ޚަބަރު

އަކްރަމް ވަކިކުރަން ނިންމީ ސުލޫކީ މައްސަލައެއްގައި: ރޮޒައިނާ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

އިލެކްޝަންސް ކޮމިޝަންގެ ކުރީގެ ނައިބު ރައީސް އަހުމަދު އަކްރަމް، އެމަގާމުން ވަކިކުރަން ނިންމީ ސުލޫކީ މައްސަލައެއްގައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތްކުގެ ކޮމިޓީގެ މުގައްރަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެ އެވެ.

Ads by MWSC

މިރޭ ރޮޒައިނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އީސީގެ ކުރީގެ ނައިބު ރައީސް އަކްރަމް އެމަގާމުން ވަކިކުރަން ފޮނުވަން މިނިވަން މުވައްސަސާތަކުގެ ކޮމިޓީން ނިންމީ ސުލޫކީ މައްސަލައެއްގެ މައްޗަށް ކަމަށެވެ.

އިލެކްޝަންސް ކޮމިޝަންގެ މުވައްޒަފުންނާ ވާހަކަ ދެއްކުމުގައި، އެކޮމިޝަން މެންބަރެއްގެ ގޮތުން ހިފަހައްޓަން ޖެހޭ އަހުލާގީ މިންގަނޑުތައް އަކުރަމް ހިފަހައްޓާފައި ނުވާ ކަމަށް ކޮމިޓީގެ މެމްބަރުންނަށް ގަބޫލުކުރެވޭތީ ކަމަށް ވެސް ރޮޒައިނާ ވިދާޅުވިއެވެ.

އީސީގެ މުވައްޒަފުންތަކަކަށް ޖިންސީ ފުރައްސާރަ ކުރިކަމުގެ ތުހުމަތު، އެމުވައްޒަފުން ވަނީ މަޖިލިހުގެ މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމިޓީއަށް ހުށަހަޅުއްވާފައެވެ. އަދި އެކަމާއި ގުޅިގެން މިމަހުގެ 19 ވަނަ ދުވަހު އަކުރަމް ވަނީ އެމަގާމުން އަމިއްލަފުޅަށް އިސްތިއުފާ ދެއްވާފައެވެ.

އިސްތިއުފާ ސިޓީގައި އަކުރަމް ވިދާޅުވީ އެތުހުމަތުތަކަކީ ހަގީގަތެއް ނެތް ތުހުމަތުތަކެއް ކަމަށާއި ބައެއްގެ ރޭވުމުގެ މަތިން ހިންގާފައިވާ ކަމެއް ކަމަށެވެ.

އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފު ވެސް ވަނީ އަކުރަމް ދިފާއު ކުރައްވާ، އޭނާއަކީ އެފަދަ ކަމެއް ކުރާނެ މީހެއް ނޫން ކަމުގައި ވިދާޅުވެފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!