ރިޕޯޓް

ނޫސްތަކުން ދިވެހިރާއްޖެ ފެންނަ ކޮންމެފަހަރަކު ހިތަށް އަރައެެވެ. ސަހަރޯއެވެ!

ރަޔާން މާޒިން ، ދެން އޮންލައިން

ހޫނު މޫސުމުގެ ދުވަސްތައް ނިމި ހަރީފް މޫސުމުގެ ވައިރޯޅިތައް ގަސްތަކާ ހަމައަށް ފޯރައިފިއެވެ. ވެންކޫވާރ ގެ މަގުތައް ފޮރުވައިލީ ބަދަލުވި މޫސުމާ އެކު ގަސްތަކުން ފޭބި ރަތް ދޮން ފަތްތަކުންނެވެ. އެހެން ދުވަސްތަކެކޭ އެއްފަދައިން މިއަދު ވެސް ފެއްޓުނީ ހޫނު ކަޅު ސައި ތައްޓަކުންނެވެ. މި ސައިތައްޓަކީ އެތަކެއް ހަނދާންތަކަކާ ގުޅި ލާމެހިފައިވާ ބުއިމެކެވެ. ކުޑައިރުން ފެށިން ބޮޑުވެގެން އައިރު އުފަން ރަށް ނ.ވެލިދޫގެ ފޮނި ހަނދާންތަކެވެ. މާމަ ސައިފަތް އަޅައިގެން ކުރާގައި ކައްކައިގެން ގިރައިދޭ މީރު ސައިތައްޓެވެ. މިއަދު އައި ބަދަލުތަކާއެކު ވެސް މި ކަޅު ސައިތައްޓަށް އޮތް ލޯތްބެއް ބަދަލެއް ނުވެއެވެ. ބަދަލު އައީ ސައި ގިރާ ނުވަތަ ސައި ހަދާ ގޮތަށެވެ. އެ ހަނދާންތަކާއި އެ ލޯތްބެއް ބަދަލެއް ނުވެއެވެ.

Ads by Sosun Fihaara

ސައި ތައްޓާއެކު، އެހެން ދުވަސްތަކެކޭ އެއްފަދައިން ފުރަތަމަ ވެސް ބަލައިލެވުނީ ރާއްޖޭގެ އޮންލައިން ނޫސްތަކަށެވެ. ދުނިޔޭގެ ކޮންމެ ހިސާބެއްގައި އުޅުނެއް ކަމަކު ގައުމަށް އޮތް ލޯތްބާއި ގަދަރަކީ ބަދަލުވާނެ އެއްޗެއް ނޫނެވެ. މާމަ ހަދައިދޭ ސައިތަށި ފަދައިންނެވެ. މާމަ ވަކިވިތާ އެތައް އަހަރެއް ވޭތުވެގެން ދިޔަޔަސް މާމަ ދިން ލޯތްބާއި މާމަގެ ހަނދާންތަކެއް ވަކިވެގެން ނުދާނެއެވެ. ހަމަ އެފަދައިން އަހަރުމެންގެ ގައުމުގެ ބަތަލުން ގައުމަށް ރައްކާތެރިކަމާއި އަމާންކަން ގެނެސް ދިނުމުގައި ވަކިވެދިޔަ އެ އަބުޠާލުންގެ ހަނދާންތައް ވެސް ވަކިވެގެން ނުދެއެވެ. ނޫހެއް ބަލައިލުމަކުން ލިބޭ ހިތްހަމަޖެހުމަކަށް ވުރެ މިއަދު ހިތަށް ލިބެނީ ތަކުލީފެވެ. ތަރައްގީއާ އެކު ދިވެހިންގެ އާދަކާދަ އަށް ވެސް ހާދަ ބަދަލުތަކެއް އަތުވެއްޖެއެވެ. މާމަމެން، ބައްޕަމެން ކިޔައިދީފައި ހުރި ވާހަކަތަކުން އެނގޭ ގޮތުގައި ރާއްޖޭގެ ކޮންމެ ރަށެއްގައި އުޅެނީ އެއްއާއިލާއެކެވެ. އެހައި ވެސް އެކުވެރިއެވެ. ކުލުނާއި ލޯތްބަކީ އޭރުގެ އިސް ސަލާމްކަލާމެވެ. ގޭގޭގެ ދޮރު ލައްޕައި ތަޅުލުމަކީ ނެތް ކަމެކެވެ. ކަތިވަޅިއެއް ނޫނީ ބަނބުކެޔޮ ކަނޑާނެ ދަނޑިއެއް ފަދަ އެއްޗެއް ހޯދަން ޖެހިގެން ހުރި ގެއަށް ނޫނީ ރަށުގެ އަނެއް ފަރާތުގައި ހުރި ގެއަކަށް ދިޔުމަކީ ބޮޑު ކަމެއް ނޫނެވެ. އެއް ގެއެއްގައި ހުންނަ އެއްޗެއް އަނެއްގޭގެ މީހުން ބޭނުން ކޮށްލާން އެދެނީ ހަމައެއް އާއިލާއެއް ފަދައިންނެވެ.

