ޚަބަރު

1676 އަށް ގުޅުމުން އެކަށީގެންނުވާ ބަހުރުވައިން މުޢާމަލާތު ކުރާކަން ވަނީ ފާހަގަ ކުރެވިފައި – މަބްރޫކް

ދެން އެމްވީ ، ދެން އޮންލައިން

ކޮވިޑް-19 ކަންކަމުގައި ގުޅުމަށް ހަމަޖެހިފައިވާ ހޮޓްލައިން ނަންބަރު 1676 އަށް ރައްޔިތުން ގުޅުމުން ބައެއް ފަހަރު އެކަށީގެންނުވާ ބަހުރުވައިން ވާހަކަ ދައްކާކަން ފާހަގަ ކުރެވިފައިވާ ކަމަށާ، އެފަދަ ކަންކަމުގެ މައުލޫމާތު ލިބޭވަރަކަށް އެ މުވައްޒަފުންނާ ވާހަކަ ދެކެވި އެކަން ހައްލު ކުރުމަށް މަސައްކަތް ކުރެވޭކަމަށް، ކޮވިޑް-19 ގެ ކަންކަމަށް ސަރުކާރުން އުފައްދާފައިވާ ނެޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާނު މަބްރޫކް އަޒީޒު ވިދާޅުވެއްޖެއެވެ.

Ads by STELCO

މަބްރޫކް މިހެން ވިދާޅުވީ އާންމުކޮށް އެން. އީ. އޯ.ސީ ގެ މަސައްކަތް ތަކާބެހޭ މައުލޫމާތުދިނުމަށް ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން މިރޭގެ ބައްދަލުވުމުގައި، "ދެން" ގެ ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ. މި ކަން އިތުރަށް ސާފުކޮށްދެމުން މަބްރޫކް ވިދާޅުވީ، ކޯލް ސެންޓަރއަށް ކުރާ ހުރިހާ ކޯލްތަކެއް ރެކޯޑް ކުރެވިގެން ބެލެހެއްޓޭކަމަށާއި، ރައްޔިތުންގެ ޝަކުވާ އެއް އައިސްފިނަމަ އެކަމަށް ފިޔަވަޅު އަޅަމުންދާނެކަމަށެވެ.

އިތުރަށް މަބްރޫކްގެ ވާހަކައި ގައި، ކޯލް ސެންޓަރުގައި މަސައްކަތް ކުރާ ގިނަ ކުދިންނަކީ ހިލޭސާބަހަށް ވަރަށް ގިނަ ވަގުތު މަސައްކަތް ކުރާ ކުދިން ކަމަށާ، މާލޭގައި ކޮމިއުނިޓީ ސްޕްރެޑް ފެށުމާއި އެކު ކޯލް ސެންޓަރއަށް ކުރާ ކޯލްތަކުގެ އަދަދު ވަރަށް ބޮޑަށް އިތުރުވެފައިވާ ކަންވަނީ ފާހަގަ ކޮށްފައެވެ. އަދި ގިނައިން މި ފަދަ އެކަށީގެންނުވާ ބަހުރުވައިން ވާހަކަ ދެކެވިފައި ހުންނަނީ ކޯލްސެންޓަރއަށް ގުޅާ ރައްޔިތުމީހާވެސް އެކަށީގެން ނުވާ ބަހުރުވައިން މުޢާމަލާތުކުރާތީ ކަން މަބްރޫކް ވަނީ ފާހަގަ ކުރައްވާފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!