މީހުން ދެން ފުރަމަލަ

ސަމާހު: ގައުމީ ޓީމުގެ ކެޕްޓަން ބޭންޑު އަޅައިގެން ގައުމު ހެއްވާލަދިނުމުގެ އުއްމީދުގައި

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

ދިވެހި ފުޓުބޯޅައިގެ ދުނިޔެއަށް ޒުވާން އެތައް ކުޅުންތެރިންނެއް މިވީ ދެތިން އަހަރު ދުވަހުގެ ތެރޭގައި އުފަންވި ކަމީ އެންމެން ވެސް ދަންނަ ހަގީގަތެކެވެ. ފުރަތަމަ ޑިވިޝަންގެ ކުލަބުތަކުންވެސް ޒުވާން އެތައް މޫނެއް މިއަދު ފެނިގެން އެބަދެއެވެ.

Ads by MWSC

ހަމަ ގައިމު ވެސް ސަމާހު އަކީ ޒުވާން ފުޓުބޯޅަ ކުޅުންތެރިންގެ ތެރެއިން މިއަދު އެންމެ ނަން ކިޔާ އެއް ކުޅުންތެރިޔާއެވެ. އޭނާގެ ތަފާތު މޮޅު ކުޅުމާއެކު ތަޖުރިބާކާރު ކުޅުންތެރިންނަށް ވެސް ދަނޑުމަތީގައި ގޮންޖަހާލާ ތަން ފެނެއެވެ. ފުޓުބޯޅައިގެ ދާއިރާގައި ފޮނި ހުވަފެންތަކެއް ދެކޭ އުމުރުން 18 އަހަރުގެ މި ޒުވާން ކުޅުންތެރިޔާ އޭނާގެ ފުޓުބޯޅައިގެ ދަތުރު "ދެން"އާ ވަނީ ހިއްސާ ކޮށްފައެވެ.

ފުޓުބޯޅައަށް ލޯބި އުފެދުނީ ބޭބެއެއްގެ ސަބަބުން

ކޮންމެ ފުޓުބޯޅަ ކުޅުންތެރިއެއްގެ ވެސް އިންސްޕިރޭޝަން ޕްލޭޔާރ އެއް ހުންނާނެ ކަން ގައިމެވެ. ގިނަ ކުޅުންތެރިންގެ އިންސްޕިރޭޝަން އަކީ ޔޫރަޕުގެ މަޝްހޫރު ކުޅުންތެރިން ކަމުގައި ވިޔަސް ސަމާހުގެ އިންސްޕިރޭޝަން އަކީ އޭނާގެ ބޭބެއެވެ. އޭނާ އެންމެ ފުރަތަމަ ފުޓުބޯޅައަށް ލޯބި އުފެދުނީ އޭނާގެ ބޭބެ ފުޓުބޯޅަ ކުޅޭ މަންޒަރު ފެނުމުންނެވެ.

އޭނާގެ ބޭބެ އަކީ ހުނަރުވެރި، މޮޅު ކުޅުންތެރިއެއްގެ ގޮތުގައި އޭނާ ސިފަކުރިއެވެ. ރާއްޖޭގެ ބޮޑެތި ކުލަބުތަކުން ވެސް އޭނާގެ ބޭބެ އަށް ކުޅުމުގެ ފުރުސަތު ލިބުނު ނަމަވެސް ދިމާވި ބައެއް ކަންކަމާ ހުރެ އޭނާގެ ބޭބެއަށް ކުޅެވޭ ގޮތް ނުވީއެވެ. އެހެން ނަމަވެސް ސަމާހުގެ ނަޒަރުގައި އެއީ ހަމަ "އެއްވަނަ" އެވެ. އެއީ އޭނާގެ "ފޭވަރިޓް" އެވެ.

ސަމާހު އޭނާގެ ބޭބެއާ އެކު

އުމުރުން 4 އަހަރުގައި އީޓީއެފްއޭ އަށް

އާރލީ ޓަޗް ފުޓްބޯލް އެކަޑަމީ (އީޓީއެފްއޭ) އަކީ ދިވެހިރާއްޖެ ފުޓުބޯޅައިގައި މިއަދު ވިދަމުން އަންނަ އެތައް ކުޅުންތެރިންނެއް އެކުޅުންތެރިންނެއްގެ ކެރިއަރުގެ ބިންގާ އެޅި ހިސާބެވެ. އޭގެ ތެރެއިން ގިނަ ކުޅުންތެރިންތަކެއް އެންމެ ފުރަތަމަ ފުޓުބޯޅަ ކުޅެން ދަސް ކުރީ ވެސް އެ އެކަޑަމީ އިންނެވެ. ސަމާހުގެ ފުޓުބޯޅަ ކެރިއަރުގެ ބިންގާ ވެސް އެޅިގެން ދިޔައީ އީޓީއެފްއޭ އިންނެވެ.

އޭރު ސަމާހުގެ އުމުރަކީ އެންމެ 4 އަހަރެވެ. އުމުރުން 4 އަހަރުގައި ލިބުނު ފުރުސަތެއްގައި ސަމާހުގެ މައިންބަފައިން އޭނާ އީޓީއެފްއޭ އަށް ގެންދިއުމަކީ އޭނާގެ ފުޓުބޯޅަ ކެރިއަރު އުޖާލާވުމަށް މަގުކޮށަން ފެށުނު ހިސާބު ކަމުގައި ވެސް ވެދާނެއެވެ.

ބައެއް ކުޅުންތެރިންނަށް ފަށައިގަންނަ ކޮޅުގައި ފުޓުބޯޅަ ކުޅެން ދަސްކުރަން އުނދަގޫތަކާ ކުރިމަތިވެއެވެ. އެހެން ނަމަވެސް ސަމާހުއަށް ފުޓުބޯޅަ ކުޅުމަކީ އަބަދުވެސް ވަރަށް ފަސޭހަ ކަމެއްގެ ގޮތުގައި ސަމާހު ސިފަކުރިއެވެ. އެދުވަހުން ފެށިގެން ވެސް ސަމާހު ފުޓުބޯޅަ ކުޅެމުން އަންނަނީ ވަރަށް ކުރާހިތުން އެކަމާ ވެގެންނެވެ.

ސަމާހުގެ ފުރަތަމަ ކޯޗަކީ އަދި އޭނާއަށް ފުޓުބޯޅަ ކުޅެން ދަސްކޮށްދީ ފުޓުބޯޅަ އަކީ ކޮބާކަން ކިޔައިދިން މީހަކީ އޭރު އީޓީއެފްގައި މަސައްކަތްކުރި ބިދޭސީ ކޯޗު ޗަބާއެވެ. އޭނާ އަކީ މިއަދު ބިލަބޮންގް ސްކޫލްގެ ސްޕޯރޓްސް ޓީޗަރެވެ.

