަކަށް ހިޔެއް ނުވެއެވެ. އޭނާގެ މޫނުމަތީގައި ކުރިން ހުންނަ އުޖާލާކަމެއް އަހަރެންނަކަށް ނުފެނުނެވެ.

އެއް ދުވަހަކު އޭނާ އަހަރެންނަށް ގުޅުމަށްފަހު ވަރަށް ބޮޑު ވާހަކައެއް ދައްކަން އެބައޮތް ކަމަށާއި ބައްދަލުވުމަށް އެދުނެވެ. އަހަރެން ގާތުގައި ވަކި ވަގުތަކަށް ތައްޔާރުވެ ހުރުމަށް އޭނާ އެދުނެވެ. އަހަރެން އެވަގުތަށް ތައްޔާރުވީމެވެ. އަހަރެންގެ ހިތުގެ ތެޅުން އަވަސް ވަމުން ދިޔައީ އޭނާ ދައްކަން އުޅޭ ވާހަކައެއް ނޭނގޭތީއެވެ. އަބަދުވެސް ވަގުތަށް ފަރުވާތެރިކޮށް ހިތާ އަހަރެންގެ ލޯބިވެރިޔާ މިއަދު އޭނާ ބުނި ގަޑި ފާއިތުވެގެން ގޮސް އެތައް އިރެއް ވެގެން ދިޔައިރު ވެސް ނާދެއެވެ. 4 ޖަހާއިރު އަންނަން ބުނި މީހާ އައީ ފަހެއް ޖަހާ ވެސް ބޮޑުވި ފަހުންނެވެ.

އޭނާގެ މޫނުމަތިން ފެންނަމުން ދިޔައީ ވަރުބަލިކަމެވެ. ދިރިއުޅުމާމެދު ފޮނި އުއްމީދުތަކެއް ދެކެމުންދިޔަ އަހަރެންގެ ލޯބިވެރިޔާއަށް ވީ ކިހިނެއްބާވައޭ އަހަރެންގެ ހިތަށް އެރިއެވެ. އަބަދުމެ ހިނިތުންވެފައި ހުންނަ އަހަރެންގެ ލޯބިވެރިޔާގެ އެ ރީތި ހިނިތުންވުން ފޭރިގަތީ ކާކުބާއޭ އަހަރެންގެ ހިތަށް އެރިއެވެ. އަހަރެން ސައިކަލަށް އެރުމުން އޭނާ އަނެއްކާވެސް ދިޔައީ އަހަރެމެން ދެމީހުން ފުރަތަމަ ބައްދަލުވީ ތަނަށެވެ.

އޭނާ އަހަރެންގެ ގާތުގައި ބުނި ވާހަކައިން އަހަރެންގެ ހިތް ފަޅައިގެން ދިޔައެވެ. ބޭއިހްތިޔާރުގައި އަހަރެންގެ ދެލޮލުން ހޯސްލައިފައި ކަރުނަތައް ފައިބަން ފެށިއެވެ. އޭނާ ބުނީ އަހަރެން ދެކެ އޭނާ މިހާރު ލޯބި ނުވާ ކަމަށެވެ. އަދި އަހަރެންނާއެކު ގުޅުން ކުރިއަށް ގެންދަން ބޭނުން ނުވާ ކަމަށާއި އޭނާ ލޯބިވާ އެހެން ކުއްޖަކު ހުންނަ ކަމުގައި އޭނާ ބުންޏެވެ. އަހަރެެން ބުނާނީވެސް ކީކޭ ހެއްޔެެވެ. ދާދި އިހަކަށް ދުވަހު އަހަރެންގެ ގާތުގައި އަބަދުވެސް ލޯބިވާނަމޭ ބުނި މީހާ މިއަދު އެބުނަނީ އަހަރެން ދެކެ ލޯބި ނުވާ ވާހަކަ ވިއްޔާއެވެ.

