ޚަބަރު

ސަރުކާރުން ކޮވިޑް ބޭނުންކޮށްގެން ވާދަވެރި ފަރާތްތައް ގޭގައި ބަންދުކޮށްފި، އަމާޒު ހުރީ ކޯޓަށް: އަދުރޭ

މުޙައްމަދު ސަނީޙް ، ދެން އޮންލައިން

ސަރުކާރުން ކޮވިޑް ބޭނުންކޮށްގެން ވާދަވެރި ފަރާތްތައް ގޭގައި ބަންދުކޮށްގެން، ސަރުކާރުން ބޭނުންވާ ނަތީޖާއެއް ހާސިލް ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް އިދިކޮޅު ޕީޕީއެމް ޕީއެންސީ ކޯލިޝަނުން ބުނެފިއެވެ.

Ads by Sosun Fihaara

ޕީޕީއެމް ޕީއެންސީ ކޯލިޝަނުން މިހެން ބުނެފައިވަނީ މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ. މިބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވީ،ވާދަވެރި އިންތިހާބެއް ބާއްވާއިރު ވާދަކުރާ ފަރާތްތަކަށް ހަމަހަމަ ފުރުސަތު ލިބިދޭން ޖެހޭ ކަމަށާއި ނަމަވެސް މިއަދު އެފުރުސަތު ނެތް ކަމަށެވެ.

"ވާދަވެރި އިންތިހާބެއް ބާއްވާއިރު ވާދަކުރާ ފަރާތްތަކަށް ހަމަހަމަ ފުރުސަތު ލިބިދޭން ޖެހޭ. މިއަދު އެ ފުރުސަތު ތަނަވަސްވެފައެއް ނެތް. މިއަދުގެ ސަރުކާރުގެ ހުދުމަހުތާރު ކަމުން ކޮވިޑް ބޭނުންކޮށްގެން އަޅުގަނޑުމެން ވާދަވެރި ފަރާތްތައް ގޭބަންދުކޮށްފައި ބައިތިއްބައިގެން ސަރުކާރު ބޭނުން ނަތީޖާއެއް ހާސިލުވާ ގޮތަށް މަސައްކަތް ކުރަމުން ގެންދަނީ." އަދުރޭ ވިދާޅުވިއެވެ.

އަދި ކޮވިޑް19 ޕެންޑެމިކްގެ ސަބަބުން ރަށްރަށަށް ކެމްޕޭން ދަތުރު ނުކުރެވޭ ކަމަށާއި އެހެން ނަމަވެސް ސަރުކާރުގެ އިސް ބޭފުޅުންނަށް ކެމްޕޭން ކުރަން ރަށްރަށަށް ދަތުރުކުރެވޭ ކަމަށް އަދުރޭ ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް އޮތް ދައްޗަކީ އެއްވެސް ރަށަކަށް ދަތުރެއް ނުކުރެވޭ. ސަރުކާރުން އެކި ނަންނަމުގައި ރަށްރަށަށް އެބަ ދަތުރުކުރޭ. ކުންފުނިތަކުގެ އެމްޑީއިން، ދައުލަތުގެ ވަޒީރުން، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ދަތުރުކޮށް، އެބޭފުޅުން ކެމްޕޭން ކުރަމުން އެބަގެންދަވާ، ހަމަހަމަ ފުރުސަތެއް ނެތް އިންތިހާބު ބާއްވަން މަސައްކަތް ކުރަމުން މިދާ ދުވަސްވަރު." އަދުރޭ ވިދާޅުވިއެވެ.

މި ދަތިތަކާހުރެ އިދިކޮޅު ކޯލިޝަންގެ އިސްބޭފުޅުންނަށް ރަށްރަށް ކެމްޕޭން ކުރަން ވަޑައިނުގެންނެވުނު ނަމަވެސް، މޮނީޓަރިންގައި ނެތް ރަށްރަށުގައި ތިބި ޕީޕީއެމް ޕީއެންސީގެ މެމްބަރުން އެހެން ރަށްރަށަށް ދަތުރުކޮށް، ކެމްޕޭން ކުރިއަށް ގެންދިޔުމަށް އަދުރޭ ވަނީ އެދިވަޑައިގެންފައެވެ.

މީގެ އިތުރުން ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބަށް ކެމްޕޭން ކުރަން ހަމަހަމަ ފުރުސަތު ނުލިބޭ ކަމަށާއި އެ މައްސަލަ ކޯޓަށް ހުށަހަޅަން ވިސްނަމުން ގެންދާ ކަމަށް ވެސް އަދުރޭ ވިދާޅުވިއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!