އެ ދުވަސްވަރުގައި ވެސް ސަމާހު އަކީ އޭނާގެ އުމުރު ފުރައިގައި ނަން ކިޔާ ކުޅުންތެރިއެކެެވެ. އެހެން ކުޅުންތެރިންނާ ގުޅިގެން މަސައްކަތް ކުރާ ލީޑާޝިޕް ރަނގަޅު ކުއްޖެކެވެ.

އެފްއޭއެމްގެ ވައިޑީޕީ ޕްރޮގްރާމަށް

ސަމާހުގެ އުމުރުން ގާތްގަނޑަކަށް 9 އަހަރުގައި އެ ދުވަސްވަރު އެފްއޭއެމުން ބޭއްވި ޔޫތު ޑިވަލޮޕްމަންޓު ޕްރޮގްރާމްގައި ބައިވެރިވާން ފެށިއެވެ. އަދި އެ ޕްރޮގްރާމުގައި އޭނާއާއެކު އެ ދުވަސްވަރު އުޅުނީ އިމާދުއްދީން ސުކޫލްގައި އޭނާއާ އެކު އުޅުނު ރަހުމަތްތެރިންނެވެ.

އެ ޕްރޮގްރާމްގެ ތެރެއިން ހުރިހާ ސުކޫލަކުން ހޮވާލެވުނު އެންމެ މޮޅު ކުޅުންތެރިންނާއެކު "އެލީޓް ޓީމް"އެއް އެ ދުވަސްވަރު އުފެއްދިއެވެ. އެ ޓީމުގެ އެންމެ ކުރީ ސަފުގައި ވެސް ސަމާޙުގެ ނަން ހިމެނިގެން ދިޔައެވެ. އަދި ވައިޑީޕީ ޕްރޮގްރާމްގައި މެހެފޫޒްގެ ކޯޗު ކަމުގެ ދަށުގައި ސަމާހު ގިނަ ދުވަސްތަކަކު ތަމްރީނުތައް ކުރިއަށް ގެންދިޔައެވެ.

ވައިޑީޕީ ޕްރޮގްރާމް ވެގެން ދިޔައީ ސަމާހުއަށް އޭނާގެ ހުނަަރު ކުރިއެރުވުމަށް ލިބިގެން ދިޔަ އިތުރު ފުރުސަތަކަށެވެ. އަދި އެ ފުރުސަތުގެ ބޭނުން ސަމާހު އޭގެ އެންމެ ފުރިހަމަ ގޮތުގައި ހިފިއެވެ. އެކަން ސާބިތުވާ އެއް ކަމަކީ ދުވަހަކަށްވުރެ ދުވަހެއް ސަމާހުގެ ކުޅުމުގެ ހުނަރު އިތުރަށް ފުޅާވެގެން ދިއުމެވެ.

ސަމާހު ކެޕްޓަން ބޭންޑު އަޅައިގެން އެފްއޭއެމް ވައިޑީޕީ ޕްރޮގްރާމްގައި

އިންޓަރސުކޫލްގައި ސަމާހު އަކީ ފޭވަރިޓެއް

އެންމެ ފުރަތަމަ އިންޓަރސުކޫލެއް ސަމާހު ކުޅުނީ އޭނާގެ އުމުރުން 12 އަހަރުގައެވެ. އެއީ އޭނާ ގުރޭޑް 6 ގައި އުޅުނު އަހަރުގައެވެ. އެ އަހަރުގައި އޭނާ ކުޅުނީ 13 އަހަރުން ދަށުގެ އުމުރު ފުރާއަށެވެ. ގުރޭޑް 7ގައި އުޅުނު އޭނާއަށްވުރެ ދޮށީ ކުޅުންތެރިންނަށް ގޮންޖަހާލައި އެ އަހަރުވެސް އިމާދުއްދީން ސުކޫލްގެ ކެޕްޓަން ބޭންޑު އެޅީ އޭނާގެ އަތުގައެވެ. އަތުގައި ކެޕްޓަން ބޭންޑު އަޅައިގެން ސަމާހު ކުޅުނު ފުރަތަމަ މުބާރާތަކީ އެއީއެވެ.

އޭގެ ފަހުން ކޮންމެ އިންޓަރސުކޫލް މުބާރާތެއްގައި ވެސް އިމާދުއްދީން ސުކޫލްގެ އޭނާގެ އުމުރުފުރާތަކުގައި ކެޕްޓަން ބޭންޑު އަޅައިގެން ކުޅޭ ކުޅުންތެރިއަކީ އޭނާއެވެ. ދަނޑުމަތީގައި ވެސް ދަނޑު ބޭރުގައި ވެސް ސަމާހު ފާހަގަ ވެފައި އޮތީ ލީޑާރޝިޕް ރަނގަޅު ކުޅުންތެރިއެއްގެ ގޮތުގައެެވެ.

އިންޓަރސުކޫލް މުބާރާތްތަކުގައި 2016ވަނަ އަހަރުން ފަށައިގެން ސަމާހު އަންނަނީ މުބާރާތުގެ އެންމެ މޮޅު 11 ކުޅުންތެރިންގެ ތެރޭގައި ހިމެނެމުންނެވެ. މިހާރު ވިލާ އިންޓާރނޭޝަނަލް ހައި ސުކޫލްގައި ތައުލީމް ހާސިލް ކުރަމުން އަންނަ ސަމާހު މިހާތަނަށް 6 އިންޓަރސުކޫލް މުބާރާތް ކުޅެފައިވެއެވެ.

އިންޓަރސުކޫލް މުބާރާތްތަކުގެ އޭނާގެ އެންމެ ކާމިޔާބު މުބާރާތަކީ 2018 ވަނަ އަހަރު އިމާދުއްދީން ސުކޫލްގެ ޖާރޒީގައި އޭނާ ކުޅުނު މުބާރާތެވެ. އެއީ އިމާދުއްދީން ސުކޫލްގައި އޭނާ އަދި އޭނާއާ އެކު އުޅުނު ރަހުމަތްތެެރިން ޙޭދަކުރާނެ އެންމެ ފަހު އަހަރު ކަމުގައި ދަނެ އެމީހުން އެ އަހަރު  ނުކުތީ އިމާދުއްދީން ސުކޫލަށް ތަށި ކާމިޔާބު ކޮށްދިނުމަށް އަޒުމު ކަނޑައަޅައިގެންނެވެ.

