ސަރުކާރުގެ ތެރެއިން ބަޔަކު މަޖިލިސް ތަޣައްޔަރު ކުރަން އުޅޭ: އާޒިމް

ރައްޔިތުންގެ މަޖިލިސް ތަޣައްޔަރުކުރަން ސަރުކާރުގެ ތެރެއިން ބަޔަކު މަސައްކަތްކުރާ ކަމަށް އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު އަލީ އާޒިމް ތުހުމަތު ކުރައްވައިފިއެވެ.
ޓޫރިޒަމާ ބެހޭ ގާނޫނަށް ސަރުކާރުގެ ފަރާތުން އާޒިމް ހުށަހަޅުއްވާފައިވާ އިސްލާހު މަޖިލީހުގެ އިގްތިސޯދީ ކޮމިޓީން ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓަށް މަޖިލީހުގެ ޖަލްސާގައި ބަހުސް ކުރައްވަމުން މިއަދު އާޒިމް ވިދާޅުވީ ބިލު ދިރާސާކޮށްފައި ގެނައި ކަންބޮޑުވުންތަކަށް ރިއާޔަތް ނުކުރާ ކަމަށާއި އެގޮތަށް އެކަން ދިމާވީ ސަރުކާރުގެ ތެރެއިން ބަޔަކު މަޖިލީހުގެ ތެރެއަށް އަތްގަދަ ކުރާތީ ކަމަށެވެ.
އެބިލު މަޖިލީހުގެ ތަޅުމަށް ހުށަހެޅުއްވި ދުވަހު އާޒިމް ވަނީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލަށް ފާޑު ވިދާޅުވެފައެވެ. މިއަދުގެ ޖަލްސާގައި ވެސް އާޒިމް ފާޑުކިޔުން އަމާޒުކުރީ ފައްޔާޒަށް ކަމަށް ބެލެވެއެވެ. އާޒިމް ވިދާޅުވި ގޮތުގައި ސަރުކާރުގެ ސީނިއާ ވަޒީރުކަމަށް ހެދިގެން މަޖިލީހުގެ ތެރެއަށް "އަތްބާނައިގެން" ކަންތައްތައް ކުރަން މަސައްކަތް ކުރާ ކަމަށެވެ.