ކަރަންޓީނުގައި ހުރެ ބޭރަށް ނިކުމެލީ 8 ސިކުންތައް، 50 ހާސް ރުފިޔާ އަށް ވުރެ ބޮޑު ޖޫރިމަނާއެއް
ޓައިވާނުގައި ކަރަންޓީނު ކޮށްފައި ހުރި މީހަކު ކުޑަ އިރުކޮޅަކަށް ބޭރަށް ނިކުތުމުން ބޮޑު އަދަދަކުން ޖޫރިމަނާ ކޮށްފިއެވެ.
ރިޕޯޓުތައް ބުނާ ގޮތުގައި މި މީހާ އަކީ ބޭރު ގައުމަކުން ޓައިވާނަށް ގޮސް ކަރަންޓީނުވެ ހުރި މީހެކެވެ. އަދި މި މީހާ ކަރަންޓީނުވެފައި ހުރި ހޮޓަލު ރޫމުން ބޭރަށް ނިކުމެފައިވަނީ އެންމެ 8 ސިކުންތަށެވެ.
ޓައިވާނުގެ ކަމާ ބެހޭ އިދާރާތަކުން ވަނީ މި މީހާ 3500 އެމެރިކާ ޑޮލަރުން ޖޫރިމަނާ ކޮށްފައެވެ. އެއީ ދިވެހި ރުފިޔާއިން ބަލާނަމަ 50 ހާހަށް ވުރެ ގިނަ ރުފިޔާއެވެ.
ރިޕޯޓުތައް ބުނާ ގޮތުގައި މި މީހާ ކޮޓަރިން ބޭރަށް ކުޑަކޮށް ނިކުމެލާފައިވަނީ ކޮޓަރި ބޭރުގައި ހުރި އެއްޗެއް ނެގުމަށެވެ. އެ ހޮޓެލުގެ ސީސީޓީވީ ފޫޓެޖު އާންމުވެފައިވާއިރު، ވީޑިއޯއިން ފެންނަ ގޮތުގައި ކަރަންޓީނާ ހިލާފުވާ ކަމަށް ބުނާ މީހާ ކޮޓަރިން ބޭރަށް ނިކުމެ މާ ދުރަށް ގޮސްފައެއް ވެސް ނުވެއެވެ.
ޓައިވާނު ފާހަގަވެފައި އޮތީ މުޅި ދުނިޔޭގައި ވެސް ކޮވިޑް-19 އަށް އެންމެ ހަރުކަށި ފިޔަވަޅުތައް އަޅާ އެއް ގައުމުގެ ގޮތުގައެވެ.