ޚަބަރު

ރައީސް ޔާމީން ޖަލުގައި އެއްއަހަރު، އިދިކޮޅުން މުޒާހަރާއަށް ކަނޑުމައްޗަށް

މުޙައްމަދު ސަނީޙް ، ދެން އޮންލައިން

މަނީ ލޯންޑަރިންގެ ކުށް ސާބިތުވާ ކަމަށް ކަނޑައަޅާ އިދިކޮޅު ކޯލިޝަންގެ ލީޑަރު، ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމްގެ މައްޗަށް ކޮށްފައިވާ ފަސް އަހަރުގެ ޖަލު ހުކުމަށް، އަހަރެއްވުމާ ގުޅިގެން، އެމަނިކުފާނު މިނިވަން ކުރުމަށް ގޮވާލާ އިިދިކޮޅުން މުޒާހަރާ ކުރަން ފަށައިފިއެވެ.

Ads by STELCO

މުޅި ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވާ މިމުޒާހަރާގައި މާލޭގެ ރައްޔިތުން ބައިވެރިވުމުގެ ގޮތުން ވަނީ ދޯނި ފަހަރުގައި ކަނޑަށް ނިކުމެފައެވެ. އެޗްޕީއޭއިން މާލޭގައި އެއްވެ އުޅުން މަނާ ކޮށްފައި ވާތީ، އެއްވުން ރޫޅާލާނެތީ، އިދިކޮޅުން މާލޭގައި މުޒާހަރާ ކުރުމަށް ހަމަޖެހިފައިވަނީ ކަނޑުމަތީގައެވެ. މާލެ ނޫން އިތުރު ރަށްރަށުގައި މުޒާހަރާ ކުރުން، ހަވީރު ކުރިޔަށް ދާނެ ކަމަށް މަޢުލޫމާތު ލިބެއެވެ.

މީގެ ކުރިން ޕީޕީއެމް، ޕީއެންސީ އިން މާލޭގައި މުޒާހަރާ ކުރުމުގެ ސަބަބުން، އެޕާޓީގެ ބައެއް އިސް ފަރާތްތަކެއް ވަނީ ޖޫރިމަނާކޮށްފައެވެ. އަދި އިލެކްޝަންސް ކޮމިޝަން (އީސީ) އިން ވެސް ވަނީ އެ ކޯލިޝަންގައި ހިމެނޭ ކޮންމެ ޕާޓީއެއް 75،000 ރުފިޔާ އިން ޖޫރިމަނާ ކޮށްފައެވެ.

ރައީސް ޔާމީނުގެ މައްޗަށް ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރުމާއެކު، 5 އަހަރުގެ ޖަލު ހުކުމެއް އިއްވީ ނޮވެމްބަރު 28، 2019 ގައެވެ. ރައީސް ޔާމީނަށް ތާޢީދު ކުރައްވާ އެތައްބަޔަކު ބުނަމުން އަންނަނީ، ރައީސް ޔާމީނަށް އިއްވި ހުކުމަކީ ނުހައްގު ދައުވާއެއްކޮށް އިއްވާފައިވާ ހުކުމެއް ކަމަށެވެ. ޚާއްޞަކޮށް ޙުކުމް އިއްވި ފަނޑިޔާރު ޢަލީ ރަޝީދުގެ ސުލޫކީ މައްސަލައެއް ފެންމަތިވެފައި ވަނިކޮށް ، އޭނާ އިސްވެ ހުކުމް ކުރުމާ އޭގެ ފަހުން "އިނާމެއްގެ" ގޮތުގައި ސްޕްރީމް ކޯޓްގެ ފަނޑިޔާރުކަން ލިބުނުކަން އިދިކޮޅުން ފާހަގަ ކުރެއެވެ.

މަނީ ލޯންޑަރިންގެ ކުށް އެމަނިކުފާނުގެ މައްޗަށް ސާބިތުވެފައިވަނީ، އެމަނިކުފާނުގެ ވެރިކަމުގައި ހިނގި އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާގެ ތެރެއިން އެއް މިލިއަން ޑޮލަރު އެމަނިކުފާނުގެ އަމިއްލަފުޅު އެކައުންޓަށް ޖަމާކުރެއްވި ކަމަށް ތުހުމަތު ކުރާ މައްސަލައިގައެވެ. ދައުލަތުން ވިދާޅުވާ ގޮތުގައި އެއީ ގއ. ވޮޑަމުލާ ލީޒްކޮށްގެން ދައުލަތަށް ލިބެން ޖެހޭ ފައިސާގެ ތެރޭގައި ހިމެނޭ އެއް މިލިއަން ޑޮލަރެވެ.

Ads by PNC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!