މުބާރާތުގެ ފައިނަލުގައި ވާދަވެރި އިސްކަންދަރު ސުކޫލާ ވާދަކޮށް 2-1ގެ ނަތީޖާއަކުން މެޗު ކާމިޔާބުކޮށް އެ އަހަރުގެ 16 އަހަރުން ދަށުގެ އިންޓަރސުކޫލް ފުޓުބޯޅަ މުބާރާތުގެ ތަށި އުފުލާލީ އިމާދުއްދީން ސުކޫލެވެ. އެ މުބާރާތުގައި ސަމާހުގެ މޮޅު ކުޅުމެއް ފެނިގެން ދިޔައިރު އެ ފަހަރުވެސް ޓީމުގެ ކެޕްޓަން ބޭންޑު އަޅައިގެން ހުރީ އޭނާ އެވެ.

2018ވަނަ އަހަރުގެ އިންޓަރސްކޫލް އިމާދުއްދީނާއެކު ކާމިޔާބު ކުރެވުމަކީ ސަމާހުއަށް އިންޓަރސުކޫލް މުބާރާތުގައި ލިބުނު އެންމެ ބޮޑު ކާމިޔާބީގެ ގޮތުގައި އޭނާ ސިފަކުރެއެވެ. އެ ދުވަހަކީ އުފަލުން ގޮސް އޭނާގެ ލޮލުން ކަރުނަ އައި ދުވަހެކެވެ.

ސަމާހު އިންޓަރސުކޫލް މުބާރާތްތަކުގައި

2016ވަނަ އަހަރު 16 އަހަރުން ދަށުގެ ގައުމީ ޓީމަށް

ދިވެހިރާއްޖޭގެ ގައުމީ ޓީމުގެ ޖާރޒީ ލައިގެން ކުޅެލުމަކީ ކޮންމެ ދިވެހި ކުޅުންތެރިއަކު ވެސް ދެކޭނެ ހުވަފެނެއް ކަން ގައިިމެވެ. ސަމާހު އަކީ ވެސް އެންމެ ކުޑައިރުއްސުރެ މި ހުވަފެން ދެކެމުން އައި ކުޅުންތެރިއެކެވެ. ސަމާހުގެ މި ހުވަފެން ހަގީގަތަކަށް ވާނެ ކަމުގެ ކުލަވަރުތައް ފެންނަން ފެށީ 2016 ވަނަ އަހަރު އިންޓަރސުކޫލްގައި މޮޅު ކުޅުމެއް ދެއްކި ކުޅުންތެރިންތައް އެ އަހަރުގެ 16 އަހަރުން ދަށުގެ ގައުމީ ޓީމު ސްކޮޑުގައި ހިމެނުމެވެ. އެ ޓީމުގެ އެންމެ ކުރީ ސަފުގައި ސަމާހުގެ ނަން އޮތީ ވިދަވިދައެވެ.

2016 ވަނަ އަހަރު ގައުމީ 16 އަހަރުން ދަށުގެ ޓީމު ފަރިތަކުރުންތައް ފެށީ ޝާކިއްޓޭގެ ބެލުމުގެ ދަށުންނެވެ. 2016 ވަނަ އަހަރު ނިމުމަކާ ޖެހެންދެން ޝާކިއްޓޭގެ ބެލުމުގެ ދަށުގައި ފަރިތަކުރުންތައް ގެންދިޔައެވެ. އެހެން ނަމަވެސް އެއްވެސް މުބާރާތެއް އެ އަހަރު ކުޅެފައެއް ނުވެއެވެ. 2017 ވަަނަ އަހަރު ސޯޅަ އަހަރުން ދަށުގެ ގައުމީ ޓީމާ ހަވާލުވީ ރާއްޖޭގައި އޭރު ހުރި ހަމައެކަނި ޕްރޯ ލައިސެންސް ކޯޗު ޝާޒްއެވެ.

2017 ވަނަ އަހަރުގެ ސާފްޗެމްޕިއަންޝިޕްގައި އިންޑިއާއާ ދެކޮޅަށް ކުޅުނު މެޗުގައި ރާއްޖޭގެ 16 އަަހަރުން ދަށުގެ ޓީމް/ ކެޕްޓަނަކަށް ސަމާހު

ހުވަފެނެއް ހަގީގަތަކަށް، ގައުމީ ޓީމުގެ ކެޕްޓަން ބޭންޑް އަޅައިގެން ގައުމީ ޖާރޒީގައި

ޝާޒްއާ އެކު ސޯޅަ އަހަރުން ދަށުގެ ޓީމުން ފަރިތަކުރުންތައް ފަށައިގެން ކުރިއަށް ގެންދިޔައީ އެ އަހަރު އޮތް ސާފް ޗެމްޕިއަންޝިޕަށާއި އޭއެފްސީ ކޮލިފިކޭޝަނަށް ތައްޔާރުވުމުގެ ގޮތުންނެވެ. ޝާޒްގެ ތާވަލާއެކު ކޮންމެ ދުވަހަކު ވެސް ތަމްރީނުތައް ކުރިއަށް ދިޔައެވެ.

10 އޯގަސްޓް 2017އަކީ އެންމެ ފުރަތަމަ ގައުމީ މުބާރާތަކަށް ރާއްޖެއިން ބޭރަށް ދިއުމަށް ސަމާހު ފުރި ދުވަހެވެ. އެ ދުވަހަކީ ވެސް ސަމާހުގެ ހަޔާތުގައި އައި އުފާވެރި ދުވަހެކެވެ. ޓީމުގެ ކެޕްޓަނެއްގެ ހައިސިއްޔަތުން ގައުމީ މީޑިއާ ޕީއެސްއެމް އަށް އޭނާ ހާއްސަ ބަސްދީގަތުމެއް ވެސް ދިނެވެ.

އެންމެ ފުރަތަމަ ސާފް ޗެމްޕިއަންޝިޕަށް ދިއުމުގެ ކުރިން ގައުމީ ޓީމުން ދިޔައީ ލަންކާއަށް ތަމްރީނު ކޭމްޕަކަށެވެ. އެގައުމުގެ ސޯޅަ އަހަރުން ދަށުގެ ޓީމާ ކުޅެވުނު އެކުވެރިކަމުގެ މެޗަކީ ގައުމީ ޖާރޒީގައި ކެޕްޓަން ބޭންޑު އަޅައިގެން ސަމާހު ކުޅުނު ފުރަތަމަ މެޗެވެ. އެ ދުވަހަކީ އޭނާ ދެކެމުން އައި ހުވަފެނެއް ހަގީގަތަކަށް ވެގެންދިޔަ ދުވަހެކެވެ.

