މި ސަރުކާރުގެ ކޯލިޝަނުން ދައްކުވައި މިދެނީ ކޯލިޝަނަކީ ދެމި އޮވެވޭނެ ފޯމިއުލާއެއްކަން : އެމްއާރްއެމް

މި ސަރުކާރުގެ ކޯލިޝަނުން ދައްކުވައި މިދެނީ ކޯލިޝަނަކީ ދެމި އޮވެވޭނެ ފޯމިއުލާއެއްކަމަށް މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) ގެ އެގްޒެކެޓިވް ކޮމެޓީ މެމްބަރު މުހައްމަދު ރާއިދު ވިދާޅުވެއްޖެއެވެ.
ރާއިދު މިހެން ވިދާޅުވެފައިވަނީ ރާއްޖެ ޓީވީގެ "ފަލަ ސުރުހީ" ޕްރޮގްރާމްގައި ވާހަކަދައްކަވަމުންނެވެ.
މި ސަރުކާރަކީ ކާމިޔާބު ކަމާއެކު ކަންތައްތައް ކުރެވެމުން އަންނަ ސަރުކާރެއްކަން އޭނާ ވަނީ ފާހަގަ ކޮށްފައެވެ. އަދި ސަރުކާރުގެ ހިންގުން ވަރަށް ބާރަށް ކުރިޔަށްދާ ކަމަށާއި، ފާއިތުވެދިޔަ ދެ އަހަރު ތަރައްގީގެ ގިނަ މަޝްރޫއުތައް ކުރިޔަށް ގެންގޮސްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ރައީސް ސޯލިހްއަށް ތައުރީފުކޮށްް ރާއިދު ވިދާޅުވީ ކޮވިޑް-19 މި ހާލަތުގައި ކުރެވުނު ހުރިހާ ކަމަކީވެސް ވަރަށް ކާމިޔާބު ކަމާއެކު ކުރެވުނު ކަންތައްތަކެއް ކަމަށާއި މި ޕެންޑެމިކް ހާލަތުގައި ކުރެވުނު
ުމަސައްކަތަކީ ރައީސް ސޯލިހް ގެ ދުރުވިސްނުމާއެކު ކުރެވުނު ކަންތައްތަކެއް ކަމަށެވެ.
މީގެ އިތުރުން ރާއިދު ވިދާޅުވީ ކޯލިޝަން ދެމި އޮންނާނީ ލީޑަރުން އެކުވެރިކަމާއެކު ކަންތައްތަކާ މަޝްވަރާ ކޮށްގެން ކަމަށެވެ. އެގޮތުން ގައުމީ ބޮޑެތި ކަންކަމުގައި މިހާތަނަށް އެމްއާރްއެމް އާއި ސަރުކާރުން މަޝްވަރާ ކޮށްފައިވާ ކަމަށް ފާހަގަ ކުރެއްވިއެވެ.