ދީން

ނުތަނަވަސްކަން ފިލައި، ޙަޔާތް ބަދަލުކޮށްލީ އެންމެ ސަޖިދައަކުން: މަޝްހޫރު ރެޕަރ ޑިއާމްސް އިސްލާމްވި ގޮތުގެ ވާހަަކަ

ދެން އެމްވީ

މިއީ ފްރާންސްގެ މަޝްހޫރު މެލަނީ ޖޯޖްއާދް (އާންމުކޮށް ކިޔާނަމުން ނަމަ ޑިއާމްސް)، މަޝްހޫރުކަމާއި ފައިސާތައް ދޫކޮށް އިސްލާމްދީން ޤަބޫލުކުރި ގޮތުގެ ވާހަކައެވެ.

އޭނާގެ އުމުރުން 23 އަހަރު ފުރުނުއިރު، ޑިއާމްސް ވަނީ އޭނާގެ މިޔުޒިކް އަލްބަމްތަކުގެ ހަތަރު މިލިއަން ކޮޕީ ވިއްކާ، އެތައް އެވޯޑެއް ޙާސިލުކޮށް އެތައް ބައެއްގެ ތަރުހީބުވެސް ހޯދާފައެވެ.
އޭނަ ދިރިއުޅެމުން އައި ގޮތް ފެނިފައި، އޭނާއަށް ދުނިޔެމަތީގެ ހުރިހާ އުފަލެއް ލިބިފައިވެއޭ މީހުންގެ ހިތަށް އެރިއެވެ.
ނަމަވެސް އޭނަގެ ވާހަކައަށް ބަލާލާއިރު، އޭނާ ހުރީ ހާސްކަމާއި ނުތަނަވަސް ކަމާއި އެކަނިވެރި ކަމުގައިކަން ހާމަވެގެން ދެއެވެ. އޭނާގެ ޙަޔާތް ބަދަލުވެގެން ދިޔަގޮތް ބޭރުގެ މީޑިއާތަކާއި ހިއްސާކޮށްފައި ވެއެވެ.

"މަޝްހޫރު މުއްސަނދި މީހެއް ކަމުގައިވީ ނަމަވެސް އަހަރެން އުޅެމުން ދިޔައީ ވަރަށް ވެސް ހިތާމަވެރި އެކަނިވެރި ދިރިއުޅުމެކެވެ. މިބިންމަތީގައި އަހަރެން މިއީ ކީއްކުރާ މީހެއްކަން ނޭނގިގެން އެކަނި އިނދެވެސް އަހަރެން ރުއީމެވެ. މަސްތުވާތަކެތި ބޭނުން ކުރަން ވެސް ފެށީމެވެ. އެއީ ވެސް އަހަރެން ހުރި ހާސްކަމާއި އެކަނިވެރިކަން ފިލުވޭތޯ ކުރަން ފެށި ކަމެކެވެ.
އަހަރެންގެ ހާސްކަން ބޮޑުވެ، ނަފްސާނީ ބަލީގެ ޝިކާރައަކަށްވިއެވެ. އަދި ސައިކޮލޮޖިސްޓެއްގެ އެހީތެރިކަން ހޯދަން ވެސް ފެށީމެވެ.

ޝޯތައް ބާއްވާއިރު މީހުން އަހަންނަށް ތަރުހީބުދީ އަތްޖަހަން ފެށުމުން، އެކަން ހުއްޓާލުމަށް އަހަރެންގެ ރޫހު އެމީހުން ކައިރިން އެދެމުން ދިޔައެވެ. އެކާމިޔާބީއާއި ފައިސާތައް ބޭނުންނުވާން ފެށުނެވެ. މީހުން ހީކުރަމުން އައީ އަހަރެންގެ ދިރިއުޅުން ވަރަށް ވެސް ފުރިހަމަ ކަމަށެވެ. ނަމަވެސް އަހަރެންގެ ދިރިއުޅުން އެކަނިވެރިއެވެ. ދިރިއުޅެން ވެސް ބޭނުމެއް ނުވިއެވެ.

