ހާއްސަ ހުއްދައިގެ ދަށުން ވެރިންގެ އާއިލާތައް ދަތުރުކުރަން ހުއްދަދެވިގެން ނުވާނެ: ދިޔާނާ
ކޮވިޑް-19 އާ ގުޅިގެން މާލެއިން ރަށްރަށް ދަތުރު ކުރުމަށް ދެވޭ ހާއްސަ ހުއްދައިގެ ދަށުން ވެރިންގެ އާއިލާތައް ދަތުރުކުރުމަށް ހުއްދަ ދެވިގެން ނުވާނެ ކަމަށް ކުރީގެ ބަންޑާރަ ނައިބު ދިޔާނާ ސައީދު ވިދާޅުވެއްޖެއެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ފާއިތުވި ހަފްތާގައި ލާމު އަތޮޅަށް ކުރެއްވި ޒިޔާރަތުގައި ގިނަ އަދަދެއްގެ އިސް ބޭފުޅުންނާއި އާއިލާ ބޭފުޅުން ލާމު އަތޮޅަށް ވަޑައިގެންނެވި ކަމަށް ބުނެ، އޮންލައިން ނޫހެއްގައި ޝާއިއުކޮށްފައިވާ ހަބަރެއް ހިއްސާ ކުރައްވައި ދިޔާނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އަސާސީ ހިދުމަތްދޭ ފަރާތްތައް ކަރަންޓީނުން އިސްތިސްނާ ކުރަން ޖެހޭ ކަމަށެވެ.
އެހެނަސް އެ އިސްތިސްނާގެ ދަށުން ސަރުކާރުގެ ވެރިންގެ އާއިލާތައް ދަތުރުކުރުމަށް ހުއްދަ ދެވިގެން ނުވާނެ ކަން ދިޔާނާ ފާހަގަ ކުރެއްވިއެވެ.
"އުސޫލުތައް އެންމެންގެ މައްޗަށް އެއް ހަމައިން ނުހިނގުމީ ވަރަށް ބޮޑު ދެރައެއް. އަބަދުވެސް ރައްޔިތުންގެ 3 ވަނަ ދަރަޖައިގައި" ދިޔާނާގެ ޓްވީޓުގައި ވިދާޅުިއެވެ.
ރައީސް ސޯލިހް ލާމު އަތޮޅަށް ކުރެއްވި ދަތުރުފުޅަކީ އެ އަތޮޅުގެ ރިސޯޓަކަށް އާއިލާއާއެކު ޗުއްޓީ ހޭދަކުރައްވަން ކުރިން ހަމަޖެއްސި ދަތުރެއް ނަމަވެސް ރޭގެ ވަގުތެއްގައި ވަނީ ދަތުރުފުޅު ކުރުކޮށްލެއްވުމަށް ފަހު މާލެ ވަޑައިގެންފައެވެ.