އަހަރެން އޭނާ ދެެކެ ރުޅި އަންނަން ބޭނުންވިއެވެ. ނަމަވެސް އެކަމެއް އަހަރެންނަކަށް ނުވިއެވެ. ހިތުގައިވި ޒަހަމުތަކާ އެކުވެސް އަހަރެންނަށް އޭނާގެ ގައިގައި ބައްދައިގަނެ ރޮވެން ފެށުނެވެ. އޭނާވެސް ރޮމުން ދިޔަކަން އަހަރެންނަށް އެނގުނެވެ. ދެމީހުން އެތައް އިރެއް ވަންދެން އެތަނުގައި ތިބުމަށްފަހު އޭނާ އަހަރެން ގެއަށް ލައިދޭން ދިޔައެވެ. ގެއަށް ލައިދިނުމަށްފަހު އޭނާ އަހަރެންގެ ގައިގައި ބައްދާލިއެވެ. ނުހަނު ލޯބިންނެވެ. އަދި އަހަރެންގެ ނިތުގައި އޭނާ ބޮސްދިނެވެ. އެއަށް ފަހު އެނބުރި ބަލާލުމެއް ނެތި އޭނާ ގޮސް އޮބާލައިފިއެވެ.

ގެއަށް ވަތް ގޮތަށް އަހަރެން ދިޔައީ ކޮޓަރިއަށެވެ. ދުވަހަކު ވެސް ނުރޯ ވަރަށް އަހަރެން އެދުވަހު ރުއީމެވެ. އޭގެ ފަހަށް އެއަށްވުރެ ގިނައިން ރޯން ޖެހޭ ދުވަހެއް އަންނަން އޮތްކަމުގެ ޚިޔާލެއް ވެސް ނެތިއެވެ. އެ ދުވަހަށް ފަހު އޭނަގެ ހަބަރެއް އަހަރެންނަކަށް ނުވިއެވެ.

އެއް ދުވަހެެއްގެ ހެނދުނުގެ ވަގުތެވެ. އަހަރެންނަށް ހޭލެވުނީ ފޯނު ރިންގުވާ އަޑަށެވެ. ފޯނުގެ ސްކްރީނަށް ބަލައިލުމުން ގުޅަނީ އޭނާގެ މަންމަކަން އެނގުނެވެ. ފޯނު ނަގައި ވާހަކަ ދައްކަން ފެއްޓީމެވެ. ވީ ކިހިނެއްތޯ އަހަރެން ސުވާލު ކުރީމެވެ. އަހަރެންގެ ލޯބިވެރިޔާ ހާލުދެރަވެގެން އައިސީޔޫގައި އެޑްމިޓް ކުރީ ކަމުގައި ބުންޏެވެ. އަހަރެންގެ ފައިދަށުން ބިންގަނޑު ދެމިގަތް ކަހަލައެވެ. ވަގުތުން އަހަރެން ހޮސްޕިޓަލަށް ދިޔައީމެެވެ.

އަހަރެންނަށް ހޮސްޕިޓަލަށް ދިޔައީ އަހަރެންގެ ލޯބިވެރިޔާއާ ވާހަކަ ދައްކާލެވޭނެ ކަމުގެ އުއްމީދުގައެވެ. އެހެން ނަމަވެސް އޭރު ވަގުތު ފާއިތު ވެއްޖެއެވެ. އަހަރެންނަށް ހޮސްޕިޓަލަށް ގޮސް ވަނުމާއެކު ލިބުނީ މާ ހިތާމަވެރި ހަބަރެކެވެ. އެ ހަބަރު ލިބެންދެން ދުނިޔޭގައި އަހަރެން ނުހުރި ނަމައޭ އަހަރެންގެ ހިތަށް އެރިއެވެ. ނުވަތަ އެއީ ހުވަފެނަކަށް ވީ ނަމައޭ އަހަރެން ހިތަށް އެރިއެވެ. ނަމަވެސް އެއީ ހިތި ހަގީގަތެވެ. އަހަރެންގެ ލޯބިވެރިޔާ މި ފަނާވަނިވި ދުނިޔެއާ އަލްވަދާއު ކީއެވެ.

