ޚަބަރު

ރާއްޖޭގެ ކަނޑުގެ ސަރަޙައްދުން ބޭރުގެ މަސްބޯޓެއް އަތުލައިގެންފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ދިވެހިރާއްޖޭގެ ޚާއްޞަ އިޤުތިޞާދީ ސަރަޙައްދުގައި ޤަވައިދާ ޚިލާފަށް މަސްވެރިކަން ކުރަމުންދިޔަ ބޭރުގެ މަސްބޯޓެއް އެމްއެންޑީއެފް ކޯސްޓްގާޑު ޝިޕް ހުރަވީގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

Ads by Sosun Fihaara

މިކަމާ ގުޅޭގޮތުން މައުލޫމާތު ދެމުން އެމްއެންޑީއެފުން ބުނީ އިއްޔެ ކ.މާފުށިގެ އިރުން 140 ނޯޓިކަލް މޭލުން، ދިވެހިރާއްޖޭގެ ޚާއްޞަ އިޤުތިޞާދީ ސަރަޙައްދުގައި ޤަވައިދާ ޚިލާފަށް މަސްވެރިކަން ކުރަމުންދިޔަ ބޭރުގެ މަސްބޯޓެއް ފެނިގެން އެ ސަރަޙައްދުގައި މަސްވެރިކަން ކުރަމުން ދިޔަ "އަސުރުމާ 03" ދޯނިން ރިޕޯޓު ކޮށްފައިވާ ކަމަށެވެ.

މިރިޕޯޓު ކޮށްފައި ވަނީ އިއްޔެގެ 11:45 ހާއިރު ކަމަށް ވެސް އެމްއެންޑީއެފް އިން ބުނެފައިވެއެވެ.

އެމްއެންޑީއެފުން ބުނީ، މިރިޕޯޓު ލިބުމާއެކު ހިންގި ޚާއްޞަ އޮޕަރޭޝަނުގައި އެމްއެންޑީއެފް ކޯސްޓްގާޑު ޑޯނިއާ ފްލައިޓް ވަނީ ވައިގެ މަގުން މަސްބޯޓު އޮތް ސަރަޙައްދު ދެނެގަނެފައި ކަމަށާއި އަދި އިންޑިއާއިން ރާއްޖެއަށް ދަތުރު ކުރަމުން ދިޔަ ކޯސްޓްގާޑު ޝިޕް ހުރަވީގެ މިސްރާބު ބޭރުގެ މަސްބޯޓު އޮތް ސަރަޙައްދަށް ބަދަލުކޮށް، އެ ބޯޓު ކޯސްޓުގާޑް ޝިޕް ހުރަވީގެ ބެލުމުގެ ދަށަށް ގެނައި ކަމަށެވެ.

އެއީ ކޮން ޤައުމެއްގެ މަސް ބޯޓެއް ކަމެއް އެމްއެންޑީއެފުން ހާމަ ކޮށްފައެއް ނުވެއެވެ. ނަމަވެސް ބުނީ އެބޯޓުގައި ހަ ފަޅުވެރިން ތިބި ކަމަށެވެ.

ކޯސްޓްގާޑް ހުރަވީގެ ބެލުމުގެ ދަށުން މި މަސްބޯޓު މިހާރު ދަނީ މާލެ އަށް ދަތުރު ކުރަމުންނެވެ. މި ބޯޓަށް މާލެ އަށް ވަދެވޭނެކަމަށް ލަފާ ކުރެވެނީ މިއަދު މެންދުރުފަހުގެ ވަގުތެއްގައި ކަމަށް ވެސް އެމްއެންޑީއެފް އިން މައުލޫމާތު ދީފައިވެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!