ސްޕެއިންގެ ބާސެލޯނާއަށް ކުޅެމުން އަންނަ ތަރި އޮސްމާން ޑެމްބެލޭ ހިލޭ ޓްރާންސްފަރއެއްގައި އިނގިރޭސި ކްލަބު ޗެލްސީއަށް ބަދަލުވާން ނިންމައިފައިވާކަމަށް ރިޕޯޓުތައް ބުނަން ފަށައިފިއެވެ.
ބޮރޫޝިއާ ޑޯޓުމަންޑުން ބޮޑު އަގެއްގައި ބާސެލޯނާއަށް ބަދަލުވި ޑެމްބެލޭގެ ކޮންޓްރެކްޓް ހަމަވާން މިހާރު ގާތްވެފައިވާއިރު، އޭނާގެ ކޮންޓްރެކްޓް އައު ކުރުމަށް ފާއިތުވެދިޔަ އަހަރެއްހައި ދުވަހު ބާސެލޯނާއިން ކުރި މަސައްކަތުން އެއްބަސްވުމަކަށް އާދެވިފައެއް ނުވެއެވެ.
ބާސެލޯނާއަށް ދިމާވެފައިވާ މާލީ މައްސަލަތާ ހުރެ ޑެމްބެލޭ ހުށައަޅާ މުސާރަ ބޮޑުވުމުން ދެ ފަރާތަށް އެއްބަސްވުމަކަށް ނާދެވި ހިލޭ ޓްރާންސްފާއެއްގައި ޓީމު ދޫކޮށްލުމަށް މިހާރު ޑެމްބެލޭ ނިންމައިފައިވާކަމަށް މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފައެވެ.
ޑެމްބެލޭ ޗެލްސީއަށް ސޮއިކޮށްފި ނަމަ އޭނާ ވެގެންދާނީ ޗެލްސީގެ އައު އޯނަރު އެމެރިކާގެ މަހުޖަނު ޓޮޑް ބޯލީގެ ކޮންސޯޓިއަމް ގްރޫޕުން ގެންދާ ފުރަތަމަ ކުޅުންތެރިޔާއަށެވެ.