ދެ އަހަރު ކުރިން އޮތް ހާލަތަށް ދާކަށް ބޭނުމެއް ނުވޭ: ރައީސް
މީގެ ދެ އަހަރު ކުރިން ރާއްޖެ އޮތް ހާލަތަށް ދާން ބޭނުންވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވިއްޖެއެވެ.
ނޫސްވެރިކަމުގެ އެވޯޑު ދިނުމުގެ ހަފުލާއަށް ފޮނުވި ވީޑިއޯ މެސެޖުގައި ރައީސް ވިދާޅުވީ މީގެ ދެ އަހަރު ކުރިން ދިވެހި ނޫސްވެރިކަން އޮތް ހާލަތު އަދި ދިވެހި ގައުމު އޮތް ހާލަތު ރައްޔިތުން ހަނދާން ނުނެތޭ ކަމަށާއި އެ ދުވަސްތައް އަލުން ދެކެން ދިވެހި އެއްވެސް ރައްޔިތަކު ބޭނުން ނުވާ ކަމަށެވެ. އެ ގޮތުން މޯލްޑިވްސް މީޑިއާ ކައުންސިލާއި، މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން އެއިރު މަސައްކަތް ކުރަމުން ގޮސްފައި ވަނީ ނޫސްވެރިންނާއި ނޫސް އިދާރާތައް ކުށްވެރިކޮށް، ފިޔަވަޅު އެޅުމުގައިކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ. ނަމަވެސް، މިހާރު އެ ޘަޤާފަތް މުޅިން ބަދަލުކުރައްވާފައި ވާނެކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވަނީ ޒަމާނީ ޑިމޮކްރެސީއެއްގައި ނޫސްވެރިންގެ ދައުރާއި ޒިންމާދާރު ނޫސްވެރިކަން އޮންނަންވީ ގޮތުގެ މައްޗަށް ވެސް އަލިއަޅުއްވާލައްވާފައެވެ. އެ މަނިކުފާނު ވިދާޅުވީ ނޫސްވެރިންގެ ޒިންމާއަކަށް ވާނީ، ޤައުމުގެ ކޮންމެ ކަމެއްގައި ވެސް، ރައްޔިތުންނަށް އެންމެ ސީދާ އަދި އެންމެ ރަނގަޅު މަގު ދައްކައިދިނުން ކަމަށެވެ. އެ ގޮތުން އިޖުތިމާޢީ ބޮޑެތި މައްސަލަތައް ކަމުގައިވާ މަސްތުވާތަކެތީގެ މައްސަލައާއި، ހަރުކަށި ފިކުރުގެ މައްސަލައަކީ ވެސް އެ މައްސަލަތައް ހައްލުކުރުމުގައި ނޫސްވެރިންގެ ދައުރު މިހާރަށްވުރެ ފުޅާކުރަންޖެހޭ ދެ ދާއިރާކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.
ހަމައެހެންމެ، ކޯވިޑް-19އާ ގުޅިގެން އިޤްތިޞާދަށް ލިބުނު ގެއްލުންތަކުން އަރައިގަނެ އިޤްތިޞާދު އަލުން އާރާސްތުކުރުމުގައި ވެސް ނޫސްވެރިން ފުޅާ ދައުރެއް އަދާކޮށްދެއްވުމަށް އެ މަނިކުފާނު އެދިވަޑައިގެންނެވިއެވެ.
މި ދާއިރާއާ އަލަށް ގުޅޭ ނޫސްވެރިންނަށް އިޝާރާތްކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ނޫސްވެރިއެއްގެ ޒިންމާ އަދާކުރަން ނުކުންނަން ވާނީ ޤައުމު ބިނާކުރުމުގެ ވިސްނުމާއެކު، އެ ގޮތުގައި ކުރިއަށްދިއުމަށް ޢަޒުމް ކަނޑައަޅައިގެން ކަމުގައެވެ. އަދި، މެސެޖު ނިންމަވާލެއްވުމުގެ ކުރިން އެ މަނިކުފާނު ވަނީ، ގެއްލުވާލާފައިވާ ނޫސްވެރިޔާ އަޙްމަދު ރިޟްވާނާއި، އަނިޔާވެރި ގޮތަކަށް މަރައިލާފައިވާ ޔާމީން ރަޝީދުގެ ހަނދާންތައް އައުކުރައްވައި، އެ ދެ ނޫސްވެރިންނަށް އިންސާފު ހޯދައިދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތައް ހުއްޓުމެއްނެތި ކުރިއަށްދާކަމުގައި ވިދާޅުވެފައެވެ.
ރައީސްގެ ވާހަކަފުޅުގައި ޙަފުލާގައި އެކި ދާއިރާތަކުން ނޫސްވެރިކަމުގެ އިނާމު ހާސިލުކުރި ހުރިހާ ނޫސްވެރިންނަށް ތަހުނިޔާ ވިދާޅުވިއެވެ. އަދި ރާއްޖޭގައި މިހާރު އޮތީ ނޫސްވެރިކަން ކުރުމުގެ މިނިވަން، ވާދަވެރި ޖައްވެއްކަން ފާހަގަކުރައްވައި، ހުރިހާ ނޫސްވެރިން ވެސް ޤައުމު ބިނާކުރުމުގައި ޒިންމާދާރުކަމާއެކު މަސައްކަތްކޮށްދެއްވުމަށް އެ މަނިކުފާނު އެދިވަޑައިގެންނެވިއެވެ.