އާސެނަލް ބަލިކޮށް ޓޮޓެންހަމް އިން ތާވަލުގެ އެއްވަނަ އަށް
އިނގިރޭސި ޕްރިމިއާރ ލީގުގައި ރޭ ޓޮޓެންހަމް އާއި އާސެނަލް ބައްދަލު ކުރި މެޗު ކާމިޔާބުކޮށް ޓޮޓެންހަމް އިން އަނެއްކާވެސް ތާވަލުގެ އެއްވަނައަށް ޖެހިލައިފިއެެވެ.
ރޭ ޓޮޓެންހަމްގެ އަމިއްލަ ދަނޑުގައި ކުޅުނު މެޗު އެ ޓީމުން ކާމިޔާބު ކޮށްފައި ވަނީ 2-0ގެ ނަތީޖާ އަކުންނެވެ. މެޗު ފެށިގެން 13 ވަނަ މިނެޓުގައި އޭރިއާ ބޭރުން ފޮނުވާލި ހިތްގައިމު ބޯޅައަކުން އެ ޓީމަށް ކުރި ހޯދައިދިނީ ދެކުނު ކޮރެއާއަށް ނިސްބަތްވާ ފޯވާޑު ސަން ހުއަން މިންގްއެވެ.
ޓޮޓެންހަމް އިން ލީޑު ނަގާފައި ވަނިކޮށް، ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި އެ ކްލަބަކަށް ލީޑު ފުޅާ ކޮށްދިނީ ސަން ހުއަން މިން ކުރި އެސިސްޓަކުން ހެރީ ކޭންއެެވެ.
ރޭގެ މެޗުގައި ކޭން ކާމިޔާބު ކުރި ގޯލާއި އެކު އޭނާ ވެގެން ގޮސްފައި ވަނީ ނޯތު ލަންޑަން ޑާބީގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ ރެކޯޑުވެސް އާ ކޮށްފައެވެ. މީގެ ކުރިން 10 ގޯލާއެކު މި ރެކޯޑު އޮތީ އެމަނުއެލް އަޑެބަޔޯ އަތުގައެވެ. ރޭ ކޭން ކާމިޔާބު ކުރި 11 ވަނަ ލަނޑާއެކު ނޯތު ލަންޑަނަށް ނިސްބަތްވާ އާސެނަލް އާއި ޓޮޓެންހަމްގެ ސަޕޯޓަރުން އަންނަނީ އޭނާ އަށް މަރުހަބާ ކިޔަމުންނެވެ.
ރޭގެ މެޗުގައި އާސެނަލް އިން ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެ، ޓޮޓެންހަމް އަށް ވުރެން ގިނަ ހަމަލާތައް ވެސް އުފައްދާފައިވެއެވެ. އާސެނަލް އިން ކުޅުނު 11 މެޗުން ލިބުނު 13 ޕޮއިންޓާއި އެކު ތާވަލުގެ 15 ވަނާގައި އޮތްއިރު، ރޭގެ މޮޅާއި އެކު ޓޮޓެންހަމް އަށް 24 ޕޮއިންޓާ އެކު ތާވަލުގެ އެއްވަނަ މަގާމު ވަނީ ލިބިފައެވެ.