އަހަރެންގެ ލޯ ކުރިމަތީގައި އަހަރެންގެ ލޯބިވެރިޔާގެ ފުރާނަ ނެތް މަސްގަނޑު އައިސީޔޫ އިން ނެރެވުނެވެ. އަހަރެންނަކަށް ކެތެއް ނުކުރެވުނެވެ. އޭނާގެ މޫނުގައި އަޅާފައިވާ ފޮތިގަނޑު ހިއްލާ އޭނާގެ މޫނު ބަލާލަން އަހަރެން ބޭނުންވިއެވެ. ނަމަވެސް އަހަރެންގެ ގާތުގައި ކެތްތެރިވުމަށް އޭނާގެ އާއިލާގެ މީހުން އެދުނެވެ. އަހަރެންގެ ލޯބިވެރިޔާގެ މަރު ސާބިތު ކުރެވި އާސަހަރާ އަށް ގެންދާ ވަގުތު ޖެހިއްޖެއެވެ.

އަހަރެންގެ ހިތުގައި އެވަގުތު އެތައް ސުވާލެއް އުފެދުނެވެ. ކުއްލިއަކަށް މިވީ ކިހިނެއް ބާވައެވެ. އޭނާ ކުރިންވެސް އުޅުނީ ބަލިވެ ބާވައެވެ. އަހަރެންނަށް އޭނާ ސިއްރު ކުރީ ކޮން ކަންތައްތަކެއް ބާވައެވެ. އެފަދަ އެތައް ސުވާލު ތަކަކުން އަހަރެންގެ ސިކުނޑި ހާސް ވަމުން ދިޔައެވެ. އަހަރެން ބައްޕައާ އެކު އާސަހަރާ އަށް ގޮސްފީމެވެ.

އެތަނުގައި އަހަރެންގެ ރަހުމަތްތެރިން ވެސް ތިއްބެވެ. އެއީ އޭނާގެ ވެސް ރަހުމަތްތެރިންނެވެ. އެމީހުން ފެނުމާއެކު އަހަރެންގެ ބަޑިި ފަޅައިގެން ދިޔައެވެ. ހިފަހައްޓައިގެން ހުރި ކަރުނަތައް ހިފެހެއްޓުމެއްނެތި ހޯސްލާފައި ކޯތާފަތް މައްޗަށް ފައިބައިގަތެވެ. ކުއްލިއަކަށް ފެނުނު މަންޒަރަކީ އަދި މާ ހިތާމަވެރި މަންޒަރެކެވެ. އަހަރެންގެ ލޯބިވެރިޔާގެ މަންމަގެ ހާލު ދެރަވެގެން ހޭ ނެތުނު މަންޒަރެވެ. ހޭ އަރާ އިރަށް މަގޭ ދަރިފުޅާއޭ ކިޔާ އޭނާއާ ދިމާއަށް ދުއްވައިގަނެއެވެ. ނަމަވެސް ވަކި ހިސާބަކަށް ދެވެން ވާއިރަށް އަނބުރައި ގަންނަނީއެވެ. އެ ފަކީރުގެ ހާލު ފެނި އަހަރެންގެ ހިތް ފަޅައިގެން ދިޔައެވެ. ވާނީ ވެސް އެހެންނެވެ. ހުރި ހަމައެކަނި ފިރިހެން ދަރިފުޅު މި ދުނިޔެއާ އަލްވަދާއު އެ ކީ އެކަމުގެ ހިލަމެއް ވެސް ނުވެ ހުއްޓާ އެވެ.

ހޭނެތުނު ނަމަވެސް ހޮސްޕިޓަލަށް ނުގެންގޮސް ވޭތޯ މަސައްކަތް ކުރިއެވެ. ދަރިފުޅުގެ އެންމެ ފަހު ވަގުތު ވެސް ގާތުގައި ހުންނަން ބޭނުންވާނެތީއެވެ. އަހަރެންގެ ލޯބިވެރިޔާ ހިނަވައި ކަފުން ކޮށް ގެނެސް މޫނު ބަލަން ހަމަޖެހިފައިވާ ތަނުގައި ބާއްވައިފިއެވެ. އެންމެ ފަހު ފަހަރަށް މޫނު ބަލައިލުމަށް އޭނާގެ އާއިލާ އާއި ރައްޓެހިން ވަންނަން ފެށިއެވެ. އޭނާ އަކީ ރައްޓެހިންނާއި ދަންނަ މީހުން ގިނަ މީހެއް ކަމުން ގިނަ ބަޔަކު އެއްވެފައި އޮތެވެ.

