ލައިފްސްޓައިލް

'ތަފާތު ވާން ޖެހޭ، ތަފާތު ކުރަން ޖެހޭ'

އައިޝަތު އިލްމާ އަދުނާން ، ދެން އޮންލައިން

އެއީ، މިދިޔަ އަހަރުގެ ސެޕްޓެމްބަރ މަހުގެ ތެރެއިންނެވެ. ކޮލެޖުން ގެއަށް ދިޔަ މަގުމަތިން ފެނުނު މަންޒަރެކެވެ. މަޖީދީމަގުގެ އިބްރާހިމް މިސްކިތާވީ ފަޅީގައި ހުއްޓިލައިގެން 3 ޒުވާނުން ތިބިތަން ދުށީމެވެ. ބެލެވޭގޮތުން ދަސްވެނިވުމުން ފޮޓޯ ނަގަން ދިއުމަށް ތައްޔާރުވެގެން ތިބި ބައެކެވެ. އެއް އަތްމަތީ ގައުން އޮތެވެ. އަނެއް އަތުގައި ސެޓިފިކެޓް އޮތެވެ. ކޯޓް ފަޓުލޫނުގައި ތިބިލެއް ވަރަށް 'ޑީސެންޓް' އެވެ. އެގޮތަށް، ހުރުމުގެ ނަސީބު ހޯދުމަށް އިތުރު 1 އަހަރު ކިޔަވަން އަހަންނަށް ޖެހެއެވެ. ނަމަވެސް،   'ޑީސެންޓް' ކޮށް ތިބި 3 ޒުވާނުންގެ ތެރެއިން އެކަކު ކުރި ކަމަކުން ކުޑަކޮށް ހައިރާން ވެސް ވިއެވެ. އެއްވެސް ބަލައިލުމެއް ނެތި މަގުމައްޗަށް ކުޅުޖެހީއެވެ. ދަސްވެނިވުނުކަމުގެ ސަނަދާއެކު އެކުރީ ކިހާ ހުތުރު ޢަމަލެއް ހެއްޔެވެ؟ ތަފާތު އެތަކެއް ބަލިތަކެއް ކުޅުގެ ޒަރިއްޔާއިން ފެތުރޭކަން ނޭނގެނީ ނޫންކަން ޔަގީނެވެ.

ދިވެހިރާއްޖެ އަކީ ޖަޒީރާ ރަށްތަކެއްގެ މައްޗަށް ބިނާވެފައިވާ ކުޑަކުޑަ ގައުމެކެވެ. ތަރައްގީވަމުންދާ ގައުމެކެވެ. ތައުލީމަށް އިސްކަންދޭ ރައްޔިތުން ތަކެއް ދިރިއުޅެމުންދާ ގައުމެކެވެ. އެތައް ހާސް ދަރިވަރުންތަކެއް، އެކިއެކި ރޮނގުރޮނގުން މަތީ ތައުލީމު ހާސިލުކޮށް ކޮންމެ އަހަރަކު ދަސްވެނިވެއެވެ. ނަމަވެސް، ހިތާމައަކީ ނަގާ މަތީ ސަނަދުތަކާ އެއް ފެންވަރަކަށް ޢަމަލީ މައިދާނުގައި އެކަންތައް ފެނިގެން ނުދިއުމެވެ. މިކަމުގެ ކުޑަކުޑަ ހެއްކަކަށް ބަލައިލަމާ ހިނގާށެވެ.

މީސް މީޑިއާގެ ތަފާތު މަންސަތަކަށް ނަޒަރު ހިންގާލަމާ ހެއްޔެވެ؟ އެތަކެއް ރައްޔިތުންގެ ޝަކުވާތަކާއި މައްސަލަތައް ބަންޑުކޮށްލަން ޖެހޭ މަންސައަކީ މީސްމީޑިއާގެ މަންސަތައް ހެއްޔެވެ؟ ކިޔަވައިގެން ތިބި ހޭޖެހޭ އަދި ކަންކަމުގައި ވާނުވާ ނުވަތަ އޮންނަ އުސޫލު އެނގިތިބެމެ، އިހުސާސްތަކާއި ހިތުގެ އުދާސްތަކުން މީސްމިޑިއާގެ މަންސަތައް ފުރާލުމުން އެދެވޭ ހައްލެއް ލިބިގެންދޭ ހެއްޔެވެ؟ ބޭނުންވާ ގޮތަށް ކަންތައްނުވުމުން، އެކަންތައް ސިޔާސީކުރުމުން މުޖުތަމައުގައި ތަފާތުކުރުން ނެތިގެންދޭ ހެއްޔެވެ؟ ކިޔަވައިގެން ތިބެމެ، ކޮރަޕްޝަނަށް މަގުފަހިކުރުމީ ތަހުޒީބުކަމުގައި ގަބޫލުކުރެވޭ ހެއްޔެވެ؟

