ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރަން ފުރަތަމަ މަޝްވަރާ ކުރާނީރައީސް ޞާލިހާ: ނަޝީދު
ރާއްޖޭގައި ވެރިކަންކުރާ ނިޒާމު ރިޔާސީ ނިޒާމުން ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރަން އެންމެ ފުރަތަމަ ވެސް މަޝްވަރާ ކުރައްވާނީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙާ ކަމަށް ކުރީގެ ރައީސް އަދި މިހާރު ރައްޔިތުންގެ މަޖިލިހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ޕީއެސްއެމް ގައި ރޭ ބޭއްވި "އާސްކް ސްޕީކަރ" ޕްރޮގްރާމުގައި ރައްޔިތުންގެ ފަރާތުން ގިނަ ސުވާލުތަކެއް ކޮށްފައިވާއިރު، ވެރިކަމުގެ ނިޒާމާ ގުޅޭގޮތުން ރައްޔިތަކު ކުރި ސުވާލަކަށް ރައީސް ނަޝީދު ވިދާޅުވީ ވެރިކަން ކުރަން އޮތް ހަމައެކަނި ނިޒާމަކީ ބަރުލަމާނީ ނިޒާމު ކަމަށެވެ. ރިޔާސީ ނިޒާމު މޮޅުވެގެން އެ ވާހަކަ ދައްކަން ފެށީ މިދިޔަ ވިއްސަކަށް އަހަރުގެ ތެރޭގައި ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.
"2023 ވަނަ އަހަރުތޯ، އޭގެ ކުރިއަށް ކުޑަ ތަންކޮޅެއް ލައިފަތޯ އަޅުުގަނޑު ހިތުން މިވާހަކަތައް އެންމެ ފުރަތަމަ މަޝްވަރާ ކުރާނީ ސިޔާސީ ކަންކަމުގައި އަޅުގަނޑު އަބަދުވެސް މަޝްވަރާ ކުރާ ބޭފުޅާއާ. އެއީ މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އަކަށް އެބޭފުޅާ ހުންނެވީ" ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު ވިދާޅުވީ، ވެރިކަން ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރުމާ ގުޅޭގޮތުން ރައީސް ޞާލިޙާ މަޝްވަރާ ކުރެއްވުމަށްފަހު، އެކަން ނިންމާނީ ދެ ބޭފުޅުން ޤަބޫލު ކުރައްވާ ރަނގަޅު ގޮތަކަށް ކަމަށެވެ.