ލައިފްސްޓައިލް

ފަޅޯ ފަތު ޖޫސް ބޯންވީ މި ސަބަބުތަކަށް ޓަަކައި!

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

އެއްވެސް ޝައްކެތް ނެތް ގޮތުގައި މި ޒަމާނަކީ ގިނަ ބަޔަކު ސިއްހަތަށް ސަމާލުކަން ދީގެން އުޅޭ ޒަމާނެކެވެ. ސިއްހަތަށް ފައިދާހުރި މޭވާ އާއި ތަރުކާރީ އަދި ފަތްޕިލާވެލީގެ ބާވަތްތައް ވެސް އެކި ގޮތްގޮތަށް މީހުން ކައިބޮއެ އުޅެއެވެ. ސިއްހަތަށް ފައިދާހުރި ފަތެކޭ ބުނެފިނަމަ ގިނަ ބައެއްގެ ސިކުނޑިއަށް އަަބަދުވެސް އަންނަނީ އެލޯވޭރާ، މުރަނގަ ފަތް އަދި މިންޓް ލީވްސް ފަދަ ތަކެއްޗެވެ.

Ads by STELCO

ސިއްހަތަށް ފައިދާހުރި ފަތްތަކުގެ ލިސްޓަށް މިއޮތީ ފަޅޯ ފަތް އިތުރު ކޮށްލަން ޖެހިފައެވެ. އެހެނީ ފަޅޯ ފަތް ބޭނުން ކޮށްގެން ގިނަ ބަލިތަކަކުން ސަލާމަތް ވެވޭނެ ކަން ދިރާސާތަކުން ވަނީ ދައްކާފައެވެ. އަދި ގިނަ ސިއްހީ މާާހިރުން ވެސް މިކަމަށް ވަނީ އިއްތިފާގު ވެފައެވެ.

ފަޅޯ ފަތް ހުރި ގޮތަށް ކެއުމަކީ އުނދަގޫ ކަމަކަށް ވެދާނެއެވެ. އެހެންކަމުން، ފަޅޯ ފަތުގައި ޖޫސް ތައްޔާރު ކޮށްގެން ފަޅޯ ފަތުގެ ފައިދާ ލިބިގަނެވިދާނެއެވެ. ފަޅޯފަތު ޖޫހުން ލިބޭ ސިއްހީ ފައިދާތަކަށް މި ލިޔުމުގައި ބަލާލާނަމެވެ.

ޑެންގޫ ހުމުން ރައްކާތެރި ކޮށްދޭ

ތާޒާ ފަޅޯ ފަތު ޖޫހުގައި ހިމެނޭ ދެ މާއްދާތަކެއް ކަމަށްވާ ޕަޕައިން އަދި ކަރޯކައިންގެ ސަބަބުން ލޭ މަނާކުރުމުގައި އެހީތެރިވެދޭ ސެލްއެއް ކަމަށްވާ ޕްލޭޓްލެޓް އިތުރުވެ ޑެންގޫ ހުމުގެ ސަބަބުން ހަށިގަނޑުގައި އުފެދޭ އިންފެކްޝަންތަކުން ސަލާމަތް ކޮށްދެއެވެ. އެހެންކަމުން ޑެންގޫ ހުން ޖެހިފައިވާ މީހަކު ދުވާލަކު 25 އެމްއެލް ފަޅޯފަތު ޖޫސް ބުއިމަކީ އެ ބަލިން ސަލާމަތް ވުމަށް އެހީތެރިވެދޭނެ ކަމެއް ކަމަށް ސިއްހީ މާހިރުން ބުނެއެވެ.

މެލޭރިއާ އަށް ވެސް ފަރުވާއެއް

ފަޅޯ ފަތަކީ މެލޭރިއާ އަށް އޮތް ފަރުވާއެއް ކަމަށް އެއްވެސް ސިއްހީ ދިރާސާ އަކުން ދައްކާފައި ނުވި ނަމަވެސް، މި ފަތަކީ މެލޭރިއާއިން ވެސް ރައްކާތެރިވުމަށް ބޭނުން ކުރެވިދާނެ އެއްޗެއް ކަމަށް ބައެއް ސިއްހީ މާހިރުން ވިދާޅުވެއެވެ.

ފުރަމޭ (ލިވާރ) ގެ ބަލިތަކުން ސަލާމަތް ކޮށްދޭ

ފަޅޯ ފަތު ޖޫހަކީ އޭގެ ސަބަބުން ހަށިގަނޑުގައި ދައުުރުވާ ލޭ ސާފުކޮށްދޭ އެއްޗެކެވެ. އޭގެ ސަބަބުން ހަށިގަނޑުގެ ކްލޮސްޓްރޯލް މިންވަރު ރަނގަޅު މިންގަނޑެއްގައި ހިފަހައްޓައިދެއެވެ. އަދި އޭގެ ސަބަބުން ފުރަމެއަށް ޖެހޭ ބަލިތަކުން ސަލާމަތް ކޮށްދޭ ކަމަށް ސިއްހީ މާހިރުން ވިދާޅުވެއެވެ.

ހަންގަނޑަށް އެތައް ފައިދާއެއް

ފަޅޯފަތު ޖޫހަކީ ހަންގަނޑު އޮމާން ކޮށްދޭ ކަމެކެވެ. އަދި މޫނު ތެޔޮވުމުން ވެސް ދުރުކޮށްދޭ އެއްޗެކެވެ. މޫނުގައި ނަގާ ބިހި ތަކާއި އޮށާޅަތައް ވެސް ފިލުވައިދެއެވެ.

ފަޅޯފަތު ޖޫސް ތައްޔާރު ކުރާނެ ގޮތް

އެންމެ ފުރަތަމަ ތާޒާ ފަޅޯ ފަތް ކޮޅެއް ހޯދާށެވެ. 5 ފަތާއި 10 ފަތާ ދެމެދުގެ އަދަދަކަށް ފަތް ހޯދުމުން ރަނގަޅުވާނެއެވެ. އަދި އެއަށްފަހު ކޮންމެވެސް ގޮތަކުން ފަތްތައް މުގުރާލާށެވެ. ވަނެއްގެ އެހީގައި މިކަން ކުރެވިދާނެއެވެ. އަދި އެއަށްފަހު ފޮތިގަނޑަކަށް އެބައި އަޅާލުމަށްފަހު ދިޔަ ފެލާލާށެވެ. އަދި އެއަށްފަހު އިތުރަށް ފެން އެޅުމަށްފަހު ގިރާލާށެވެ.

 

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!