ޒިޔަތު މައްޗަށް ކުރާ ދައުވާތަކުގެ ޙުކުމް އިއްވުން މާދަމާ

އެމްއެމްޕީއާރުސީގެ ހިޔާނާތާއި ގުޅިގެން ގިނަ ދައުވާތަކެއް އުފުލާފައިވާ އެ ކުންފުނީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ އަބްދުﷲ ޒިޔަތުގެ މައްޗަށް ކުރާ ދައުވާތަކުގެ ޙުކުމް އިއްވުން އާދިއްތަ ދުވަހަށް ކްރިމިނަލް ކޯޓުގައި ތާވަލުކޮށްފިއެވެ.
އެމްއެމްޕީއާރްސީ ޚިޔާނާތުގެ މައްސަލަތަކުގެ ތެރެއިން ޅ. މާބިންހުރާ މައްސަލައިގައި ޒިޔަތުގެ މައްޗަށް ވަނީ ކުށް ސާބިތުވެ ޙުކުމް ކޮށްފައެވެ.
މިދިޔަ ހޯމަ ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދިޔަ އަޑުއެހުމުގައި ވަނީ ޒިޔަތުގެ މައްޗަށް އުފުލާފައިވާ 32 ދައުވާ ސާބިތުވާ ކަމަށް ކަނޑައަޅާ 11 އަހަރުގެ ޖަލު ޙުކުމެއް އިއްވައި ދިނުމަށް ދައުލަތުން އެދިފައިވެއެވެ.
އާދިއްތަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ދައުވާތަކުގެ އަޑުއެހުންތައް ފެށުމަށް ހަމަޖެހިފައިވަނީ ހެނދުނު 10:30ގައެވެ.
މި މައްސަލައާއި ގުޅިގެން ނޮވެމްބަރު މަހުގެ 23 ވަނަ ދުވަހު ބޭއްވި އަޑުއެހުމުގައި ދައުލަތުން ވެސް ވަނީ ޒިޔަތާއެކު އިއުތިރާފުގެ އެއްބަސްވުމެއް އެކުލަވާލާފައިވާކަން ކަށަވަރު ކޮށްދެއްވާފައެވެ. އެމްއެމްޕީއާރުސީގެ ހިޔާނާތާއި ގުޅިގެން ކުރިޔަށްގެންދިޔަ އަޑުއެހުންތައް ނިންމާލާފައިވާއިރު، އާދިއްތަ ދުވަހު މި މައްސަލައިގެ ޙުކުމް ކުރުމަށް ވަނީ ނިންމާފައެވެ.
އެމްއެމްޕީއާރްސީ ހިޔާނާތުގެ މައްސަލައިގައި ކުރީގެ ނައިބު ރައީސް އަދީބަށްވެސް ވަނީ ދައުލަތާއެކު ވި އިއުތިރާފުގެ އެއްބަސްވުމެއްގެ ދަށުން 20 އަހަރުގެ ޖަލު ހުކުމެއް އިއްވާފައެވެ.