އަހަރެންވެސް އަހަރެންގެ ދައްތައަކާ އެކު މޫނު ބަލަން ވަނީމެވެ. އޭރުވެސް އަހަރެންގެ ދެލޮލުން ކަރުނަތައް އޮހޮރެމުން ދިޔައެވެ. އަހަރެން ވަދެ އޭނާގެ މޫނަށް ބަލައިލީމެވެ. އެވަގުތު އަހަރެންނަކީ އޭނާގެ އަނބިމީހާ ނަމައޭ އަހަރެންގެ ހިތަށް އެރިއެވެ. އޭނާގެ ނިތުގައި ބޮސްދިނުމުގެ ނަސީބު އެހެންނަަމަ އަހަރެންނަށް ލިބުނީހެވެ. އަހަރެން ހިތާހިތާ އަހަރެންގެ ލޯބިވެރިޔާއާ ވާހަކަ ދެއްކީމެވެ.

އަހަރެން ދޫކޮށް ދުވަހަކުވެސް ނުދާނަމޭ ބުނެ ދޮގު ހެދީ ނޫން ހެއްޔެވެ. އަހަރެން މިއަދު އެކަނިވެރި ވެއްޖެއެވެ. ލޯބިވެރިޔާ އަހަރެންގެ ގާތުގައި ނެތުމުން ދުނިޔޭގެ ދިރިއުޅުން މަތިން ފޫހި ވެއްޖެއެވެ. އަހަރެންގެ ގާތުގައި ލޯބި ނުވާކަމަށް ބުނެ ވެސް އޮޅުވާލީ ނޫން ހެއްޔެވެ. ކައިވެނި ކޮށްގެން އެކުގައި ދިރިއުޅުން ހޭދަކުރުމަށް ކިހާ ގިނަ އުއްމީދު ތަކެއް އަހަރެމެން ކުރީމެއް ނޫން ހެއްޔެވެ. ލޯބިވާއެވެ. އެންމެ ފަހަރަކު ނަމަވެސް ލޯ ހުޅުވާލަބަލާށެވެ. ތިޔަ ހިތްގައިމު އަޑުން އަހަރެން ދެކެ ލޯބިވާ ވާހަކަ އަދި އެންމެ ފަހަރަކު ވެސް ބުނެލަދީބަލާށެވެ.

އަހަރެން އޭނާގެ މޫނަށް ބަލަހައްޓައިގެން އިރުކޮޅަކު ހުރުމަށް ފަހު އެތަނުން ދާން ހިނގައިގަތީމެވެ. ދެން ދުވަހަކުވެސް އެ ސޫރަ އަހަރެންގެ ދެލޮލަށް ނުފެންނާނޭ ކަން އެނގިހުރެމެއެވެ. ނަމަވެސް ކުރާނީ ކީއްހެއްޔެވެ. ތަގުދީރުގެ ނިޔާ އަކީ މިއީއެވެ. އަހަރެމެން އެންމެންވެސް ތަބާ ވާން ޖެހޭނެއެވެ. އަހަރެން އޭނާގެ މޫނު ބަލައި ނިންމުމަށް ފަހު ބޭރުގައި މަޑުކޮށްލީމެވެ. ކަށު ނަމާދު ކުރުން އޮތީ މަޣްރިބް ނަމާދަށް ފަހުގައެވެ. ގަޑިން އަދި 4:45 އެވެ. އެހެންކަމުން ގަޑިއިރަކަށްވުރެ ގިނައިރު އޮތީމައެވެ.

