މޮބައިލް ޚިދުމަތްތަކާއި އިންޓަނެޓްގެ ޚިދުމަތްތައް މިހާރު ވަނީ ރަނގަޅު ކުރެވިފައި: އުރީދޫ

ރާއްޖޭގެ ގިނަ ކަސްޓަމަރުންނެއް ހިމެނޭ މުވާސަލާތީ ކުންފުނި އުރީދޫ އަށް ދިމާވި ޓެކްނިކަލް މައްސަލަތަކަކާ ގުޅިގެން ބުރޫއެރި ބައެއް ޚިދުމަތްތައް މިހާރު ރަނގަޅު ކޮށްފިއެވެ.
އުރީދޫގެ މެނޭޖަރ ބްރޭންޑް އެންޑް މާކޮމްސް ނޫރާ ޒާހިރު ވިދާޅުވީ އުރީދޫގެ ބައެއް ޚިދުމަތްތަކަށް މިއަދު ޓެކްނިކަލް މައްސަލައަކާ ގުޅިގެން ބުރޫ އެރި ކަމަށާއި ނަމަވެސް މިހާރު މޮބައިލްއާއި އެހެނިހެން ޚިދުމަތްތައް ރަނގަޅު ކުރެވިފައިވާ ކަމަށެވެ.
"މިއަދު ދިމާވި ޓެކްނިކަލް މައްސަލަތަކަކާއި ގުޅިގެން ކަސްޓަމަރުންނަށް ޚިދުމަތް ލިބިގަތުމުގައި ވަނީ ދަތިތަކަކާއި ކުރިމަތިވެފަ. ނަމަވެސް މިހާރު މޮބައިލް އަދި އިންޓަނެޓް ޚިދުމަތްތަކަށް ދިމާވި މައްސަލަތައް މިވަނީ ރަނގަޅު ކުރެވިފައި" ނޫރާ ވިދާޅުވިއެވެ.
މީގެ އިތުރުން ނޫރާ ވިދާޅުވީ، މޮބައިލް އަދި އިންޓަނެޓް ޚިދުމަތްތައް ރަނގަޅު ކުރެވިފައިވީ ނަމަވެސް އަދިވެސް ވެބްސައިޓުގެ މައްސަލަތަކެއް އުޅޭ ކަމަށާއި ޓެކްނިކަލް ޓީމުން އެކަން ހައްލު ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
އުރީދޫގެ ކަސްޓަމަރުންނަށް މިމައްސަލަތަކާއި ގުޅިގެން ދިމާވި ދަތިތަކަށް އެކުންފުނިން ނިހާޔަތަށް މާފަށް އެދެއެވެ.