ހަގީގީ ހާދިސާ ލައިފްސްޓައިލް

ބިރުވެރި ހާދިސާ: ޖިންނީންނަށް ދައުވަތު ދޭނަންތަ؟

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

"އެދުވަހު ކަންތައްވީ ގޮތް އަދިވެސް ވަރަށް ރަނގަޅަށް ހަނދާން އެބަހުއްޓެވެ. އެއީ އަހަރުމެން ރަށަކަށް ދެ ހަފްތާއަށް ދަތުރު ގޮސް އުޅެނިކޮށް ދިމާވި ހާދިސާއެކެވެ. އަހަރުމެން ތިބި ގޭގެ ބޭބެއެއް ކައިރީ ދައްތަ ވަރަށް ކިޔައިގެން، އެރަށުގަ ކުރިންވީ ބިރުވެރި ހާދިސާތަކެއްގެ ވާހަކަ ކިޔައިދިނެވެ. އެބޭބެ ބުނީ އެރަށު ތުނޑި ސަރަޙައްދުން ބައެއް ރޭރޭ އަންހެން ކުއްޖަކު ފެންނަ ވާހަކައެވެ. އެއްދުވަހު ކުޑަ ކުއްޖަކު އޭނަގެ މަންމަ އާއެކީ ތުނޑިއަށް ގޮސް، ތެލި ދޮވެގެން މަންމަ އަންނަން ދެން ތުނޑީގައި ކުޅެން އެކުއްޖާ އިންކަމަށް ބުންޏެވެ. އެހެން އެކުއްޖާ އިންދާ ޖިންނިއެއް އެކުއްޖާގެ މަންމަގެ ސިފައިގައި ދިޔަ ވާހަކައާއި ކުޑަ ކުއްޖާ ގޮވައިގެން ދިޔަ ވާހަކަ ކިޔައިދިިނެވެ. އެކުއްޖާ ނުފެނިގެން ރަށުގެ ބައެއް ރައްޔިތުންނާއެކީ ވަލު ތެރޭގައި އެކުއްޖާ ހޯދަމުން ދިޔަކަމާއި، ޤުރްއާނުގެ އާޔަތްތައް ކިޔަވަން ފެށުމުން އެކުއްޖާ ފެނުނު ކަމަށާއި ފެނުނުއިރު އެކުއްޖާ އިނީ ދިއްގާ ގަަހެއްގައި ކަމަށް ވެސް ބުންޏެވެ. ބޭބެ ބުނީ އެކުއްޖާ ކައިރިއަށް މަންމަ އައިސް ގޮވައިގެން ހަމަ ގެންދިޔައީ އެމީހުންގެ ގެ ހުރިގޮތަށް ހުރި ގެއަކަށް ކަމަށާއި ނަމަވެސް ޤުރްއާން ކިޔަވަން ފެށުމުން މަންމަ ރުޅިއައިސްގެން އެކުއްޖާ ގެއިން ނެރެލީ ކަމަށެވެ. އަދި ނެރެލި އިރު އެކުއްޖާ އިނީ އެގަހުގައި ކަމަށް ބުނި ކަމަށް ބޭބެ ކިޔައިދިނެވެ.

Ads by STELCO

އެވާހަކަތައް އަޑުއަހާފައި އަހަރެންގެ ދައްތަ ބޭނުންވީ އެތުނޑިއަށް ދާށެވެ. ދައްތަ ބުނީ ބޭބެ ދެއްކި ވާހަކަ ޤަބޫލު ނުކުރާ ކަމަށާއި ހުސް ފުލޯކު ވާހަކަ ކަމަށެވެ. ނަމަވެސް ތުނޑިއަށް ދާނެ ކަމަށް ބުންޏެވެ. އެގޭގެ ދެ މީހަކާއެކު އެދުވަހު ހަވީރު އެތަނަށް އަހަރުމެން ދިޔައީމެވެ. އިރުއޮއްސުމުގެ ކުރިން ގެއަށް އަންނަން ވާނޭ މަންމަމެން ބުނުމުން ވަގުތު ކައިރިވަމުން ދިޔަވަރަކަށް އަހަރެން އެކަން ހަނދާން ކޮށްދިނީމެވެ. ދައްތަ ހަމަ އެއްގޮތަކަށް ވެސް އެތަނުން ދާކަށް ބޭނުމެއް ނުވިއެވެ. އިރުއޮއްސިގެން އަނދިރިވާން ފެށުމުން އަހަރެން ވަރަށް ބޮޑަށް ހިތްބިރު ގަންނަން ފެށިއެވެ. ދާން ހިނގާށޭ ބުނެ އެންމެން އާދޭސް ކުރަން ފެށުމުން ދައްތަ ވެސް އެންމެ ފަހުން ދާން ތެދުވިއެވެ. ނަމަވެސް ދަމުން ދައްތަ ބުނީ މިތަނުގައި އުޅޭ ޖިންނި ކުއްޖާ ވެސް ދައްތައާއެކު އަންނާށޭ ދައުވަތު ދީފީމޭ މިހެންނެވެ.އަދި އައުމުގެ ކުރިން ބޮލުގައި ފުނާ އަޅައިގެން ރީތިވެގެން އަންނައްޗޭ ވެސް ބުނެ ސަމާސާ ކުރިއެވެ. އަހަރެންގެ މުޅި ގައިން ދިޔައި ހީބިހި ނަގައިގެންނެވެ.