އަހަރެން އެތަނުގައި މަޑުކޮށްލައިގެން ހުއްޓާ އޭނާގެ ބޭބެއެއް އައިސް އަހަރެންނަށް ގޮވާލިއެވެ. އަދި ވަރަށް ބޮޑު ވާހަކައެއް ދައްކަން އެބައޮތް ކަމުގައި ބުންޏެވެ. އަހަރެން އަޑުއަހަން ހުރީމެވެ. އޭނާގެ ބޭބެ ކިޔައިދިނެވެ. އަަހަރެމެންގެ ކައިވެންޏަށް ދެތިން މަހަށް ވެފައިވަނިކޮށް އަހަރެންގެ ލޯބިވެރިޔާ ބަލިވާން ފެށި ކަަމަށެވެ. އަބަދު މެއަށް ތަދުވެ ކެއްސާ އުޅެން ފެށިއެވެ. ހުން އައިސް ވަރު ދެރަވާން ފެށިއެވެ. ގައި ކަހާ ގައިގެ ހަންގަނޑަށް އެކި ކަހަލަ ބަދަލުތައް އަންނަން ފެށިއެވެ.

އެހިސާބުން އޭނާ ގޮސް ޑޮކްޓަރަށް ދެއްކިއެވެ. ހުރިހާ ޓެސްޓުތަކެެއް ހެދުމުން އެނގުނީ އޭނާއަށް ކެންސަރު ޖެހިފައިވާ ކަމެވެ. ލޭގެ ކެންސަރެވެ. އަދި އޭނާ ހުރީ ކެންސަރުގެ އެންމެ ނުރައްކާތެރި ހިސާބުގައި ކަމަށް ވެސް ބުންޏެވެ. އަހަރެން ހައިރާން ވިއެވެ. އޭގެން އެއްވެސް ކަމެއް އަހަރެންނަށް ނޭނގި އޮތީމައެވެ. އޭނާގެ ބޭބެ ބުނީ އެކަންކަން ސިއްރުކުރަން އޭނާ ބޭނުންވީ ކަމަށެވެ. އެކަން އެނގޭނީ އޭނާގެ މަންމަ އާއި ބައްޕަ އާއި އޭނާގެ އެ ބޭބެއަށް އެކަނި ކަމަށްވެސް ކިޔައިދިނެވެ.

އަހަރެން ހާސްވެ ކަންބޮޑުވެދާނެ ކަމަށް ޓަކައި އަހަރެންގެ ގާތުގައި އެވާހަކަ ބުނަން އޭނާ ބޭނުން ނުވީއެވެ. އެ ދުވަހު ރާޅުގަނޑުން ބައްދަލުވެ އަހަރެން ލައްވާ އެ ވައުދުތައް ކުރުވި ސަބަބު ވެސް އަދި މި އެނގުނީއެވެ. އަހަރެންނަށް އަނެއްކާ ވެސް ރޮވެން ފެށިއެވެ. ހަގީގަތް އެނގުމުންނެވެ. އަހަރެން ހީކުރީ އަހަރެން އޭނާ ދެކެ ވަމުން ގެންދިޔަ ތެދުވެރި ލޯބީގައި ކޮޅުފައިން ޖަހާ އޭނާ ބޭވަފާތެރިވީ ކަމުގައެވެ. ނަމަވެސް ކަންވީ އެހެނެއް ނޫންތާއެވެ. އޭނާ އަހަރެންނަށް "ބޭވަފާތެރި" އެއް ނުވެއެވެ.

އަހަރެން އިރުކޮޅަކުން އަނެއްކާވެސް އަހަރެންގެ ލޯބިވެރިޔާގެ ހަށިގަނޑު ބޭއްވިފައިވާ ތަނަށް ވަދެފީމެވެ. އޭރު މީހުން މަދެވެ. އަހަރެން އޭނާގެ މޫނަށް ބަލަހައްޓައިގެން އެތައް އިރަކު ހުރީމެވެ. ނަމަވެސް އެ ވަގުތު ފާއިތުވެގެން ދާކަށް ހިނދުކޮޅެއް ވެސް ނުނެގިއެވެ. އަހަރެންގެ ލޯބިވެރިޔާގެ މޫނު އަޅާ ވަގުތު ވެސް އައިސް ޖެހުނީއެވެ. އަހަރެންނަށް ދެން އޭނާގެ އެ ރީތި މޫނެއް ނުފެންނާނެއެވެ. އަހަރެންގެ ލޯ ކުރިމަތީގައި އޭނާގެ މޫނު އަޅައިފިއެވެ.