ނޭޕާލުގައި އޮތް ސާފް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ 16 އަހަރުން ދަށުގެ ޓީމަށް މާ ރަނގަޅު ނަތީޖާތަކެއް ހޯދިފައެއް ނުވެއެވެ. އެގޮތުން އަވަށްޓެރި އިންޑިއާ އަތުން ގްރޫޕް ސްޓޭޖްގެ ފުރަތަމަ މެޗުގައި 9-0 އިން ބަލިވިއިރު ދެވަނަ މެޗުގައި ނޭޕާލް އަތުން ބަލިވީ 6-0 އިންނެވެ. ނޭޕާލް އަތުން ވީ ބައްޔާއެކު ރާއްޖޭގެ ގައުމީ ޓީމުން މުބާރާތް ނިންމާލީ ހުސްއަތާއެވެ.

ތަޖިކިސްތާނުގައި އޮތް އޭއެފްސީ ކޮލިފައިންގައި ވެސް ރާއްޖޭގެ ގައުމީ 16 އަހަރުން ދަށުގެ ޓީމު އެ އަހަރު ބޮޑެތި ތަފާތުތަކަކުން ބަލިވިއެވެ. އެގޮތުން އެންމެ ބޮޑު ތަފާތަކުން ބަލިވި މެޗަކީ ތަޖިކިސްތާނު މެޗެވެ. އެ މެޗުގައި ރާއްޖޭގެ ގޯލަށް އެގައުމުގެ ޓީމުން 17 ގޯލު ޖެހިއެވެ. އެއީ ސަމާހުގެ ފުޓުބޯޅަ ކެރިއަރުގައި އެންމެ ދެރަވި ދުވަސް ކަމުގައި އޭނާ ފާހަގަ ކުރިއެވެ.

އަމިއްލަ ގައުމު ކޮޅަށް 14 ގޯލު ޖަހާ މަންޒަރު ބަލަން އެއްވެސް މީހަކު ބޭނުން ނުވާނެ ކަމަށާއި އެފަދަ ދުވަހެއް ދެން ފުޓުބޯޅަ ކެރިއަރުގައި ދެެކެން ބޭނުން ނުވާ ކަމުގައި ސަމާހު ބުންޏެވެ. އެހެން ނަމަވެސް އެ މުބާރާތްވެގެން ދިޔައީ ސަމާހުއަށް ވެސް އަދި ދިވެހި މުޅި ޓީމަށް ވެސް ލިބުނު ރަނގަޅު ތަޖުރިބާ އަކަށެވެ.

ގައުމަށް މެޑަލެއް ހޯދައިދިނުމުގައި މުހިންމު ދައުރެއް

ގައުމީ ޖާރޒީގައި ފުރަތަމަ ކުޅެވުނު މުބާރާތް މާ ކާމިޔާބު މުބާރާތަކަށް ނުވި ނަމަވެސް ސަމާހު އުއްމީދު ކަނޑައެއްް ނުލައެވެ. އިތުރު ހިތްވަރަކާއެކު އޭނާ މަސައްކަތް ކުރީ އޭނާގެ ހުނަރު އިތުރަށް ކުރިއެރުވުމަށެވެ. އެގޮތުން 2017 ވަނަ އަހަރު އޭނާ އީގަލްސްގެ ސީނިއާ ޓީމު ފަރިތަކުރުންތަކުގައި ބައިވެރިވާން ފެށިއެވެ. އަދި ހަމަ އެ އަހަރު ޔޫތު ޗެމްޕިއަންޝިޕްގައި ޔުނައިޓެޑް ވިކްޓްރީގެ ނަމުގައި ނިކުތް އީގަލްސްގެ ދެވަނަ ޓީމުގައި ކެޕްޓަނެއްގެ މަގާމުގައި ކުޅުނީ އޭނާއެވެ.

2019 ވަނަ އަހަރުގައި އޭނާ ފުރަތަމަ ތައްޔާރުވާން ފެށީ އެއަހަރުގެ އިންޓަރސުކޫލަށެވެ. މަތީ ސާނަވީ ތައުލީމް ހާސިލު ކުރުމަށް އޭނާ ޚިޔާރު ކުރީ ވިލާ އިންޓަރނޭޝަނަލް ހައި ސުކޫލް ކަމުން އޭނާ އެ އަހަރުގެ އިންޓަރސުކޫލް ކުޅުނީ އެ ސުކޫލްގެ ޓީމަށެވެ. ކަކާ ކޯޗުގެ އިރުޝާދާއެކު ވިލާ އިންޓަރނޭޝަނަލް ހައި ސުކޫލުން އެ މުބާރާތް ކާމިޔާބު ކުރިއެވެ.

2019 ވަނަ އަހަރުގެ އިންޓަރސުކޫލަށްފަހު ސަމާހު ބައިވެރިވާން ފެށީނ 19 އަހަރުން ދަށުގެ ގައުމީ ޓީމުގައެވެ. 19 އަހަރުން ދަށުގެ ގައުމީ ޓީމާއެކު ސާފް ޗެމްޕިއަން ޝިޕާއި އޭއެފްސީ ކޮލިފައިން މުބާރާތަށް ދިއުމަށް ތައްޔާރުވަމުން ދިޔައީ ސޯޅަ އަހަރުން ދަށުގައި ވެސް ސަމާހުމެންގެ ޓީމަށް އިރުޝާދު ދިން ކޯޗު ޝާޒްއާ އެކުގައެވެ. ކޮންމެ ދުވަހަކު ދެއިރު  ފަރިތަކުރުންތައް ކުރިއަށް ގެންދިޔައިރު، ރާއްޖޭގެ ފުރަތަަމަ ޑިވިޝަނުގެ ޓީމުތަކާ ޕްރެކްޓިސް މެޗުތައް ކުޅެ އެޓީމުތަކަށް ވެސް ގޮން ޖަހާލިއެވެ.

2019 ވަނަ އަހަރުނެ 19 އަހަރުން ދަށުގެ އޭއެފްސީ ކޮލިފައިންގެ މެޗެއްގައި ސަމާހު

އެއަހަރު ނޭޕާލުގައި އޮތް ސާފް ޗެމްޕިއަންޝިޕްގައި ގުރޫޕް ސްޓޭޖްގެ 2 މެޗުގައި ވެސް ރާއްޖެއިން ރަނގަޅު ނަތީޖާއެއް ހޯދިއެވެ. އެގޮތުން އަވަށްޓެރި އިންޑިއާއާ ވާދަކޮށް 1-1ގެ ނަތީޖާއަކުން އެއްވަރުވީ އިރު ބޫޓާންއާ ދެކޮޅަށްކުޅެ އެއްވަރުވީ ދެޓީމުންކުރެ އެއްޓީމަކަށް ވެސް ލަނޑެއް ނުޖެހިއެވެ. އެއާއެކު މުބާރާތުގެ ސެމީފައިނަލަށް ރާއްޖޭގެ 19 އަހަރުން ދަށުގެ ގައުމީ ފުޓުބޯޅަ ޓީމެއް ފުރަތަމަ ފަހަރަށް ދަތުރު ކުރިއެވެ.

