ލައިފްސްޓައިލް

ލޯބި ނުވާކަމަށް ބުނެ ތިޔަ ދުރުކޮށްލާ، ތިމާ ދެކެ ލޯބިވާ މީހާ އަކީ ގެއްލުވާލާ ނިޢުމަތަކަށް ވެސް ވެދާނެ!

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

ލޯބީގެ ބަގީޗާއަށް ވަނީ ދެ މީހުން އެކުގައެވެ. ދުވަހަކުުވެސް ވަކި ނުވާނެ ކަމަށް ބުނެ މާމެލީގެ ގޯތީގައި ވައުދުތަކާއި އަހުދުތައް ވަމުންނެވެ. ދިރިއުޅުމަށްޓަކައި ފޮނި ހުވަފެންތައް ދުށީ އެކުގައެވެ. ލޯބީގެ ގަނޑުވަރު ބިނާ ކުރީ ހުވަފެންތައް ބިލާހަކަށް ވެ ގަނޑުވަރު ބިމާ ހަމަވެދާނޭ ކަމުގެ ބިރެއް ނެތިއެވެ.

Ads by STELCO

ހިތާއި ފުރާނައަށް ވުރެ އިސްކުރީ ލޯބިވެރިޔާގެ އުފަލެވެ. އަމިއްލަ ހިތާމަތައް އެއްފަރާތް ކޮށްލުމަށްފަހު ލޯބިވެރިޔާގެ މާލިމީކަމުގެ ދަށުން ފަޅުވެރިއެއްގެ ގޮތުގައި ލޯބީގެ ނަވަށް އެރީ އެކަކު އަނެކަކު ދެކެވާ ލޯބީގެ ހައްޤުގައެވެ. އަމިއްލަ ނަފްސަށް ވުރެ ބޮޑަށް އިތުބާރު ކުރީ އެފަދަ ދެވަނައެއް ނެތް ފަދައިންނެވެ
ނަމަވެސް ބަހާރު މޫސުން ނިމިއްޖެއެވެ. ހަރީފް މޫސުމުގެ ރާޅު ބިންދައިލީ އިންޒާރެއް ނެތިއެވެ. ދިރިއުޅުން މަތިން ފޫހިވެއްޖެއެވެ . ދިރިއުޅުމަށްޓަކައި ދުއް ހުވަފެންތައް ހަނދާން ނެތިއްޖެއެވެ. ހަނދާން ނެތުނީއެއް ނޫނެވެ. އެ ހަނދާންތައް އާކޮށް ކުރިއަށް ދާނެ ހިތްވަރު ގެއްލުނީ އެވެ. ދިމާވި ކޮންމެ ކަމެއްގައި އަތުގައި ހިފައިގެން އެޅި ކޮންމެ ފިޔަވަޅަކަށް ދެ ފިޔަވަޅު އެޅި ލޯބިވެރިޔާގެ ޤުރުބާނީ ވެސް އަގެއް ނެތް އެއްޗެއް ކަމުގައި ވެއްޖެއެވެ. ތިބާ އަށް ލިބުނު ކޮންމެ ކުރި އެރުމަކީ އުފަލެއް ކަމުގައި ދުއް ބައިވެރިޔާ މަތިން ފޫހިވެއްޖެއެވެ. ދިރިއުޅުމުގައި އައި ކުއްލި ލޮޅުން ހިތާއި ސިކުނޑި ހާސްކުރުވީ އެވެ. އަމިއްލަ ނަފްސަށް ކުރި އިތުބާރު ގެއްލުނީއެވެ.

ކޮންމެ ކަމަކަށް ނަފްސު ކުށްވެރިކޮށް މީހުންނާ އެކަހެރިވެ އެކަނިވެރި ދިރިއުޅުމަށް ހިތް ޖެހެން ފެށީ އެހެން މީހުންގެ ހިތްތައް ރޮއްވައިފައެވެ. އެކީގައި ދިރިއުޅޭނެ ކަމަށް ކުރި ވައުދުތައް ބަގީޗާގައި ފަރިވި މާމެލިތައް ފަދައިން ނެތި ގޮސްފިއެވެ. އަމިއްލަ ނަފްސަށް އިތުބާރު ނުކުރި ދުވަހު ވެސް ތިބާއަށް އިތުބާރު ކުރި ލޯބިވެރިޔާގެ ލޯބީގައި އެއްވެސް މާނައެއް ނެތެވެ. ލޯބި ނުވާކަމަށް ބުނެ މިއަދު ދިރިއުޅުމުން ތިޔަ ބޭރުކޮށްލީ ތިބާއަށްޓަކައި ފުރާނަ ވެސް ހަދިޔާ ކުރަން ކެރިގެން ނިކުތް ފަހުލަވާނެވެ.

ތިބާދެކެ ވާ ލޯބީގެ ހައްޤުގައި އެ ހިތުގައި ތިބާ އަށްޓަކައި ޝަކުވާއެއް ނެތެވެ. ޝަކުވާ ނެތިގެނެއް ނޫނެވެ. އެ ޝަކުވާ ތަކަށް ވުރެ ތިބާގެ ލޯބީގެ އަގު ވަޒަން ކުރެވޭތީއެވެ. އެ ހިތުގައި ހިނގަމުންދާ ނުތަނަވަސްކަން ފޮރުވަމުން ހިނިތުން އެވަނީ އަދިވެސް ތިބާ އުފާ ކޮށްދެވޭތޯ އެވެ. ވެއްޓިފައިވާ އަނދަވަޅުން ތިބާ ސަލާމަތް ކޮށްދެވޭތޯއެވެ.

ނަމަވެސް ވަގުތު ފާއިތުވެގެން ދާއިރު ވެސް އެ ވާ ޤުރުބާނީގެ އަގު ވަޒަން ކުރެވޭނެ ހެއްޔެވެ . ތިބާ އަށްޓަކައި ހޭދަކުރި ހިތްދަތި ވަގުތުތަކުގެ އަގު އަދާ ކޮށްދެވޭނެ ހެއްޔެވެ. ބަހާރު މޫސުމުގައި ހޭދަކުރި އުފާވެރި ދުވަސްތައް އަނބުރާ ހޯދައި ދެވޭނެ ހެއްޔެވެ. އެ ހިނިތުންވުމުގެ ފަރުދާގައި ވާ ހިތާމަތައް ތިބާ އަށް ފެންނާނެ ބާވައެވެ.

ވިސްނޭ އިރު ވަގުތު ފާއިތު ވެދާނެއެވެ. ލޯބިވެރިޔާގެ އަގު ވަޒަން ކުރެވި އެ ލޯބި ހޯދަން އެދި ސަލާންޖަހަން ޖެހޭ ދުވަސް އަތުވެދާނެއެވެ. ނަމަވެސް އޭރު މާ ލަސްވެދާނެއެވެ. އެ މާ މޯޅިވީ ތިބާގެ ސަބަބުންނެވެ.އެ ދުވަހަކުން ހިތަށް އަރާނެއެވެ. ލޯބި ނުވާކަމަށް ބުނެ އޭރު ދުރުކޮށްލި، ލޯބިވެރިޔާ އެއީ ނިޢުމަތެކެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!