ރާއްޖެއާއި ޗައިނާއާ ދެމެދު ޑިރެކްޓަރ- ޖެނެރަލް ލެވެލްގެ މަޝްވަރާތައް ބާއްވަނީ

ދިވެހި ސަރުކާރާއި ޗައިނާ ސަރުކާރާ ދެމެދު ބާއްވާ ޑިރެކްޓަރ-ޖެނެރަލް ލެވެލްގެ މަޝްވަރާތައް މިހިނގާ ޑިސެމްބަރު މަހުގެ 10 ވަނަ ދުވަހު އޮންނާނެ ކަމަށް ފޮރިން މިނިސްޓްރީން ބުނެފިއެވެ.
އެމިނިސްޓްރީން މައުލޫމާތު ދީފައިވާ ގޮތުގައި ދިވެހިރާއްޖޭގެ ފަރާތުން މި މަޝްވަރާތަކުގައި އިސްކޮށް ބައިވެރިވެވަޑައިގަންނަވަނީ މިނިސްޓްރީ އޮފް ފޮރިން އެފެއަރޒްގެ އެޑިޝަނަލް ސެކްރެޓަރީ އަމީން ޖާވިދް ފައިސަލްއެވެ. އަދި ޗައިނާ ސަރުކާރުގެ ފަރާތުން މި މަޝްވަރާތަކުގައި އިސްކޮށް ބައިވެރިވެވަޑައިގަންނަވާނީ ޗައިނާގެ މިނިސްޓްރީ އޮފް ފޮރިން އެފެއަރޒްގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް (އޭޝިއަން އެފެއަރޒް ޑިޕާޓްމަންޓް) މރ.ޗެންގް ސޮންގް އެވެ.
މި ބައްދަލުވުމުގައި މަޝްވަރާކުރެވޭނީ ދެޤައުމުގެ މެދުގައި އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމާ، ކޮވިޑް-19އާ ގުޅުން ހުރި ކަންތައްތަކާ ބެހޭ ގޮތުން ކަމަށާއި އެގޮތުން ކޮވިޑް-19 ގެ ސަބަބުން ލިބިފައިވާ އިޤްތިޞާދީ ގެއްލުންތަކުން އަރައިގަތުމަށް ކުރެވޭ މަސައްކަތްތަކާއި، ފަތުރުވެރިކަން ކުރިއެރުވުން އަދި ބައިނަލްއަޤްވާމީ ދަތުރުފަތުރާ ބެހޭ ގޮތުން މަޝްވަރާ ކުރެވޭނެ ކަމަށް ފޮރިން މިނިސްޓްރީން ބުނެފައިވެއެވެ. އަދި ދެޤައުމު ގުޅިގެން މަލްޓިލޭޓަރަލް ފޯރަމްތަކުގައި އެކުގައި މަސައްކަތްކުރެވޭނެ ދާއިރާތަކާ ބެހޭ ގޮތުން ވެސް މި ބައްދަލުވުމުގައި މަޝްވަރާ ކުރެވޭނެ ކަމަށް އެމިނިސްޓްރީން ބުނެފައިވެއެވެ.
ކޮވިޑް-19އިން އަރައިގަތުމަށް މަސައްކަތް ކުރާ މި ދަނޑިވަޅުގައި ތަރައްޤީގެ ބައިވެރިންނާއެކު ދިވެހި ސަރުކާރުން ކުރިއަށް ގެންދާ މަޝްވަރާތައް ހުއްޓުމެއް ނެތި ދަނީ ކުރިއަށް ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ. ޤައުމުގެ އިޤްތިޞާދު އަލުން އަނބުރާ ކޮޅަށް ޖެހުމަށް ކުރެވޭ މަސައްކަތުގައި މިމަޝްވަރާތައް އިސް ދައުރެއް އަދާކުރާނެ ކަމަށާއި އެގޮތުން ރާއްޖޭގެ ފަތުރުވެރިކަން އަލުން އިޔާދަކުރުމަށް މަސައްކަތްކުރާއިރު، ޗައިނާއަކީ ކޮވިޑް-19ގެ ޙާލަތުގެ ކުރިން ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރާ ޤައުމުކަން ވެސް ފޮރިން މިނިސްޓްރީން ފާހަގަ ކޮށްފައިވެއެވެ.
ކޮވިޑް-19އާ ގުޅިގެން ރާއްޖެއަށް އެންމެ ފުރަތަމަ އެހީ ފޯރުކޮށްދިން އެއް ޤައުމަކީ ޗައިނާއެވެ.