ސެމީފައިނަލުގައި ރާއްޖެއިން ކުޅެން ޖެހުނީ މުބާރާތުގެ ފޭވަރިޓުން ކަމަށްވާ އިންޑިއާއާ ދެކޮޅަށެވެ. އެމެޗުގައި 4-0ގެ ނަތީޖާއަކުން ބަލިވެ ރާއްޖެއަށް ފައިނަލަށް ދިއުމުގެ ފުރުސަތު ގެއްލުނެވެ. އެހެން ނަމަވެސް ރާއްޖެ ޓީމުން އެނބުރި ގައުމަށް އައީ ހުސް އަތަކާ ނޫނެވެ. މުބާރާތުގެ 3 ވަނަ ހޮވާ މެޗުގައި ބޫޓާނާ ދެކޮޅަށް ކުޅެ 1-0ގެ ނަތީޖާ އަކުން މެޗު ކާމިޔާބުކޮށް ލޯ މެޑަލަކާއެކުގައެވެ.

ބައިނަލްއަގްވާމީ މެޑައްޔެއް ސަމާހު އެޅި ފުރަތަމަ ފަހަރަކީ އެއީއެވެ. އެއީ ސަމާހުގެ ކެރިއަރުގައި އައި އެންމެ އުފާވެރި ދުވަހެވެ. އަދި އެދުވަހު ކުރެވުނު އުފާވެރި އިހްސާސަކީ ބަޔާން ކުރަން ވެސް ދަތި އިހްސާސެއްގެ ގޮތުގައި ސަމާހު ސިފަކުރިއެވެ. ރާއްޖޭގެ ގައުމީ ޓީމު ލޯ މެޑަލް ކާމިޔާބު ކުރި އިރު އެ މެޑަލް ކާމިޔާބު ކުރުމުގައި ސަމާހުގެ ދައުރު ބޮޑެވެ.

ސަމާހު ގައުމީ 19 އަހަރުން ދަށުގެ ޓީމަށް ލިބުނު ލޯ މެޑަލް އަޅައިގެން

ސަމާހު ސްވިމިންއަށް ދިޔަ ކަން ނޭނގިފައި އޮވެދާނެ

ސަމާހުގެ ޅަފަތުގެ ދުވަސްތަކުގެ ތެރޭގައި ފަތަން ދަސްކޮށްދިނުމަށް ޓަކައި އޭނާގެ ބައްޕަ ސަމާހު ފަތާ ޓްރެކަށް ގެންދިޔައެވެ. އަދި ފަތަން ދަސްކޮށްދިނުމުގެ ޕްރޮގްރާމެއްގައި ބައިވެރިކޮށް އެކަން ކުރިއެވެ. އަދި ސަމާހުގެ ފެތުމުގެ ހުނަަރު މޮޅުކަމުން، އޭރުގެ ޖޫނިއާސް ގައުމީ ޓީމުގެ ސްވިމިން ކޯޗު ސަމާހު ބޭނުންވެގެން އުޅުނު ކަން ސަމާހުގެ ބައްޕައާ ދެކެވުނު ވާހަކައިން އެނގުނެވެ. އެހެން ނަމަވެސް ސަމާހުގެ ފޯކަސް އޭރުވެސް ހުރީ ފުޓުބޯޅައަށް ކަމަށްވާތީ، ސަމާހުގެ ބައްޕަވެސް ޚިޔާރު ކުރީ އޭނާ ފުޓުބޯޅައިގެ ދާއިރާއިން ކުރިއަށް ގެންދިއުމަށެވެ.

އެންމެ ބޮޑު ޝުކުރެއް ބައްޕައަށް

ސަމާހުގެ ފުޓުބޯޅަ ކެރިއަރު ފެށީއްސުރެ މިއަދާ ހަމައަށްވެސް ސަމާހުއަށް އެންމެ ބޮޑު އެހީތެރިކަމެއް އަދި އެންމެ ބޮޑު ސަޕޯރޓެއް ދިން މީހަކީ ސަމާހުގެ ބައްޕައެވެ. ސަމާހު ކަމަކާ މާޔޫސްވި ކަމުގައި ވިޔަސް އަބަދުވެސް އޭނާގެ ބައްޕަ އޭނާއަށް ހިތްވަރު ދީ ހަދައެވެ.

ސަމާހުގެ ބައްޕައަށް ގުޅާލުމުން އޭނާގެ ވާހަކަތައް ފެށީ މާޒީގެ ހަނދާންތައް އައު ކުރަމުންނެވެ. ސަމާހު އަކީ އެންމެ ކުޑައިރުއްސުރެ ވެސް ގޭތެރޭގައި ބޯޅަ ހިފައިގެން އުޅޭ ދަރިއެއްގެ ގޮތުގައި އޭނާ ސިފަކުރިއެވެ. އެންމެ ކުޑައިރުއްސުރެ ވެސް ކުޅިވަރަށް ޝައުގުވެރިކަން ހުންނަ ކަމަށް ވެސް ބުންޏެވެ.

ސަމާހުގެ ފުޓުބޯޅަ ކެރިއަރުގެ ފެށުމަކީ ހީނާ ކޯޗުގެ އީޓީއެފްއޭ އެކެޑަމީއެވެ. އެ އެކަޑަމީގައި ސަމާހު ފަރިތަކުރުންތައް ކުރިއަށް ގެންދާއިރު ބައެއް ދުވަސްދުވަހު ބަލާލަން ދާ ކަމަށާއި، ކޯޗުންގެ ފަރާތުން ސަމާހުއަށް ލިބޭ ތައުރީފްގެ ބަސްތައް އަޑުއިވުމުން ނުހަނު އުފާވާ ކަމުގައި އޭނާ ފާހަގަ ކުރިއެވެ. އެ ގޮތުން އެއް ދުވަހަކު ފަރިތަކުރުން ބަލާލަން ގޮސް ހުއްޓާ މާއްޓޭ ކޯޗު ބުނި އެއްޗެއް އަދިވެސް ހަނދާން އެބަހުރި ކަމުގައި އޭނާ ބުންޏެވެ. "އެގޮތަށް ކޮއްޓާ ނައްޓާ ކުދިން އަހަރެމެން ބޭނުންވަނީ، އެއީ ކުޅެން ޖެހޭ ގޮތަކީ" މިފަދައިން މާއްޓޭ ކޯޗު ބުނި ކަމުގައި ސަމާހުގެ ބައްޕަ ކިޔައިދިނެވެ.

