ދުނިޔެ

ދަރިފުޅުގެ އުފަން ދުވަހު ދެކެން ޖެހުނީ އެކުއްޖާގެ ފުރާނަ ނެތް މަސްގަނޑު: ޝަހީދުވި ފަލަސްތީނު ކުއްޖެއްގެ ބައްޕަ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

އިޒްރޭލުން މިދިޔަ ހުކުރު ދުވަހު އަނެއްކާ ވެސް ފަލަސްތީނަށް ދިން ލާއިންސާނީ ހަމަލާއާ ގުޅިގެން، ފަލަސްތީނުގެ ކުޑަ ފިރިހެން ކުއްޖަކު ވަނީ ޝަހީދު ވެފައެވެ.

Ads by Sosun Fihaara

ޢަލީ އަބޫ ޢާލިއާ ނަމަކަށް ކިޔުނު އެކުއްޖާ ޝަހީދު ކޮށްލާފައި ވަނީ އޭނާއަށް 15 އަހަރު ފުރުނު ދުވަހުއެވެ. އޭނާގެ އާއިލާއިން ބުނެފައި ވަނީ ޢަލީ ހުރީ މިފަހަރު އޭނާގެ އުފަން ދުވަސް ފާހަގަ ކުރާތީ ވަރަށް އުފަލުން ކަމަށެވެ. އެއީ އާއްމުގޮތެެއްގައި އެޢާއިލާއަކީ އުފަންދުވަސް ފާހަގަ ކުރާ ޢާއިލާއަކަށް ނުވުމުން ކަމަށް ވެސް ބުނެފައިވެއެވެ.

"ހަވީރު ޕާޓީ ބާއްވަން އަވަހަށް ކޭކެއް އަޅައިދޭން ވެސް ޢަލީ އޭނަގެ މަންމަ ގާތު ބުނި. ނަމަވެސް ތަޤްދީރު ނިޔާ ކުރީ އޭނަ އެ ކޭކު އެހެން ތާކު ކެއުމަށް" އަލްޖަޒީރާއަށް މައުލޫމާތު ދެމުން ޢަލީ ގެ ބައްޕަ އައިމަން އަބޫ ޢާލިއާ ބުނެފައިވެއެވެ.

ޑިފެންސް ފޮ ޗިލްޑްރެން އިންޓަނޭޝަނަލް ފަލަސްތީނު (ޑީސީއައިޕީ) ގެ ރިޕޯޓުތަކުން ބުނެފައިވާ ގޮތުގައި އިޒްރޭލުގެ ސިފައިން ބަޑި ޖެހީ ޢަލީގެ ބަނޑަށެވެ. އަވަށްތަކަށް ވަންނަން އޮންނަ ދިމާލުގައި ޢަލީ އެވަގުތު ހުރީ ފަލަސްތީނުގެ ޒުވާނުންތަކަކާއި އިޒްރޭލު ސިފައިންނާ މެދު ހިނގަމުންދިޔަ ހަމަނުޖެހުންތައް ބަލަން ކަަމަށް ވެސް ރިޕޯޓުތަކުން ބުނެއެވެ.

ރާމަﷲގެ ހޮސްޕިޓަލަކަށް ، ވަގުތުން ޢަލީ ގެންދިޔަ ނަމަވެސް، އެތަނަށް ގެންދިޔަތާ މާގިނައިރެއް ނުވެ އެކުއްޖާ ނިޔާވި ކަމުގެ ހިތާމަވެރި ޚަބަރު ޑޮކްޓަރުން ދިނެވެ.

"ބޭނުންވީ ދަރިފުޅު އުފާ ކޮށްދޭން. އެކަމަކު ދަރިފުޅުގެ އުފަން ދުވަހު ދެކެން ޖެހުނީ އެކުއްޖާގެ ފުރާނަ ނެތް މަސްގަނޑު. އަހަރުމެން މާތް ރަސްކަލާނގެ ޙަޟްރަތަށް ކެތްތެރިވާނަން" އައިމަން ބުންޏެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!