ހިޖާބީ މޮޑެލް ހާލިމާ، ދީނަށްޓަކައި މޮޑެލް ކުރުން ހުއްޓާލައިފި!
ބުރުގާ ނުވަތަ ހިޖާބު އަޅައިގެން އެންމެ ފުރަތަމަ މޮޑެލްކޮށް، 2017 ވަަނަ އަހަރު މަޝްހޫރު "ވޯގް" މެގަޒިންގެ ކަވަރއަށް އެރި ހާލިމާ އޭޑެން، އިސްލާމްދީނަށް ޓަކައި މޮޑެލް ކުރުން ހުއްޓާލައިފިއެވެ.
ސޯމާލިއާ އަށް އުފަން އުމުރުން 24 އަހަރުގެ ހާލިމާ ބުނީ، ދީނަށްޓަަކައި މޮޑެލް ކުރުން ހުއްޓާލުމަށް އެންމެ ބޮޑު ހިތްވަރުދީ، އޭނާއަށް އެންމެ ބޮޑަށް ވިސްނައިދިނީ އޭނާގެ މަންމަ ކަމަށެވެ.
މޮޑެލް ކުރުން ހުއްޓާލިކަން އިންސްޓްގްރާމްގައި ރަސްމީކޮށް އިއްޔެ އިއުލާނު ކުރަމުން ހާލިމާ ބުނީ ދުނިޔެއަށްޓަކައި އޭނާއަށް ދީން ދޫކޮށްލެވުނީ ކަމަށެވެ.
"ހަގީގަތުގައި ބުރުގާ އަޅައިގެން މޮޑެލް ކުރަން އެމީހުން އަހަންނަށް ފުރުސަތު ދިނީކީ ނޫން، އެމީހުން އަހަރެންގެ ބުރުގާ އަށް ހަޖޫ ޖެހީ. އެކަން އަހަންނަށް ވިސްނުނީ އަދި ކިރިޔާ"ހާލިމާ
ހާލިމާ ވަނީ އިންސްޓަގްރާމް މެދުވެރިކޮށް، މޮޑެލިންގެ ދާއިރާގައި އޭނާއަށް ކުރެވުނު ހިތި ތަޖުރިބާތައް ހިއްސާ ކޮށްފައެވެ.
"އަހަރެން މިހާރު ދެރަވޭ، ބުރުގާ އަޅަންވާ ގޮތަށް ނާޅާ، ބަޔަކު އަހަރެން ހައްދަން ބޭނުންހާ ގޮތަކަށް ހެދިގެން ހުރެވުނީތީ. ދެރަވޭ މޭމަތި ރަނގަޅަށް ނިވާނުކޮށް ހަމައެކަނި އިސްތަށިގަނޑު ފޮރުވާލަން ފޮތިކޮޅެއް ބޮލުގައި އޮޅައިގެން ހުރެވުނީތީ. ދެރަވޭ ގަޔަށް ބާރު ހެދުން ލައިގެން ބަޔަކު ބުނީތީ އެމީހުން އެޅުވި ފަށް ދައްކަން ވެގެން ވެސް ބުރުގާ އަަޅަންވާ ގޮތް ނޫން ގޮތަށް އެޅުނީތީ." ހާލިމާ ބުންޏެވެ.
ހާލިމާގެ ވިސްނުން ބަދަލުވާން ފެށީ، ކޮވިޑް-19 ގެ ސަބަބުން ފުރަބަންދުވެ ގޭގައި މަޑުކުރަން ޖެހުމުންނެވެ. އޭނާގެ މަންމަ އޭނާއަށް ވިސްނައިދެމުން ދިޔައީ އެއްވެސް މީހަކު އެހެން ބުނާހާ ކަމެއް ކޮށްދޭން ނުޖެހޭ ކަމަށެވެ.