ސަމާހު އަކީ އަބަދުވެސް މެޗެއް އޮންނަ ނަމަ ވަރަށް ރަނގަޅަށް ތައްޔާރުވާ ކުޅުންތެރިއެއް ކަމަށާއި އަދި ފަރިތަކުރުންތަކަށް ވެސް ދާނީ ވަރަށް ތައްޔާރުވެގެން ރީިތިވެލައިގެން ކަމުގައި ސަމާހުގެ ބައްޕަ ފާހަގަކުރިއެވެ. އަދި ހަމަ އެހެންމެ ސަމާހު އަކީ ވަރަށް ބޮޑަށް ސާަފުތާހިރުކަމަށާއި ތަރުތީބުކޮށް ކަންތައްތައް ކުރުމަށް ލޯބި ކުރާ ކުއްޖެއްގެ ގޮތުގައި އޭނާގެ ބައްޕަ ސިފަކުރިއެވެ.

2017 ވަނަ އަހަރު ގައުމީ ޓީމުގެ ކެޕްޓަން ބޭންޑު އަޅައިގެން ސަމާހު ހުރިތަން ފެނުނު ދުވަހަކީ ސަމާހުގެ ފުޓުބޯޅަ ކެރިއަރުގައި މިހާތަނަށް އޭނާގެ ބައްޕަ އެންމެ އުފާވި ދުވަހެވެ. އެދުވަހު ސަމާހުގެ ބައްޕަގެ ލޮލުންވެސް އައީ ބައްޕައަކު ދަރިއަކާ ދޭތެރޭ ފަހުރުވެރިވުމުން އަންނާނެ އުފާވެރިކަމުގެ ކަރުނައެވެ.

"ދެން"އާ ވާހަކަ ދައްކަމުން ސަމާހުގެ ބައްޕަ އިތުރަށް ބުނީ ގައުމީ ސީނިއާ ޓީމުގެ ކެޕްޓަން ބޭންޑު އަޅައިގެން ކުޅުމަކީ ސަމާހުގެ ވަރަށް ބޮޑު އުއްމީދެއް ކަމަށެވެ. އަދި އެ އުއްމީދު ސަމާހު އަށް ހާސިލު ވުމަކީ އޭނާގެ ދުއާ ކަމުގައި ސަމާހުގެ ބައްޕަ ފާހަގަ ކުރިއެވެ. ސަމާހުގެ ކެރިއަރުގައި ސަމާހުއަށް ކުރިއަށް ދިއުމަށް އަބަދުވެސް އޭނާގެ ބައްޕަގެ ފުރިހަމަ އެއްބާރުލުން ލިބޭނެއެވެ.

ސަމާހު އޭނާގެ ބައްޕައާއެކު ވިލާ އިންޓަރނޭޝަނަލް ހައި ސުކޫލް ޖާރޒީގައި

ކޯޗުންގެ ނަޒަރުގައި ސަމާހު

ވިލާ އިންޓާރނޭޝަނަަލް ހައި ސުކޫލްގައި އަދި އީގަލްސް ގައި ވެސް ސަމާހުއާ އެކު އެންމެ ގާތުން މަސައްކަތް ކޮށްފައިވާނެ އެއް ކޯޗަކީ އިބްރާހިމް ސައީދު (ކަކާ)އެވެ. ކަކާ ސިފަކުރާ ގޮތުގައި ސަމާހު އަކީ ވަރަށް ހުނަރުވެރި، ކުރިއެރުމަށް އަބަދުވެސް ވަރަށް މަސައްކަތް ކުރާ ކުޅުންތެރިއެއްގެ ގޮތުގައެވެ.

ސަމާހު އަކީ ވަރަށް ދުރު ފެންނަ ކުޅުންތެރިއެއްގެ ގޮތުގައި ކަކާ ފާހަގަ ކުރިއެވެ. ސަބަބަށްވަނީ ސަމާހުގެ ދިގު ޕާސްތަކެވެ. މެދުތެރޭގައި ހުރެގެން ވަރަށް ރީތި "ތުރޫ ޕާސް" ތައް ކުޅޭ ކަމުގައި ކަކާ ފާހަގަ ކުރިއެވެ. ސަމާހު އަކީ ފުޓުބޯޅައަށް ޒަމާނާއެކު އަންނަ ބަދަލުތަކަށް ހޭނި ކުރިމަތިވާ ގޮންޖެހުންތަކަށް ވެސް ކުރިމަތިލާ  ކުރިއަރައިގެންދާން މަސައްކަތް ކުރާނެ ކުޅުންތެރިއެއްގެ ގޮތުގައި ކަކާ ސިފަކުރެއެވެ.

މި ސީޒަނުގައި އަދި ފާއިތުވެދިޔަ ސީޒަނުގައި އެންޖަރީތަކާ ހުރެ ސަމާހުއަށް އެންމެ "ބެސްޓު" ނުދެއްކޭ ކަމަށާއި ނަމަވެސް ކުޅުންތެރިއަކަށް އެކަހަލަ އެތައް ކަމަކާ ކުރިމަތިލާން ޖެހޭނެ ކަން ގަބޫލުކޮށް ކުރިއަށް ދިއުމަށް ސަމާހުއަށް ކަކާ ވަނީ ނަސޭހަތް ދީފައެވެ.

ސަމާހު ކަކާ ކޯޗާއެކު

ސޯޅަ އަހަރުން ދަށުގެ ގައުމީ ޓީމުގައި އަދި ނަވާރަ އަހަރުން ދަށުގެ ގައުމީ ޓީމުގައި ސަމާހުއަށް ކޯޗުކަން ކޮށްދިން ޕްރޯ ލައިސެންސް ކޯޗު ސާޒް، ސަމާހު ސިފަކުރަނީ ވަރަށް "ޔުނީކް" ކުޅުންތެރިއެއްގެ ގޮތުގައެވެ. ސަމާހުއަކީ މެދުތެރެއަށް ކުޅެން ހަމަ ވަރަށް މޮޅު ކުޅުންތެރިއެއްގެ ގޮތުގައި ޝާޒް ފާހަގަ ކުރިއެވެ.

ސަމާހު އަކީ ޝާޒްގެ ކޯޗު ކަމުގެ ދަށުގައި ގައުމީ 16 އަހަރުން ދަށުގެ ކެޕްޓަންކަން ކުރި ކުޅުންތެރިއެކެވެ. ސަމާހުގެ ލީޑާރޝިޕް ވަރަށް ވަރުގަދަ ކަމަށާއި އެހެން ކުޅުންތެރިންނާ ގުޅިގެން މަސައްކަތް ކުުރާ ކުޅުންތެރިއްގެ ގޮތުގައި ވެސް އޭނާ ފާހަގަ ކުރިއެވެ. ސަމާހުއަކީ ވަރަށް މީހުން ހީނުކުރާ ކަހަލަ "ތުރޫ ޕާސް" ތައް ކުރިއަށް ވައްޓާލާ ހުނަރުވެރި ކުޅުންތެރިއެއް ކަމުގައި ޝާޒް ބުންޏެވެ.