ވިސްނާލަމާއެވެ. ޕީ.އެޗް.ޑީ، މާސްޓާސް އަދި ޑިގުރީ ނެގި ކަމުގައި ވިނަމަވެސް، އެފެންވަރަށް އަހަރެމެންގެ ވިސްނުން ނުދާނަމަ އެ ސަނަދުތަކުގެ ބޭނުމެއް ކޮބައިހެއްޔެވެ؟ ދިރިއުޅޭ މާހައުލު ސާފުކޮށް ބޭއްވުމަށް މަސައްކަތް ނުކުރެވެންވީ ކީއްވެ ހެއްޔެވެ؟ އެއީ، ނުކިޔަވާ ތިބޭ މީހުންގެ ޒިންމާއެއް ހެއްޔެވެ؟ ކިޔަވައިގެން ތިބި މީހުން މަގުމައްޗަށް ކުނި އަޅަނީ މަގުތައް ބަޔަކު ސާފުކޮށް ބަލަހައްޓާތީކަމަށް ވެދާނެވެ. ތިމާ އަޅާ ކުނި އެހެން މީހަކަށް ނަގަން ޖެހުމަކީ ތިމާގެ ގަދަރަށް އުނިކަމެއް އަންނާނެ ކަމެއްކަން ވިސްނެން ވާނެއެވެ. ނަމަވެސް، އުޅޭ ވެށި ސާފުކުރުމަކީ ފަރުދީ ޒިންމާއެކެވެ.

އަހަރެމެންގެ ވިސްނުން ތަރައްގީ ކުރަންޖެހެއެވެ. ދުނިޔެއަށް އަންނަ ކޮންމެ ބަދަލަކާ އެއްވަރަށް އަހަރެމެން ލޯހުޅުވެން ޖެހެއެވެ. ނަމަވެސް، ހިތާމައަކީ ދުނިޔެއަށް އިންގިލާބީ ބޮޑެތި ބަދަލުތައް އަންނައިރު، އެވަރަށް އަހަރެމެންގެ ސިކުނޑި ތަރައްގީ ނުވުމެވެ. 'އަހަރެންގެ ދަރިފުޅު އިންނަނީ ކުލާހުގަ ބާކީ ކޮށްފަ'، 'މޮޅުކުދިންނަށް ކިޔަވައިދެނީ' މިއީ ސްކޫލު މާހައުލުން އިވޭ އަޑުތަކެވެ. އެކި ކުދިންގެ ފެންވަރު ތަފާތެވެ. އެކި ކުދިންނަށް ކިޔަވާދޭންޖެހޭ މިންވަރު ވެސް ތަފާތެވެ. ކުދިންގެ ވިސްނުން ވެސް ތަފާތެވެ. އެގޮތުން، ތަފާތު އުކުޅުތައް ބޭނުން ކޮށްގެން ކިޔަވައިދިނުން އެއީ އެންމެ ސަޅި ގޮތެވެ. ކިޔަވަން މަސައްކަތް ކުރާ ކުއްޖަކާ ކިޔަވަން މަސައްކަތް ނުކުރާ ކުއްޖާ ތަފާތުވާނެއެވެ. ހާއްސަ އެހީއަށް ބޭނުންވާ ކުއްޖަކާ އެއްކުލާހެއްގައި ތިމާގެ ދަރިފުޅު އިނުމުން އެކުއްޖާ އެކުލާހުން ބޭރުކުރުމުގެ ބަދަލުގައި، އެކުދިންނާއެކު އުޅެން ދަރިފުޅަށް ދަސްކޮށްދޭށެވެ.

ކޮންމެ މީހަކީވެސް ތަފާތު މީހެކެވެ. ނަމަވެސް، އަމިއްލަވަންތަ ގޮތާއި، ތަފާތު ދައްކަން ވާނީ ރީތި ގޮތުގައެވެ. މިއީ، 21 ވަނަ ގަރުނެވެ. ތަހުޒީބަށް ލޯހުޅުވެން ޖެހެއެވެ. ރީތި ގޮތްތައް ދަސްކުރަންޖެހެއެވެ. ކަންކަމުގައި އޮންނަ އުސޫލާ އެއްގޮތަށް ކަންތައް ނިންމަން ދަސްކުރަން ޖެހެއެވެ. މުޖުތަމައުގައި ތަފާތު ކުރާނީ ވެސް ތިމާ އުޅޭގޮތުންނެވެ. ވިސްނަންވީ ނޭނގުމާއި އެނގުން ތަފާތު ވާން ޖެހޭ ކަމެވެ. ކިޔަވައިގެން ތިބި މީހުންނާއި ނުކިޔަވާ ތިބި މީހުން ތަފާތު ވާންޖެހޭ ކަމެވެ. އައްޔާއި އަނދިރި ފަދައިންނެވެ. ވިސްނަންވީ، މާދަމާ ތިމާ ގައުނު ލައި، ދަސްވެނިވޭއިރު ތިމާގެ ފިޔަވަޅު މަތިން ހިނގާނެ ދަރިންތަކެއް ތިބިކަމެވެ. މުޖުތަމައުގައި ކުރާ ތަފާތުތައް، ތަފާތު ގޮތަކަށް ނައްތާލަން މަސައްކަތްކުރާ ތަފާތު މީހަކަށް ތިމާ ވާން ޖެހޭ ކަމެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!