އެއީ ދައްތައަށް ހެދުނު ވަރަށް ބޮޑު ގޯހެކެވެ. ގެއާ ކައިރިވި ތަނާހެން ދައްތަގެ ޚަބަރު ހުސްވެގެން ވެއްޓުނެވެ. އެހެންކަމުން އަވަހަށް ގެއަށް ވައްދާ މޫނަށް ފެން އަޅާ ހެދީމެވެ. އާދަޔާ ޚިލާފު ކަމެއް ވެއްޖެކަމުގެ އިހުސާސް އަހަންނަށް ކުރެވެމުން ދިޔައެވެ.

އިރުކޮޅަކުން ދައްތަ ހޭއެރިއެވެ. އެކަމަކު ދައްތައަށް ހުރީ އެެހެން ކަހަލަ ބާރެއް ލިބިފައެވެ. ކުރިމަތީގައި ބައްޕަ އާއި ބޭބެ ހުއްޓާ އެމީހުން ބުރުވާލާފައި ދުވެފައި ނިކުތީ ގޭގެ ގޯތި ތެރެއަށެވެ. އެތަނުގައި އިންދާފަ ހުރި ގަސްތައް ކައިރިއަށް ގޮސް ހުރެގެން ދައްތަ ފެށީ ހޭށެވެ. ހުއްޓުމެއް ނެތި ހުރެގެން ހަމަ ހުނީއެވެ. އެތެރެއަށް ވައްދަން މަންމަ ގޮސް ދައްތަގެ އަތުގައި ހިފުމުން މަންމަގެ އަތުގައި ވަރަށް ބާރަށް ދަތް އަޅާ ކަނޑާ ވައްދާލިއެވެ. އެންމެން ވެގެން ދައްތަ ދުރުކޮށް އަނބުރާ ގޭތެރެއަށް ވެއްދިއެވެ. އެގޭގެ ބޭބެ އަވަހަށް ރުޤްޔާ ކުރާ މީހަކަށް ފޯނު ކުރިއެވެ. ޢިޝާ ނަމާދަށް ފަހު އަންނާނެ ކަމަށް އޭނާ ބުންޏެވެ.

ދައްތަ ، އަމިއްލައަށް ގައިގައި ވެސް ތަޅާތީ ބައްޕަމެން ދައްތަ އެނދުގައި ބަނެވެ. އަދި އެކޮޓަރިއަށް އެކަކުވެސް ނުދިޔުމަށް ބުންޏެވެ.

ޢިޝާ ނަމާދަށްފަހު ރުޤްޔާ ކުރާ މީހާ ގޮސް ދައްތަ އޮތް ކޮޓަރިއާ ހަމައަށް އެރުމުން ދައްތަ ހަޅޭލަވަން ފެށިއެވެ. އެމީހާ ނެރޭށޭ ވެސް ގޮވިއެވެ. އެހެންކަމުން އެހިސާބަށް ކަންތައްތައް ދިޔައިރު އެންމެންނަށް އެނގިފައިވާ ކަންތައް ޔަގީންވެގެން ދިޔައެވެ.

ރުޤްޔާ ކުރާ މީހާ ދައްތަ މެދުވެރިކޮށް ދައްތަގެ ގައިތެރެއަށް ވަދެގެން އުޅޭ ޖިންނިއާ ވާހަކަ ދައްކަން ފެށިއެވެ. ދައްތައަށް އުނދަގޫ ކުރަނީ ކީއްވެތޯ ވެސް އެހިއެވެ. ޖިންނި ބުނީ ދައްތައާއެކު އައީ ދައްތަ ބުނެގެން ކަމަށާއި ދައުވަތު ދީގެން ކަމަށެވެ. ގެއަށް އަހަރުމެން އައިއިރު ޖިންނި ހުރީ ގޭދޮރުމަތީގައި ކަމަށާއި ދައްތަ ވެއްޓުނީ ޖިންނި ފެނިގެން ކަމަށް ބުންޏެވެ. ގައިތެރެއަށް ވަންނަން ފަސޭހަވީ އެހެންވެ ކަމަށް ވެސް ބުންޏެވެ.