ކަމެއް ޖެހުނިއްޔާ ނުކޮށްދޭނެ މީހެއް ނުހުންނާނެއެވެ. އެ މީހެއްގެ ވަރުން އެ ކަމެއް ކޮށްދޭނެއެވެ. މާމަމެން ބުނާ ގޮތުގައި ރޯދަ މަހު ހާރުކާން ތެދުވެ ބަތްތެލި ކަހައިލާ އަޑަށް ޖެހިގެން ހުންނަ ގެއިން ބަތް ގެނެސްދޭ ވާހަކަ ބުނެއެވެ. އެހައި ވެސް ބޮޑު ލޯތްބަކާއި ގާތް ގުޅުމެއް ރަށްތަކުގައި އޮވެއެވެ. އެހެލަން އުޅޭ ދޯނީގެ ވަލުގައި ހިފައިލަން ގޮވައިލީމާ ރަށުގެ ކުދިބޮޑު އެންމެން އައިސް އަންބާ ކިޔައި އުޅުނު ދުވަސްތަކެވެ. ރަށު ފާލަން ހަދާ އިރު ކޮންމެ ގެޔަކުން ޖޫހާއި ސަޔާ އެކު ކެޔުން ތައްޔާރު ކޮށްގެން ގެނެސްދީ ހެދި ނަމޫނާ ބަޔަކު ދިރި އުޅުނެވެ. މާލޫދު ހަރުގެޔާއި ނަހުޒާ ސުކޫލުގައި ރަށު ގޭގެއިން ތައްޔާރު ކޮށްގެން ގެނެސް ހުންނަ ކޭންތަކުގެ ވާހަކައެވެ. އެ އުފާވެރި އާދަކާދަތަކުގެ ވާހަކައެވެ. މިއަދު މި ފެންނަނީ މަތިމައްޗަށް އަރައިގެން އައި ކޮންކުރީޓު އިމާރާތްތަކާ އެކު އަހަރުމެންގެ ދޭދޭ ގުޅުންތައް ވެސް ގޮސް އޮބައިލި ތަނެވެ.

