ކުރިން އޮތް އަނިޔާވެރިކަމާ ކޮރަޕްޝަންމިސަރުކާރުން ވުޖޫދުން ފޮހެލި، ރުޖޫޢަ ވާން ބޭނުމެއް ނޫން- މައުމޫން
ރައީސް ޔާމީންގެ ވެރިކަމަކީ އަނިޔާވެރިކަމާއި ކޮރަޕްޝަނާއި ހިޔާނާތުން ފުރިފައި އޮތް ވެރިކަމެއްގެ ގޮތުގައި މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް)ގެ އިންތިގާލީ ރައީސް އަދި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ސިފަ ކުރައްވައިފިއެވެ.
އެމްއާރްއެމް އަށް އެއް އަހަރު ފުރުމާ ގުޅިގެން އޮންލައިންކޮށް ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް މައުމޫން ވިދާޅުވީ ކުރިން އޮތީ އަނިޔާވެރި ކަމާއި ކޮރަޕްޝަނާއި ހިޔާނާތް އާންމުވެފައި އޮތް ދުވަސްތަކެއް ކަމަށާއި އެކަން ނިމުމަކަށް ގެނައީ މި ސަރުކާރު ވުޖޫދަށް އައުމާ އެކުގައި ކަމަށެވެ.
މިހާރު އޮތް ކޯލިޝަނަކީ ގައުމަށް ހެޔޮ ބަދަލެއް ގެނައުމަށް އެކުލަވާލި ކޯލިޝަނެއްކަން ފާހަގަކުރައްވައި މައުމޫން ވިދާޅުވީ އަލުން އަނިޔާވެރި ދުވަސްތައް ދެކެން ބޭނުންވެ ވަޑައިނުގަންނަވާ ކަމަށެވެ. އަދި ރައްޔިތުން ވެސް އަނބުރާ އެދުވަހަށް ދާން ބޭނުންވާ ނުވާ ކަމަށް މައުމޫން ވިދާޅުވިއެވެ.
މައުމޫން އިތުރަށް ވިދާޅުވީ ރައްޔިތުން ބޭނުންވާ ހެޔޮ ވެރިކަން ގާއިމު ކުރެވޭނީ ކޯލިޝަނު އެކުގައި އޮވެގެން ކަމަށެވެ. ކޯލިޝަން އިތުރަށް ވަރުގަދަ ކުރުމަށް ހުރިހާ ޕާޓީތަކުން ވެސް މަސައްކަތް ކޮށްދިނުމަށް މައުމޫން ވަނީ އެދިވަޑައިގެންފައެވެ.
"މި ކޯލިޝަންގައި ހިމެނޭ ޕާޓީތަކަކީ އެމްއާރްއެމް އާއި އެމްޑީޕީ އާއި އަދާލަތު ޕާޓީ އާއި ޖުމްހޫރީ ޕާޓީ. އެހެންވީމަ މި ޕާޓީތަކުން އަޅުގަނޑު އެދެނީ މި ކޯލިޝަން ވަރުގަދަ ކުރުމަށްޓަކައި މަަސައްކަތް ކޮށްދެއްވުން. އެއްވެސް ހާލެއްގައި އަޅުގަނޑުމެންގެ ތެރޭގައި މަސްލަހަތު ގެއްލޭ ކަމެއް އެއްވެސް ފަރާތަކުން ނުކުރެއްވުން. ހަމަ ގައިމުގެ މިހާތަނަށް އަޅުގަނޑުމެން އެފަދަ ކަމެއް ނުކުރަން. އިރާދަ ކުރެއްވިއްޔާ ނުވެސް ކުރާނަން." މައުމޫން ވިދާޅުވިއެވެ.
މި ސަރުކާރު އުފުދުމުގައި އެންމެ ބޮޑު ހިއްސާދަރަކީ އެމްއާރްއެމްކަން ފާހަގަކުރައްވައި މައުމޫން ވިދާޅުވީ އެކަމަށް މުޅި ގައުމު ވެސް ހެކިވާނެ ކަމަށެވެ.