އިބްތިޙާލްގެ މަރުގެ މައްސަލައިގައި ހުކުމް އިއްވުން އަނެއްކާ ވެސް ފަސްކޮށްފި
ވ. ރަކީދޫގައި އަނިޔާވެރި ގޮތަކަށް މަރާލި މުޙައްމަދު އިބްތިޙާލްގެ މަރުގެ މައްސަލައިގައި އޭނާގެ މަންމަ އާފިޔާ މުޙައްމަދު ގެ މައްޗަށް ޙުކުމް އިއްވުން އަނެއްކާ ވެސް ފަސް ކޮށްފިއެވެ.
އެގޮތުން މިމައްސަލައިގެ ހުކުމް އިއްވުން ދެން އޮންނާނީ މިފެށޭ ޑިސެމްބަރު މަސް ތެރޭގައި ކަމަށް މިއަދުގެ އަޑުއެހުމުގައި ވަނީ ނިންމަވާފައެވެ.
އިބްތިހާލް މަރާލާފައި އޮއްވާ ފެނިފައިވަނީ 2015 ވަނަ އަހަރުގެ ޖެނުއަރީ މަހުގައެވެ.
ދައުލަތުން މިމައްސަލައިގައި އާފިޔާގެ މައްޗަށް އުފުލާފައި ވަނީ އަމުރަށް ނުކިޔަމަންތެރިިވުމުގެ ދައުވާއާއި ގަސްދުުގައި ކުއްޖަކު މެރުމުގެ ދައުވާއެވެ.
މިމައްސަލައިގެ ހުކުމް އިއްވުން މިއަދަށް ތާވަލު ކުރި ނަމަވެސް، މިއަދުގެ އަޑުއެހުމުގައި އާފިޔާގެ ފަރާތުން ވަނީ ދިފާޢީ ވަކީލަކު ވެސް ބައިވެރިވެފައެވެ. އޭނާއަށް ދިފާއީ ވަކީލަކު ހަމަޖައްސާދީފައި ވަނީ، އާފިޔާގެ އެދުމުގެ މަތިން ދައުލަތުގެ ފަރާތުންނެވެ.
އާފިޔާގެ ވަކީލާ އައިމިނަތު ރުކްޝާނާ އިބްރާހިމް މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ވާހަކަ ދައްކަވަމުން ވިދާޅުވީ މިމައްސަލައިގައި ހުކުމް ކުރުމުގެ ކުރިން މައްސަލަ ދިރާސާ ކުރުމަށް ބޭނުންވާ ކަމަށާއި އާފިޔާގެ ފަރާތުން މައްސަލައިގައި ޚުލާސާ ބަޔާނެއް ދިނުމުގެ ފުރުސަތެއް ދެއްވުމަށެވެ. އަދި މައްސަލަ ދިރާސާކޮށް ޚުލާސާ ބަޔާނެއް ދިނުމަށް 10 ދުވަހުގެ މުއްދަތެއް ބޭނުންވާނޭ ކަމަށްވެސް ވަކީލާ ވިދާޅުވިއެވެ.
އެމުއްދަތު ދިނުމާމެދު ދައުލަތުގެ ފަރާތުންވެސް އިއުތިރާޒް ނުކުރުމުން މައްސަލަ ބައްލަވާ ގާޒީ ވަނީ އާފިޔާގެ ފަރާތުން މައްސަލަ ދިރާސާކޮށް ޚުލާސާ ބަޔާނެއް އިއްވުމަށް 10 ދުވަހުގެ ފުރުސަތު ދީފައެވެ.
ގާޒީ ވިދާޅުވީ މައްސަލައިގެ ޚުލާސާ ބަޔާން އިއްވުމަށް އިތުރު އަޑުއެހުމެއް 10 ދުވަސް ފަހުން ބާއްވާނެ ކަމަށާއި އެއަޑު އެހުމަށްފަހު ހުކުމް އިއްވުމުގެ އަޑުއެހުމެއް ޑިސެމްބަރުމަހު ބާއްވާނެ ކަމަށެވެ.
އާފިޔާގެ މައްޗަށް ދެ ދައުވާއެއް އުފުލާފައިވާއިރު، ވަކީލަކު ހަމަޖައްސާފައިވަނީ ގަސްތުގައި ކުއްޖަކު މެރުމުގެ ކުށުގެ ދައުވާއަށް އެކަންޏެވެ. ނަމަވެސް ގާޒީ ވިދާޅުވީ މި ދެ ދައުވާއަށް ވެސް ހުކުމް ދެން އިއްވާނީ މައްސަލަ ދިރާސާކޮށް ޚުލާސާ ބަޔާން އިއްވުމަށް ފަހު ކަމަށެވެ.