ކޮރޯނާ ވައިރަހާ އެކު އަހަރުމެންގެ ދިރިއުޅުމަށް ހުއްޓުން އެރީއެވެ. މި ހުއްޓުމުގައި އަހަރުމެންނާ މެދު ވިސްނައިލާނެ ވަގުތު ކޮޅެއް ވެސް ލިބުނީއެވެ. ހިތަށް އަރައެވެ. އަހަރުމެންގެ ގައުމުގައި ހާދާހައިވާ ބައިބައިވުންތައް ގިނައެވެ. އާއިލާއަށް ވުރެ ސިޔާސީ ކޮންމެވެސް ޕާޓީއަކަށް ވަކާލާތު ކުރަން މުހިންމުވީއެވެ. ޕާޓީގެ ކުލަތަކާ އެކު ޖަޒުބާތުގައި ޖެހި އާއިލީ ވައިބަރު ގުރޫޕްތަކުގައި ކިޔޭ ކިޔުންތަކުން ފަނޑު ވަމުންދާ އާއިލީ ގުޅުންތަކެވެ. މަގުމަތިން ފެންނަމުން ދަނީ ހަލާކުވެގެން ދާ ޒުވާން ޖީލެކެވެ.ނޫހުން ފެންނަނީ، ރޯމާދުވާލު ލަޓިބުރިތަކާ އެކު ލޭ އޮހަރަމުންދާ ވާހަކަތެކެވެ. އަނެއް ދުވަހަކު ފެނުނީ ފިހާރައަކުން ބެންކަށް ޖަމާކުރަން ގެންދިޔަ ފައިސާތައް ފޭރެން އުޅުނު ބައެއްގެ ވާހަކައެވެ. ދެން ފެނުނީ މަސް ދޯންޏަކުން ވައްކަން ކުރިކަމަށް ބުނާ ޒުވާނަކަށް ކޮޅުފައިން ތަޅައި އަނިޔާ ކުރަމުން ދިޔަ ޚަބަރެކެވެ. އަތާއި ފަޔާ ބަދެފައިވާ އެ މީހާ ދޯނިމަތީ ދަމަމުން ދިޔަ އިރު އެމީހާ ރޮމުން އާދޭސް ކުރަމުން ދިޔައެވެ.

އިންސާނިއްޔަތު ކޮބައި ބާވައޭ ހިތަށް އެރިއެވެ. ދެން އިވުނީ ހަރުކަށި ފިކުރުގެ ބަޔަކު ދޭން ރާވަމުން ދިޔަ ނިރުބަވެރި ހަމަލާއެއްގެ ވާހަކައެވެ. ސަހަރޯއޭ ބުނެވުނެވެ. އަހަރުމެންގެ މި ދިވެހި އާއިލާ ހާދަހައިވާ ބިކަވެ ބައިބައި ވެއްޖެއޭ ހިތާހިތާ ބުނެވުނެވެ. އަލުން އަނެއްކާވެސް އަހަރުމެންގެ އެއްބައިވަންތަ އެކުވެރި އާދަކާދަތައް ގެންނާން ހިތްވަރާ އެކު މަސައްކަތްތަކެއް ކުރަން ޖެހެއެވެ. ނޫނީ މި ކުޑަކުޑަ ގައުމު އަނެއް "ކާބުލް" އަށް ނޫނީ އަނެއް "ކަންދަހާރަށް" ވެގެން ހިނގައި ދާނެއެވެ. ލޯތްބާއި އިހުތިރާމް ނެތް މުޖުތަމައަކަށް މަރުހަބާ ކިޔައިފާނެއެވެ. ބޯން އިން ސައިތަށި ވެސް މިހާރު މިހުރީ ތާފަނާކަން ކެނޑި ފިނިވެފައެވެ. އުދާސް ވެފައިވާ ގައުމުގެ އާދޭސްތަކަށް ވެސް ފިނިކަމެއް ލިބޭނެ ކަމަށް އެދެމެވެ. ދުނިޔެމަތީގެ ސުވަރުގޭގެ ގޮތުގައި ނަން މަޝްހޫރު ވެފައިވާ އަހަރުމެންގެ ދިވެހި ގައުމަށް އުފާ ފާގަތި ދުވަސްތަކެއް މިންވަރު ކުރައްވާށިއެވެ.

Ads by Allied Insurance
  1. ޑޭޕޮ

    ️️️️️️️️️️️⁩⁩⁩⁩⁦❤️⁩

  2. ީުކެނެޑާ ހަސަނު

    ރަޔާނުގެ އާޓިކަލު ވަރަށ ފުރިހަމަ

  3. ޝާހީ

    ވ ސަޅި ️️