މަސްތުވާތަކެއްޗާ ދެކޮޅަށް ހިންގި އޮޕަރޭޝަނެއްގައި 9 މީހަކު ހައްޔަރުކޮށްފި
މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުން ގެންދާ މަސައްކަތްތަކުގެ ތެރެއިން ފުލުހުންގެ އިންޓެލިޖެންސާއި އަތޮޅުތެރޭގައި މަސައްކަތްކުރާ ފުލުހުން ގުޅިގެން ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަންތަކެއްގައި ނުވަ މީހަކު ހައްޔަރު ކޮށްފިއެވެ.
އެގޮތުން ށ. ފުނަދޫގައި ހިންގި އޮޕަރޭޝަނަކީ، ރަށުތެރެ ޕެޓްރޯލުކުރަން އުޅުނު ފުލުހުންނަށް އެރަށުގައި މަސްތުވާތަކެތި ގެންގުޅެ އެތަކެތީގެ ވިޔަފާރި ކުރާކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއް ކަމަށް ފުލުހުން މައުލޫމާތު ދެއްވައެވެ. އެއޮޕަރޭޝަނުގައި އުމުރުން 23 އަހަރުގެ ދެ މީހުންނާއި 34 އަހަރުގެ މީހަކު ހައްޔަރުކޮށްފައި ވެއެވެ. ރޭ ދަންވަރު ހިންގި އެ އޮޕަރޭޝަނުގައި އެ ތިން މީހުން ހައްޔަރުކޮށް ބަލައި ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ސެލޯފިންކޮޅެއް ފެނިފައިވެއެވެ.
ތ. ގުރައިދޫގައި ހިންގި އޮޕަރޭޝަނަކީ އެ އަތޮޅު ދިޔަމިގިލިން އެ ރަށަށް މަސްތުވާތަކެތި ގެންދާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މިމަހުގެ 25 ވަނަ ދުވަހު އިންޓެލިޖެންސާއި ގުރައިދޫގައި މަސައްކަތްކުރާ ފުލުހުން ގުޅިގެން ހިންގި އޮޕަރޭޝަނެއް ކަމަށް މައުލޫމާތު ލިބިފައިވެއެވެ. އެ އޮޕަރޭޝަނުގައި، އެރަށު ބަނދަރުމަތިން އުމުރުން 52 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށް ބަލައި ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ހަތަރު ކަރުދާސްކޮޅު ފެނިފައިވާ ކަމަށް ފުލުހުން ބުނެއެވެ.
އދ. މާމިގިލީގައި ވެސް މަސްތުވާތަކެތީގެ ދެ އޮޕަރޭޝަނެއް ފުލުހުން ހިންގާފައިވެއެވެ. އޭގެ ތެރެއިން އެއް އޮޕަރޭޝަނަކީ މާމިގިއްޔަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މާމިގިލީގައި މަސައްކަތްކުރާ ފުލުހުންނާއި އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެކެވެ. އެ އޮޕަރޭޝަނުގައި އެރަށު ބަނދަރު ސަރަހައްދު ބަލައި ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ދެ ރަބަރު ޕެކެޓު ފެނިފައިވެއެވެ. މި މައްސަލައާ ގުޅިގެން މިހާތަަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.
މީގެ އިތުރުން މާމިގިލީގައި މަސްތުވާތަކެތި ގެންގުޅެ އެތަކެތީގެ ވިޔަފާރިކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން އެރަށު ގެއެއް ބަލައި ފާސްކޮށް މަސްތުވާތަކެއްޗާއެކު އުމުރުން 26 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރު ކޮށްފައި ވެއެވެ. ފުލުހުންވަނީ އޭނާ ދިރިއުޅޭ ގެ ކޯޓުއަމުރެއްގެ ދަށުން އިއްޔެ ބަލައި ފާސްކޮށް، މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ހޮޅިކޮޅަކާއި ކަރުދާސްކޮޅެއް ހޯދާފައެވެ.
ށ. މާއުނގޫދޫގައި ހިންގި އޮޕަރޭޝަނަކީ އެރަށުގައި މަސްތުވާތަކެތި ގެންގުޅެ އެތަކެތީގެ ވިޔަފާރި ކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ފުނަދޫ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއް ކަމަށް ފުލުހުން ބުނެއެވެ. އެ އޮޕަރޭޝަނުގައި އުމުރުން 22 އަހަރުގެ މީހަކާއި، 23 އަހަރުގެ މީހެއްގެ އިތުރުން 24 އަހަރުގެ މީހަކު ހައްޔަރު ކޮށްފައިވެއެވެ. މި އެންމެންނަކީވެސް ދިވެހި ފިރިހެނުންނެވެ.
އެ އޮޕަރޭޝަނުގައި، އެ ތިން މީހުން ދިރިއުޅޭ ގެ ވަކިވަކިން ބަލައި ފާސްކުރިއިރު، 22 އަހަރުގެ މީހާ ދިރިއުޅޭ ގެއިން މަސްތުވާތަކެތިކަމަށް ޝައްކު ކުރެވޭ އެއްޗެއް ހުރި 88 ރަބަރު ޕެކެޓު ފެނިފައިވާއިރު 23 އަހަރުގެ މީހާ ދިރިއުޅޭ ގެއިން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ދެ ކަރުދާސްކޮޅު ފެނިފައިވެއެވެ. އަދި 24 އަހަރުގެ މީހާ ދިރިއުޅޭ ގެއިން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ރަބަރު ޕެކެޓެއް ފެނިފައިވެއެވެ.
މި މައްސަލައާ ގުޅިގެން އެ ތިން މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ފުނަދޫ މެޖިސްޓްރޭޓް ކޯޓަށް ހާޟިރުކުރުމުން މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބޭތިއްބުމަށް 22 އަހަރުގެ މީހާއާއި 23 އަހަރުގެ މީހާއަށް 15 ދުވަސް ދީފައިވާއިރު 24 އަހަރުގެ މީހާއަށް 10 ދުވަސް ދީފައި ވެއެވެ.
ށ. ފޭދޫގައި ހިންގި އޮޕަރޭޝަނަކީ މާލެއިން އެރަށަށް ދާ ބޯޓަކުން މަސްތުވާތަކެތި ގެންދާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ފީވަކު ޕޮލިސް ސްޓޭޝަނާއި، ފުނަދޫ ޕޮލިސް ސްޓޭޝަން އަދި އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެކެވެ. އެ އޮޕަރޭޝަނުގައި 49 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރު ކޮށްފައި ވެއެވެ. މި ހިނގާ ނޮވެމްބަރ 25 ވަނަ ދުވަހު އެރަށު ބަނދަރުމަތިން އޭނާ ހައްޔަރުކޮށް ބަލައި ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 10 ރަބަރު ޕެކެޓު ފެނިފައިވެއެވެ.