އަހަރެންގެ ދިރިއުޅުން ބަދަލުވީ މުސްލިމު އެކުވެރިއަކާއި ބައްދަލުކުރި ދަތުރެއްގެ ތެރޭގައެވެ. އޭނަ އަހަރެން ކައިރީ ބުނި ނަމާދު ކޮށްގެން އެބަ އަންނަކަމަށެވެ. އަހަރެން ވެސް ނަމާދު ކުރަން ބޭނުމޭ، އަހަރެން ބުނީމެވެ. އެދުވަހު އޭނާއާއެކު ނަމާދުކޮށް ސަޖިދައަށް ތިރިވެ ބިމުގައި ނިތްކުރި ޖެހުނު ވަގުތު، އަހަންނަށް ކުރެވުނު އިޙުސާސް ބުނެދޭން ވެސް ނޭނގެއެވެ. ދުވަހަކު ނުލިބޭފަދަ ހިތްހަމަ ޖެހުން ލިބުނެވެ. މާތް ﷲ ފިޔަވާ އެހެން އެއްވެސް ފަރާތަކަށް ސަޖިދަ ޖެހުމެއް ނުވާކަން އަހަންނަށް އެވަގުތުން ފެށިގެން ޤަބޫލު ކުރެވުނެވެ.
އަހަރެން ދެކޮނޑުގައި އޮތް ބޮޑު ދެ ބުރަ އެއްކޮށް އުފުލިގެން ދިޔަފަދައެވެ.

އޭގެފަހުން ކީރިތި ޤުރްެއާންގެ ކޮޕީއެއް ހޯދައިގެން، މޮރިޝަސްއަށް ދިޔަ ދަތުރުމަތީގައި އަހަރެން ކިޔެވީމެވެ. ހަމަކަށަވަރުން މާތް ﷲ ވޮޑިގެންވާކަން އެޤުރްއާނުން ހާމަވެގެންވެއެވެ." ޑިއާމްސް ކިޔައިދިނެވެ.

މިހާރު ހިޖާބު އަޅައިގެން ހުރި ޑިއާމްސް ބުނި ގޮތުގައި، އޭނާއަށް ހިޖާބު އެޅުން އެންމެ ފުރަތަމަވީ ދަތި އުނދަގޫ ކަމަކަށެވެ. ހިޖާބު އަޅަން އެންމެ ފުރަތަމަ ތައްޔާރުވެފައި ނެތް ނަމަވެސް، އިސްލާމްދީނާއިމެދު ބޮޑަށް އެނގެން ފެށިފަހުން ހިޖާބު އަޅަންވެސް ޑިއާމްސް ތައްޔާރުވިއެވެ.

"އެއްދުވަހު އަހަރެން މިސްކިތަކުން ނިކުންނަނިކޮށް ބަޔަކު ވަނީ ވީޑިއޯކޮށް އެވީޑިއޯ އާންމުކޮށްފައެވެ. އަހަރެން އިސްލާމްދީން ޤަބޫލުކޮށް މުސްލިމަކަށް ވެއްޖެކަން ނޫސްވެރިންނަށާއި އަަހަރެންގެ ކްރޫއަށް އެދުވަހު އާންމުވެގެންދިޔައެވެ.
ގިނަ މީހުން އަހަންނަށް ފާޑުކިޔެވެ. އަހަންނަކީ ޒުވާނުންނަށް ހުރި ބިރެއް ކަމުގައިވެސް ސިފަ ކުރިއެވެ. އަހަރެންގެ ޓީމް އަހަންނަށް ގެއްލުނެވެ. މީހުން ޤަބޫލުކުރީ އަހަރެން އިސްލާމްދީން ޤަބޫލުކުރީ ބައެއްގެ ނުފޫޛުން ކަމަށެވެ. އަދި އަހަންނަކީ ނުރައްކަލެއް ކަމުގައި އެމީހުން ނިންމިއެވެ.
އަމިއްލަ ސުލްޙަވެރިކަމާއި ރިވެތި ގޮތްތައް އެނގި މީހުންނަށް ވެސް އުނގަންނައި ދިނުމަކީ ނުރައްކަލެއް ހެއްޔެވެ؟" ޑިއާމްސް ބުންޏެވެ.

މީހުންގެ އެފަދަ ފުރައްސާރަ ކުރުމާއި ރަހުމް ކުޑަ ބަސްތަކުން ޑިއާމްސްގެ އަޒުމް ބަލިކަށްޓެއް ނުވެއެވެ. އޭނާ އަދިވެސް ހުރީ އިސްލާމްދީނުގައި ސާބިތުކަން މަތީގައެވެ. ﷲ ޑިއާމްސްއަށް ސާބިތުކަމާއި ކެތްތެރިކަން ދެއްވާށިއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!