މޫނު އެޅުމަށްފަހު ސަންދޯކަށް ވެސް އޭނާ ލެވުނީ އަހަރެންގެ ކުރިމަތީގައެވެ. ސަންދޯކަށް ލައިގެން އަހަރެންގެ ލޯ ކުރިމަތީގައި އެ ގެންދެވުނީ މި ދުނިޔޭގައި އަހަރެން އެންމެ ލޯބިވީ އިންސާނާއެވެ. ކަށު ނަމާދުކޮށްގެން އަހަރެން އެތައް އިރެއްވަންދެއް އޭނާ އަށް ހެޔޮދުއާ ކުރީމެވެ. އަދި އަހަރެން ގެއަށް ދިޔައީ ވެސް ކަރުނުން ފުރިފައިވާ ހާލުގައެވެ.

އަހަރެން މިއަދުވެސް އޭނާ މަތިން ހަނދާންވުމުން ރާޅުގަނޑު ސަރަހައްދަށް ދަމެވެ. އެ ތަނަކީ އަހަރެމެން ދެމީހުންގެ ހާއްސަ ތަނެކެވެ. އެތަނަށް ދިއުމުން އެތައް ހަނދާންތަކެއް އައު ވެގެން ދެއެވެ. އަހަރެން އެ ހަނދާންތައް އައު ކުރާނީ އަބަދުވެސް ހިނިތުންވެ ހުރެއެވެ. "

މިއީ މި ހާދިސާގެ މައްޗަށް މާނަ ނޯޅޭނޭހެން ހަދާފައިވާ ލަވައެކެވެ.

އެ ޒުވާނާ މި ވާހަކަ ކިޔައިދީ ނިމުނު އިރު އަޅުގަނޑުގެ މުޅި ގައިން ހީބިހި ނަގައިފިއެވެ. އަދިވެސް އެ ޒުވާނާ މީހަކާ ކައިވެންޏެއް ނުކުރެއެވެ. ލޯބީގެ ގޮތުން މީހަކާ ނުވެސް ގުޅެއެވެ. އޭނާ އަކީ ޞާލިހު އަޅުވެރި އަންހެނެކެވެ. ހިތްވަރުގަދައެވެ. އޭނާ އަބަދުވެސް އޭނާގެ ލޯބިވެރިޔާއަށް ހެޔޮދުއާ ކުރާނެކަން ގައިމެވެ.

Ads by Allied Insurance
  1. މާއިލް

    ވަރައް ވެސް ފުރިހަމަ ވާހަކައެއް އަދި ވަރަށް އަސަރުގަދަ ވާހަކައެއް

  2. ޢަހުމަދު

    ތި ވާހަކަ އިން ގިނަ ފަރާތްތަކައް އިބްރަތެއް ހާސިލް ވާނެ ކަން ޔަޤީން. ޢެއްވެސް އިންސާނަކަށް ﷲ ދެރަގޮތެއް މެދުވެރި އެއް ނުކުރަށްވާނެ . ކަމަނާއަށް އުފާވެރި ދިރިއުޅުމެއް ދެއްވާށި އާމީން.

  3. ޢަމިއްލަ

    އެފިރިހެން ކުއްޖާއަށް ސުވަރުގޭގެ އަލް ފިރްދައެުސް ދެއްވާށި. އަންހެން ކުއްޖާއަށް އިންނަން އުޅުނު ފިރިހެން މީހާއަށް ވުރެ ރަގަނޅު ފިރިއެއް ދެއްވާށި.

  4. އަލީ

    މިހާރު ސްކޫލް ނިންމިތާ 7 އަހަރު. އަންކުދިންނާ ވަރަށް މަދުން ނޫނީ ވާހަކަ ނުދައްކަން. އަދިވެސް މީހަކާ ރައްޓެސް ނުވަން. ތި ކަހަލަ ކުއްޖަކާ ނޫނީ ރައްޓެހި ނުވާންވެގެން. ތި ވާހަކައިން ވަރަށް އިބްރަތް ލިބިއްޖެ! މާތް ﷲ ތި ދެ މީހުންނަށް ރަހްމަތް ލައްވާށި! އާމީން