އެތެރެހަށީގައި ރައްކާކޮށްގެން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި މީހަކު ހައްޔަރުކޮށްފި
އެތެރެހަށީގައި ރައްކާކޮށްގެން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި މީހަކު ހައްޔަރު ކޮށްފިއެވެ.
ފުލުހުން ވިދާޅުވީ މި މައްސަލައާ ގުޅިގެން ހައްޔަރު ކޮށްފައި ވަނީ މިދިޔަ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހު ދިވެހި ރާއްޖެއަށް އައި ބްރެޒިލްގެ ރައްޔިތެއްކަމުގައިވާ އުމުރުން 21 އަހަރުގެ ރެނާޓޯ އަލްފްރެޑޯ ކަމަށެވެ.
އޭނާ ހައްޔަރުކޮށްފައި ވަނީ އެތެރެހަށީގައި ރައްކާކޮށްގެން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ކަސްޓަމްސް އޮފިސަރުންނަށް ޝައްކުކުރެވިގެން އޭނާ ހުއްޓުވައި، އެކްސްރޭ ކުރުމުން އޭނާގެ ހަށިގަނޑުގެ ތެރޭގައި އެއްޗެހިތަކެއް ހުރިކަމަށް ފާހަގަ ކުރެވިގެން މޯލްޑިވްސް ކަސްޓަމްސް ސަރވިސް އިން ފުލުހުންނަށް މައުލޫމާތު ދިނުމާ ގުޅިގެން ފުލުހުންނާއި ކަސްޓަމްސް ގުޅިގެން، އެ ފިރިހެން މީހާ ހޮސްޕިޓަލަށް ގެންގޮސް ޑޮކްޓަރަށް ދެއްކުމުން އޭނާގެ ހަށިގަނޑުގައި ފޮރިން ބޮޑީސްތަކެއް ހުރިކަމަށް ޔަގީން ކުރެވުމާ ގުޅިގެން ކަމުގައި ވެސް ފުލުހުން ވިދާޅުވިއެވެ.
އަދި އޭނާ ހޮސްޕިޓަލުގައި އެޑްމިޓްކޮށް، ފުލުހުންގެ ބެލުމުގެ ދަށުގައި އޮތްއިރު އޭނާ ބޮޑުކަމުދިޔަ ތަކެތީގެ ތެރެއިން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 66 ބުލެޓް ފެނިފައި ވެއެވެ.
އަދި މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަަލް ކޯޓަށް ހާޒިރުކުރުމުން،ޝަރީއަތް ނިމެންދެން އޭނާ ބަންދުގައި ބެހެއްޓުމަށް ވަނީ އަމުރުކޮށްފައެވެ.