ދުނިޔެ

ކޮވިޑް-19: އިނގިރޭސިވިލާތުގައި ވެކްސިން ފުރަތަމަ ދިނީ އަންހެނަކަށް!

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ނުރައްކާތެރި ކޮވިޑް-19 އިން ރައްކާތެރިވުމަށް އިނގިރޭސިވިލާތުގައި މިއަދު ވެކްސިން ފަށައިފިއެވެ. ރިޕޯޓުތަކުން ބުނެފައިވާ ގޮތުގައި އެޤައުމުގައި ދެމުން އަންނަނީ ފައިޒާއިން އުފައްދާފައިވާ ވެކްސިނެވެ.

Ads by WAMCO

އެގޮތުން އިނގިރޭސިވިލާތުގައި ފުރަތަމަ ވެކްސިން ދީފައިވަނީ އުމުރުން 90 އަހަރުގެ އަންހެނަކަށެވެ. މާގަރެޓް ކީނަން ނަމަކަށް ކިޔާ އެއަންހެން މީހާއަށް އަންނަ ހަފްތާގައި 91 އަހަރު ފުރޭނެއެވެ. އެހެންކަމުން އޭނާ ބުނެފައި ވަނީ މިއީ އެޑްވާންސްކޮށް އޭނާއަށް ލިބުނު އެންމެ އުފާވެރި އުފަން ދުވަހުގެ ހަދިޔާ ކަމަށެވެ.

މާގަރެޓް އަށް ވެކްސިން ދީފައި ވަނީ އެޤައުމުގެ ގަޑިން ހެނދުނު 6:30 ހާއިރެވެ. އޭނާގެ އިތުރުން އިނގިރޭސިވިލާތުގެ އެކި ކަންކޮޅުތަކުގައި ފައިޒާ/ބަޔޯއެންޓެކް ވެކްސިން ދިނުން ދަނީ ކުރިއަށެވެ.

އެކުންފުނިން ކުރިއަށް އޮތް ހަފްތާ ތެރޭގައި 800،000 ވެކްސިން ޖެހުމަށް ހަމަޖެހިފައިވާ ކަމަށް ވެސް ރިޕޯޓުތަކުން ބުނެފައިވެއެވެ. އަދި މިމަސް ނިމުމުގެ ކުރިން ހަތަރު މިލިއަނެއްހާ ވެކްސިން ޖެހުމަށް އިނގިރޭސިވިލާތުން ނިންމާފައިވާ ކަމަށް ވެސް އެޤައުމުގެ ކަމާބެހޭ ފަރާތްތަކުން ވަނީ ބުނެފައެވެ.

އިނގިރޭސިވިލާތުގެ ސަރުކާރުން ކުރިއަށް ގެންދާ މިޕްރޮގްރާމުގެ ދަށުން އެންމެ ފުރަތަމަ ވެކްސިން ދިނުމަށް ނިންމާފައިވަނީ އުމުރުން 80 އަހަރަށްވުރެ މަތީ މީހުންނަށާއި، ހެލްތްކެއާ ސްޓާފުންނަށެވެ.

ހެލްތު ސެކްރަޓަރީ މެޓް ހެންކޮކް ބުނެފައި ވަނީ ރައްޔިތުންނަށް ވެކްސިން ލިބެމުންދާތަން ފެނުމުން އުފާވާ ކަމަށާއި ނަމަވެސް ވެކްސިން ޖެހުމަށްފަހު ވެސް ދެން ޢަމަލު ކުރަންވީ ގޮތްތަކަށް ސަމާލުކަން ދީގެން ޤަވާއިދަށް ހުރުމަތްތެރިކޮށް ހިތުމަށެވެ.

އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު ބޮރިސް ޖޯންސަން ލަންޑަން ހޮސްޕިޓަލަށް ޒިޔާރަތް ކުރައްވާ، ވެކްސިން ޖަހަން ގޮސް ތިބި ރައްޔިތުންނާ މުހާތަބު ކުރައްވާ ވިދާޅުވީ ވެކްސިން ޖެހުމަކީ އެމީހުންނަށާއި ޤައުމަށް ވެސް ކޮށްދެވޭ ރަނގަޅު ކަމެއް ކަމުގައެވެ.

 

 

 

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!