ދައްތަގެ ހަށިގަނޑު ދޫކޮށްފައިދާން ބުނުމުން ޖިންނި ދެކޮޅު ހެދިއެވެ. ބުނީ ދާނީ ދައްތައަށް ގޯނާ ކޮށްފައި ކަމަށެވެ. ކީއްވެތޯ އެހުމުން ބުނީ ދައްތަ އޭނައަށް މަލާމާތް ކުރުމުން ކަމަށެވެ.

ރުޤްޔާ ކުރާ ބޭބެ ބުނީ އޭތި ކިބައިން ދައްތަ ސަލާމަތް ކުރަން ތިން ރޭ ކިޔަވަން ޖެހޭ ކަމަށެވެ. އަދި އޭނާއާއެކު އިތުރު ބަޔަކުވެސް ކިޔެވުމަށް ބުންޏެވެ. އެރޭ ވެސް ކިޔެވިއެވެ. އެވަގުތު ދައްތައަށް ވަރަށް ވޭން އެޅި ކަމަށް ވެއެވެ. ވަރަށް ބޯޑަށް ހަލޭލަވާ ރޮއެ ހެދިއެވެ.

ދުވާލު ގަޑީގައި ގިނަ ވަގުތު ދައްތައަށް އޮންނަނީ ނިދިފައެވެ. ކާންދޭން ހޭލެއްވުމުން ވެސް ބިރުވެރި ގޮތަކަށް ހީ ހަދައެވެ. އަހަރުމެން ކައިރީ ބުނީ ރޯމަސް ކާން ދިނުމަށެވެ. ދައްތަ މުހެދޭށޭ ބުނެ އާދޭސް ވެސް ކުރިއެވެ. ދައްތަ ފެންވަރުވަން ވެސް ޖެހެނީ ބޭރު ގޯތި ތެރެއަށް ގެންގޮސް ގޮނޑިއެއްގައި ބަނދެފައި ބައިންދާފަ އަންނައުނާއެކީ އެވެ. އަހަރުމެންނަށް އަނިޔާ ކުރާތީ ހެދުން ބަދަލު ކުރުވެނީ ވަރަށް އުނދަގުލުންނެވެ. ޤުރްއާން ޖެހުމުން ނުވަތަ ކިޔެވުމުން ތަންކޮޅެއް ހަމަޖެހެއެވެ.

މިގޮތަށް ދެ ދުވަސް ހޭދަވިއެވެ. ކޮންމެ ރެއަކުވެސް ކިޔަވާތީ ދައްތަގެ ހާލު ތަންކޮޅެއް ރަނގަޅު ވަމުން ދިޔައެވެ. ތިންވަނައަށްވީ ރޭ ހުރިހާ ކަމެއް ރަނގަޅުވާނެ ކަމަށް ރުޤްޔާ ކުރާ ބޭބެ ބުންޏެވެ. އެރޭ ވެސް ކިޔަވަން ފެށުމުން އުނދަގޫ ވެގެން ދައްތަ ފުރަތަމަ އުޅުނު ނަމަވެސް، ރުޤްޔާ ކުރާ ބޭބެ ފެންޖަހަމުން ދިޔުމުން އިރުކޮޅަކުން ދައްތަ ހަމަ ޖެހުނެވެ. ދައްތަގެ ހަށިގަނޑު ދޫކޮށްލާފައި ދާން ވެސް އެއްބަސްވިއެވެ. އިސްލާމް ވާން އެއްބަސްތޯ ސުވާލު ކުރުމުން އެއްބަސްވިއެވެ. އަދި ޝަހާދަތް ވެސް ކިއެވެ. އަދި ދުވަހަކު ވެސް ދެން އެއްވެސް އިންސާނަކަށް ގޯނާ ނުކުރާނެކަމަށް ވައުދުވުމުން ރުޤްޔާ ކުރާ ބޭބެ ބުނީ ދައްތަގެ ހަށިގަނޑު ދޫކޮށްފައި ދިޔުމަށެވެ. ބުނި ފަަދައިން ޖިންނި ކަންތައް ކުރިއެވެ.

ދައްތަގެ ހާލަތު ތަންކޮޅެއް ރަނގަޅުވުމުން ވީގޮތް އަހަރުމެން ކިޔައިދިނީމެވެ. އެކަންތަކަށްފަހު ދައްތަ ހުންނަނީ ވަރަށް ބޮޑަށް ބިރުގަނެފައެވެ. ރޭގަނޑު އެއްގޮތަކަށް ވެސް ގެއިން ބޭރަކަށް ނުނިކުމެވެ. އުޅުނީ ވަރަށް ރައްކާތެރި ވެގެންނެވެ."

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!