ސަމާހު ގައުމީ ސީނިއާ ޓީމުގެ ޖާރޒީގައި ފެނުމަކީ ޝާޒްގެ ހުވަފެނެއް ކަމުގައި ޝާޒް ބުންޏެވެ. އަދި ރާއްޖޭގެ ބޮޑެތި ކުލަބުތަކުގައި މެދުތެރޭގައި މުހިންމު ރޯލެއް އަދާ ކުރާ ކުޅުންތެރިއަކަށް ސަމާހު ވެގެންދާނެ ކަމަށް އުއްމީދު ކުރާ ކަމުގައި ވެސް ޝާޒް ބުންޏެވެ. ޝާޒް އިތުރަށް ފާހަގަ ކުރީ ސަމާހު ފަދަ ޒުވާން ކުޅުންތެރިންގެ ކުރިއެރުމަށް ކުލަބުތަކުގެ މެނޭޖްމަންޓާއި ކޯޗުންގެ އެއްބާރުލުން ވަރަށް ބޮޑަށް ބޭނުން ވާނެ ކަމަށެވެ.

ސަމާހު ޝާޒް ކޯޗާއެކު

އައު ސީޒަނުގައި ސަމާހު ބޭނުން ކުރުމުގެ ވިސްނުން އެބަހުރި

ދާދި އިހަކަށް ދުވަހު ފެށިގެން މިދިޔަ އައު ސީޒަނުގައި ސަމާހު ކުޅޭނީ ކްލަބް އީގަލްސް އަށެވެ. މި ސީޒަނުގައި ސަމާހު ބޭނުން ކުރުމުގެ ވިސްނުން އެބަހުރިތޯ އީގަލްސްގެ ކޯޗު މުހައްމަދު ޝިޔާޒް (މޯހަން)ގެ ގާތުގައި ސުވާލު ކޮށްލުމުން އޭނާ ބުނީ ސަމާހު ބޭނުން ކުރުމުގެ ވިސްނުން ވަރަށް ބޮޑަށް އެބަހުރި ކަމަށެވެ. އެހެން ނަމަވެސް އެކަމުގައި ސަމާހުގެ މަސައްކަތް ވަރަށް ބޮޑަށް ބޭނުންވާނެ ކަމުގައި މޯހަން ފާހަގަ ކުރިއެވެ.

ސަމާހުއަކީ ހުނަރުވެރި، މޮޅު އަދި ކުރިއަށް އޮތްތަނުގައި ވަރަށް މޮޅުވެވޭނެ ކުޅުންތެރިއެއްގެ ގޮތުގައި މޯހަން ސިފަކުރެެއެވެ. މޯހަން ބުނީ ދެން ސުވާލަކަށް ވާނީ ސަމާހުގެ ކޮމިޓްމަންޓާއި ޑިސިޕްލިން ކުޅިވަރުގެ ދާއިރާގައި ހުރީ ކިހާވަރަކަށް ތޯއެވެ. އެގޮތުން، ހުނަރު ހުރެގެން އެކަނި މޮޅުނުވާނެ ކަމަށާއި އެކަމެއް ކުރާހިތުން ކުރުމާއި އަހުލާގަކީ ވަރަށް މުހިންމު ރޯލެއް އަދާކުރާ ދެއެއްޗެއް ކަމުގައި މޯހަން ފާހަގަ ކުރިއެވެ.

ސަމާހު އަކީ ދަނޑުމަތީގައި ބޯޅައަށް ފަރިތަ "ވިޝަން" ރަނގަޅު ކުޅުންތެރިއެއްގެ ގޮތުގައި މޯހަން ސިފަކުރެއެވެ. ނަމަވެސް ސަމާހުގެ ރަނގަޅު ކޮށްލަން ޖެހޭ ކަންކަމުގެ ތެރޭގައި އޭނާގެ ފައިޓިންގ ކޮލިޓީ ހިމެނޭ ކަމަށާއި އަދި ސްޓްރެންތު ވަރަށް ބޮޑަށް ރަނގަޅު ކުރަން ޖެހޭ ކަމުގައި އޭނާ ފާހަގަ ކުރިއެވެ. އެގޮތުން ރަނގަޅު ޑައިޓެއް ނެގުމަކީ މުހިންމުކަމެއް ކަމަށް މޯހަން ބުންޏެވެ.

ސަމާހުގެ ވިސްނުން ފުޓުބޯޅައަށް ފޯކަސް ކުރާނެ ކަމުގައި އުއްމީދު ކުރާ ކަމަށާއި ރާއްޖޭގެ އެންމެ މޮޅެތި މިޑްފީލްޑަރުންގެ ތެރޭގައި ހިމެނޭނެ ދުވަހެއް ދެކެން ބޭނުންވާ ކަމުގައި މޯހަން ފާހަގަ ކުރިއެވެ.

ސަމާހުގެ ޝުކުރުގެ ލިސްޓު

ސަމާހުގެ ޝުކުރުގެ ލިސްޓު އޭނާ ފެށީ ފުޓުބޯޅައިގެ ދާއިރާގައި މިހާ ހިސާބަށް އާދެވުނީތީ ﷲގެ ހަޒްރަތަށް ހަމްދު ކުރަމުންނެވެ. އަދި ސަމާހުއަށް ހުރިހާ ކަމެެއްގައި ވެސް އެންމެ ބޮޑު އެއްބާރުލުމެއް ދޭ ސަމާހުގެ މައިންބަފައިންގެ ނަން އޭނާގެ ޝުކުރުގެ ލިސްޓުގެ އެންމެ ކުރީގައި ފާހަގަ ކުރިއެވެ. ސަމާހުއަށް މިހާ ހިސާބަށް އާދެވިފައި ވަނީ މައިންބަފައިންގެ ގުރުބާނީގެ ސަބަބުން ކަމުގައި އޭނާ ބުންޏެވެ. އަދި އާއިލާގެ ހުރިހާ މެންބަރުންނަށް ސަމާހުގެ ހާއްސަ ޝުކުރެއް އަދާކުރި އިރު ފުޓުބޯޅައަށް އޭނާގެ ހިތުގައި ލޯބި އުފެއްދި އޭނާގެ ބޭބެއަށް ހާއްސަ ޝުކުރެއް އަދާ ކުރިއެވެ.

