ޚަބަރު

"ރަށްރަށުގައި ރާ ވިއްކުމާ ދެކޮޅަށް އަނެއްކާ ވެސް ރައްޔިތުން ތެދުވާން ޖެހޭ"

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

މީހުން ދިރިއުޅޭ ރަށްރަށުގައި ރާ ވިއްކުމާ ދެކޮޅަށް ހުރިހާ ރައްޔިތުން ތެދުވާން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު، އިދިކޮޅު ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

އާދަމް ޝަރީފް މިހެން ވިދާޅުވެފައިވާއިރު މަޖިލީހުގެ އިއްޔެގެ ޖަލްސާގައި ވާހަކަދައްކަވަމުން ތޮއްޑޫ ދާއިރާގެ މެންބަރު ޙަސަން ޝިޔާން ވަނީ މީހުން ދިރިއުޅޭ ރަށްރަށަަށް ދާ ފަތުރުވެރިންނަށް ރާ ވިއްކޭނެ ގޮތް ހަދަން ޖެހޭކަމަށް ވިދާޅުވެފައެވެ.

ޝިޔާން ވިދާޅުވީ ލޯކަލް ޓޫރިޒަމް ރާއްޖޭގައި މިހާ ބޮޑަށް ފެތުރިގެންދާއިރު، ރިސޯޓުތަކަށްދާ ފަތުރުވެރިންނަށް ރާ ވިއްކުމުގެ ހުއްދަ ލިބޭ ކަމަށާއި މީހުން ދިރިއުޅޭ ރަށްރަށުގައި ވެސް އެތެރޭގައި ނުވަތަ ބޭރުގައި ވިޔަސް އެފެސިލިޓީ ލިބޭނެ ގޮތް ހައްދަވައި ދެއްވުމަށް އެމަނިކުފާނުގެ ސަރަޙައްދުގެ ވަރަށް ގިނަ ފަރާތްތަކުން އެދިފައިވާ ކަމަށެވެ.

އާދަމް ޝަރީފް ކުރެއްވި ޓްވީޓުގައި ވިދާޅުވީ ޑްރަގްގެ ވަބާ މުޖުތަމައު ސަލާމަތް ނުކުރެވި އެތައް އާއިލާތަކެއް ހިތްދަތި ކަމުގެ ތެރެއަށް ގެނބި، ހައްލެއް ނުލިބި ތިއްބައި، ރަށްރަށުގައި ރާ ވިއްކުމަކީ ރިހޭ ފައި މައްޗަށް ފޮއި ވެއްޓުން ކަމަށެވެ.

އަދި އޭނާ ވަނީ ރަށްރަށުގައި ރާ ވިއްކުމާ ދެކޮޅަށް ހުރިހާ ރައްޔިތުން ވެސް ނިކުތުމަށް ގޮވާލާފައެވެ.

މީހުން ދިރިއުޅޭ ރަށްރަށުގައި ރާ ވިއްކަން ޝިޔާން ގޮވާލުމާ ގުޅިގެން ގިނަ ބަޔަކު އަންނަނީ އެވާހަކައަށް ވަރަށް ބޮޑަށް ފާޑުކިޔައި ނުރުހުން ފާޅުކޮށްފައެވެ. އޭގެ ތެރޭގައި އިދިކޮޅު ލީޑަރުންނާއި ބައެއް ދީނީ އިލްމުވެރިން ވެސް ހިމެނެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!