ވެންޓިލޭޓަރު މައްސަލައިގައި ވައްކަން ސާފު ، ދަޢުވާ އުފުލުމުގައި ޕީޖީ ތަފާތުކުރުން ގެންގުޅޭ ކަމުގެ ތުހުމަތު!

ކޮވިޑްގެ ބަލި މީހުންނަށް ފަރުވާ ދިނުމަށް ހެލްތު މިނިސްޓްރީން ބައްލަވައިގަތް ވެންޓިލޭޓަރުތަކުގެ މައްސަލަތަކުގައި ވައްކަން އެކުލެވޭކަން ސާފުކޮށް ފެންނަން އެބައޮތް ކަމަށާއި އެކަންކަމާމެދު ދައުވާ ނުއުފުލާ ލަސްވެގެން ދިޔުމަކީ މުޅި މަޖިލިސް ކަންބޮޑުވާ ކަމެއް ކަމުގައި މަޖިލީހުގެ ރައީސް ، ރައީސް ނަޝީދު ވިދާޅުވެއްޖެއެވެ.
މިހާރު ކުރިއަށްދާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ވޯޓު ގަޑިއަށް ތައްޔާރުވަމުން ދިޔަ ވަގުތު ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ދައުވާ އުފުލުމަކީ ޕްރޮސެކިޔުޓަރ ޖެނެރަލްގެ މަސްޢޫލިއްޔަތެއް ކަމަށާއި ނަމަވެސް ، އެކި މީހުންނާމެދު ދަޢުވާ އުފުލުމުގައި ތަފާތުކުރުން ފެންނަކަން ފާހަގަވާ ކަމަށެވެ. އަދި ވެންޓިލޭޓަރުގެ މައްސަލައަކީ އެ މައްސަލަ ކޮޅެއްގައި ޖެހެންދެން މަޖިލީހުން ބަލަމުން ގެންދާނެ މައްސަލައެއް ކަމަށް ނަޝީދު ފާހަގަ ކުރެއްވިއެވެ.
ވެންޓިލޭޓަރުތައް ގަތުމުގައި ކޮރަޕްޝަން ހިމެނޭކަން ހާމަ ވެގެން ދިޔައީ އޮޑިޓަރ ޖެނެރަލްގެ ރިޕޯޓުންނެވެ. އޭގެ ފަހުން އެ މައްސަލައިގެ ތަހުގީގު ކުރިއަށް ދާތީ ހެލްތު މިނިސްޓަރ އަމީން ވަނީ މަގާމުން އެކަހެރިވެ ވަޑައިގެން ހުންނެވުމަށްފަހު މަގާމުން އިސްތިއުފާ ދީފައެވެ. ނަމަވެސް އެ މައްސަލައިގައި މިހާތަނަށް އަދި އެއްވެސް މީހެއްގެ މައްޗަށް ދައުވާ އުފުލާފައެއް ނުވެއެވެ.