ސަމާހުއަށް ފުޓުބޯޅަ ކުޅެން އެންމެ ފުރަތަަމަ ދަސްކޮށްދިން ކޯޗަކީ ޗަބާއެވެ. އެހެންކަމުން ފުޓުބޯޅައިގެ ބިންގާ އަޅައިދިން ކޯޗު ޗަބާއަށް އޭނާގެ ޝުކުރު ހައްގެވެ. އެއަށްފަހު އިމާދުއްދިން ސުކޫލުގައި އުޅުނުއިރު އިންޓަރސުކޫލް މުބާރާތްތަކުގައި ކޯޗުކަން ކޮށްދިން އިއްލެ ކޯޗަށް ވެސް އޭނާ ޝުކުރު އަދާކުރިއެވެ. އަދި އެއަށްފަހު ޔޫތު ޓީމުތަކާއި ވިލާ ހައިސުކޫލްގައި ސަމާހުއަށް އެހީތެރިވެދިން އަދި އެންމެ ގާތުގައި މަސައްކަތް ކުރާ ކަކާ ކޯޗުގެ ނަން ސަމާހު ފާހަގަ ކުރިއެވެ. އަދި ސަމާހު މިހާރު ކުޅެމުން އަންނަ ކްލަބް އީގަލްސްގެ ކޯޗު މޯހަން އަކީ ހަމަ "އެއްވަނަ" ކަމުގައި ފާހަގަ ކުރަމުން ސަމާހު ބުނީ މޯހަން ކޯޗަކީ ކުރިއެރުމުގައި ވަރަށް ބޮޑު އެއްބާރުލުމެއް ދޭ ކޯޗެއް ކަމަށެވެ. ގައުމީ ޓީމުތަކުގައި ސަމާހުއަށް ކޯޗުކަން ކޮށްދިން ޝާޒް ކޯޗަށްވެސް ސަމާހުގެ ހިތުގެ އެންމެ ފުންމިނުން ޝުކުރު އަދާ ކުރިއެވެެ.

ސަމާހުގެ އެކުވެރިންގެ ތެރެއިން އޭނާގެ ކުރިއެރުމުގައި އަދި އެންމެ ކައިރީގައި އަބަދުވެސް ތިބޭ އެކުވެރިންކަމަށްވާ ނާހިލް، ރަޒާން، އަނޫފް އަދި ޗޯޓުގެ ނަން ސަމާހު ފާހަގަކުރިއެވެ. އަދި ނަން ހާމަ ނުކުރެވުނު ނަމަވެސް އޭނާގެ ހުރިހާ އެކުވެރިންނަށް ސަމާހު ވަނީ ޝުކުުރު އަދާކޮށްފައެވެ.

ސަމާހު އަދި ޗޯޓު

ސީނިއާ ގައުމީ ޓީމުގެ ކެޕްޓަން ބޭންޑު އަޅައިގެން ގައުމު ހެއްވާލަ ދިނުމުގެ އުއްމީދުގައި

މަތީ ސާނަވީ ތައުލީމު މިހާރު ފުރިހަމަ ކުރަމުން އަންނަ ސަމާހުގެ ވިސްނުން ހުރީ ކުރިއަށް އޮތްތަނުގައި ބިޒްނަސް މެނޭޖްމަންޓުގެ ދާއިރާއިން ކުރިއަށް ދާށެވެ. ދިރިއުޅުމުގައި ވިޔަފާރިއެއް ފެށުމަކީ އޭނާގެ އެއް އުއްމީދެވެ. އެހެން ނަމަވެސް ފުޓުބޯޅައިގެ ދާއިރާގައި އޭނާ ހާސިލް ކުރަން ބޭނުންވާ އުއްމީދު އަދި މާ ބޮޑެވެ.

ދިވެހިރާއްޖޭގެ އެންމެންވެސް އެކުޅުންތެރިއަކަށް އިހްތިރާމްކޮށް ލޯބިވާ ކުޅުންތެރިއަކީ އަލީ އަޝްފާގް (ދަގަނޑޭ) އެވެ. ދަގަނޑޭ ފަދައިން ގައުމީ 7 ނަންބަރު ޖާރޒީގައި ގައުމީ ސީނިއާ ޓީމުގެ ކެޕްޓަން ބޭންޑު އަޅައިގެން ކުޅުމަކީ ސަމާހުގެ އުއްމީދެކެވެ. އަދި އޭނާގެ ކެޕްޓަން ކަމުގެ ދަށުގައި ގައުމީ ޓީމު ރަނގަޅު ކާމިޔާބީތައް ހޯދައި ގައުމު ހެއްލާލަދިނުމަކީ އޭނާ ދެކޭ ފޮނި ހުވަފެނެކެވެ. އެ ހުވަފެން ހަގީގަތަކަށް ހެދުމަށް މަސައްކަތް ކުރާނެ ކަމުގައި ވެސް ސަމާހު ބުންޏެވެ.

2017 ވަނަ އަހަރުގެ ސާފްޗެމްޕިއަންޝިޕްގައި އިންޑިއާއާ ދެކޮޅަށް ކުޅެވުނު މެޗު. ބައިނަލްއަގްވާމީ މުބާރާތެއްގައި ސަމާހު ގައުމީ ޓީމުގެ ކެޕްޓަން ބޭންޑު އެޅި ފުރަތަމަ މެޗު

ދިވެހިރާއްޖޭގެ ފުޓުބޯޅައިގެ ފޯރި އަލުން ގެނައުމަށް ޓަކައި ސަމާހުމެން ފަދަ މޮޅެތި ކުޅުންތެރިންނަށް އެފްއޭއެމް އާއި ކުލަބްތަކުގެ މެނޭޖްމަންޓުން ސަމާލުކަން ދިނުމަކީ މުހިންމު ކަމެކެވެ. ދަގަނޑޭފަދަ މޮޅެތި ކުޅުންތެރިންގެ ކެރިއަރު ނިމުމަކާ ހަމައަށް އަންނައިރު ސަމާހު އާއި އެފަަދަ އެތައް ޒުވާން ކުޅުންތެރިންނަކަށްވެސް ރައްޔިތުންގެ ތަރުހީބާއި ލޯބި ބޭނުންވެއެވެ. އެމީހަކު ކުރާ ކަމެއްގެ އަގުވަޒަން ކުރުމަކީ އެމީހަކަށް ކުރިއަށްދާން ލިބޭނެ ވަރަށް ބޮޑު ހިތްވަރެއް ކަން ގައިމެވެ.

އަޅުގަނޑާއި "ދެން"ގެ ޓީމުގެ ފަރާތުން ކުރާ އުއްމީދަކީ ސަމާހުގެ ހުވަފެން ހަގީގަތަކަށްވެ ގައުމީ ސީނިއާ ޓީމުގެ ކެޕްޓަން ކަމުގެ މަގާމުގައި ސަމާހު ކޮންމެވެސް ދުވަހަކުން ފެނިގެން ދާނެ ކަމަށެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!