ޝަރީޢަތް ނިމެންދެން ޝަހީބު ބަންދުގައި ބަހައްޓަން ކުރި ހުކުމް ސުޕްރީމް ކޯޓުން ދަމަހައްޓައިފި

ކަންނެލި ދޯންޏަކުން ކަނޑުމަގުން ރާއްޖެއަށް 130 ކިލޯގެ މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހުންގެ ތެރޭގައި ހިމެނޭ ކަމަށް ތުހުމަތުކުރާ ގއ. ވިލިނގިލިީ ލައިޓްހައުސް ޝަހީބް އިބްރާހީމް ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް ހައިކޯޓުން ނިންމި ނިންމުން ސުޕްރީމް ކޯޓުން ދަމަހައްޓައިފިއެވެ.
މިމައްސަލައިގައި ޝަހީބު ހައްޔަރު ކުރުމަށްފަހު ޝަރުތުތަކަކާއެކު ކްރިމިނަލް ކޯޓުން އޭނާ ދޫކޮށްލީ މިއަހުރުގެ އޮކްޓޯބަރު މަހު ތެރޭގައެވެ. ދައުލަތުން މިމައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން އެކޯޓުން، ކްރިމިނަލް ކޯޓުގެ ހުކުމް ބާތިލުކޮށް، ޝަރީޢަތް ނިމެންދެން ޝަހީބު ބަންދުގައި ބަހައްޓަން އަމުރު ކުރެއްވިއެވެ.
މި މައްސަލަ ޝަހީބުގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުން އެކަމުގައި ގޮތެއް ނިންމުމަށް މިއަދު ބޭއްވި އަޑުއެހުމުގައި ސުޕްރީމް ކޯޓުން ވަނީ ޝަހީބު ބަންދުގައި ބަހައްޓަން ހައިކޯޓުން ކުރި ހުކުމަށް ތާއީދުކޮށް އެހުކުމް ދަމަހައްޓާފައެވެ.
ސުޕްރީމް ކޯޓުގައި މިއަދު އެމައްސަލަ ބައްލަވާފައިވަނީ ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމާއި ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދުގެ އިތުރުން ފަނޑިޔާރު މަހާޒް އަލީ ޒާހިރެވެ.
މިއަހަރުގެ އޮކްޓޯބަރު މަހުގެ 12 ވަނަ ދުވަހު ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ކަނޑުމަގުން ރާއްޖެއަށް އެތެރެކުރި 130 ކިލޯގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި މީހުންގެ ވަނަވަރު ފުލުހުން ވަނީ އާންމު ކޮށްފައެވެ. އެގޮތުން ރާއްޖެއަށް މިމަސްތުވާތަކެތި އެތެރެކުރުމުގައި އިސްކޮށް ހަރަކާތްތެރިވިކަމަށް ފުލުހުން ތުހުމަތު ކޮށްފައި ވަނީ ޝަހީބްގެ އިތުރުން ހއ. ހޯރަފުށި، ވައިލެޓްވިލާ އަހުމަދު މޫސާގެ މައްޗަށެވެ.