ރައީސް ޔާމީނަށް އިއްވާފައި ވަނީ "ހަރާމް" ހުކުމެއް: ޝުޖާޢު
އިދިކޮޅު ކޯލިޝަންގެ ލީޑަރ، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމަށް އިއްވާފައިވާ ޙުކުމަކީ "ހަރާމް ހުކުމެއް" ކަމަށް ޕީއެންސީގެ ނާއިބު ރައީސް އިބްރާހީމް ޝުޖާއު ވިދާޅުވެއްޖެއެވެ.
ޝުޖާޢު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރައީސް ޔާމީނަށް އިއްވާފައިވާ ހުކުމަކީ ސީދާ "ހަރާމް ހުކުމެއް" ކަމަށާއި އެމަނިކުފާނުގެ މައްޗަށް އުފުލި ދައުވާއާ އިއްވި ހުކުމާ އެއް ގޮތަކަށް ވެސް ދިމާނުވާ ކަމަށެވެ.
ރައީސް ޔާމީންގެ މައްޗަށް ހުކުމް އިއްވި މިހާރު ސުޕްރީމް ކޯޓުގެ ފަނޑިޔާރުގެ މަގާމުގައި ހުންނެވި ފަނޑިޔާރު އަލީ ރަޝީދަށް ފާޑު ވިދާޅުވެ ވިދާޅުވީ އަލީ ރަޝީދަށް، ފަނޑިޔާރު ކަމުގައި ނީނދެވޭނެ ކަމަށާއި އެއީ "ގުއި ހޭކިފައި" ހުރި ފަނޑިޔާރެއް ކަމަށް ޝުޖާއު ވިދާޅުވިއެވެ. އަދި އެއީ ޙަރާމް ހުކުމުގެ އިނާމެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ރައީސް ޔާމީނުގެ މައްޗަށް ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރުމާއެކު، 5 އަހަރުގެ ޖަލު ހުކުމެއް އިއްވީ ނޮވެމްބަރު 28، 2019 ގައެވެ. ރައީސް ޔާމީނަށް ތާޢީދު ކުރައްވާ އެތައް ބަޔަކު ބުނަމުން އަންނަނީ، ރައީސް ޔާމީނަށް އިއްވި ހުކުމަކީ ނުހައްގު ދައުވާއެއްކޮށް އިއްވާފައިވާ ހުކުމެއް ކަމަށެވެ. ޚާއްޞަކޮށް ޙުކުމް އިއްވި ފަނޑިޔާރު ޢަލީ ރަޝީދުގެ ސުލޫކީ މައްސަލައެއް ފެންމަތިވެފައި ވަނިކޮށް ، އޭނާ އިސްވެ ހުކުމް ކުރުމާ އޭގެ ފަހުން "އިނާމެއްގެ" ގޮތުގައި ސްޕްރީމް ކޯޓްގެ ފަނޑިޔާރުކަން ލިބުނުކަން އިދިކޮޅުން ފާހަގަ ކުރެއެވެ.
މަނީ ލޯންޑަރިންގެ ކުށް އެމަނިކުފާނުގެ މައްޗަށް ސާބިތުވެފައި ވަނީ، އެމަނިކުފާނުގެ ވެރިކަމުގައި ހިނގި އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާގެ ތެރެއިން އެއް މިލިއަން ޑޮލަރު އެމަނިކުފާނުގެ އަމިއްލަފުޅު އެކައުންޓަށް ޖަމާކުރެއްވި ކަމަށް ތުހުމަތު ކުރާ މައްސަލައިގައެވެ. ދައުލަތުން ވިދާޅުވާ ގޮތުގައި އެއީ ގއ. ވޮޑަމުލާ ލީޒްކޮށްގެން ދައުލަތަށް ލިބެން ޖެހޭ ފައިސާގެ ތެރޭގައި ހިމެނޭ އެއް މިލިއަން ޑޮލަރެވެ.
ރައީސް ޔާމީން ހައްޔަރުގައި އަހަރެއް ވުމާ ގުޅިގެން، އެމަނިކުފާނު ޖަލުން މިނިވަން ކުރުމަށް ގޮވާލާ އިދިކޮޅު ފަރާތްތަކުން ދަނީ މުޒާހަރާ ކުރަމުންނެވެ.