ދިވެހިބަހަށް ލޯބިކުރާ، އަލިފުއްޓަށް ޚިދުމަތް ކުރަމުންދާ، ރަށު އެންމެންގެ ޝަހީމް ސަރ
ަޝަހީމް ސާރއޭ ބުނީމާ ނޭނގޭ މީހަކު އަލިފުށީގައި ނުހުންނާނެއެވެ. އޭގެ ސަބަބަކީ ޝަހީމް ކިޔަވައިދިނުމުގެ ދާއިރާގައި މަސައްކަތްކުރާތާ 19 އަހަރު އަދި ސަރުކާރުގައި ޚިދުމަތް ކުރާތާ 17 އަހަރު ވެފައިވާތީ އެކަންޏެއް ނޫނެވެ. އޭގެ އިތުރުން ޝަހީމްގެ ހުނަރުތަކާއި އެހުނަރުތައް އޭނާ ބޭނުން ކުރާ ގޮތުން، ރަށު އެންމެންގެ ލޯތްބާއި އިހުތިރާމް ހޯދާ ރައްޔިތުންގެ ހިތް ދަމައިގަނެފައިވާތީއެވެ.
“ކުދިން އަބަދުވެސް ބޭނުންވާނީ ޝަހީމް ސާރ” ކުދިންގެ މެދުގައި މަގުބޫލުކަން ލިބިފައިވާ މިންވަރު ކިޔައިދެމުން ޝަހީމް ބުންޏެވެ. މީގެ އިތުރުން ބެލެނިވެރިންގެ މެދުގައިވެސް ޝަހީމް ސާރ ވަރެއްނެތެވެ.
"އަޅުގަނޑަށް ބައެއް ފަހަރު ރޮވޭ" ޝަހީމް ސާރ ވަރަށް އަސަރާއިއެކު ސިފަކޮށްދިނެވެ. އެއީ ބެލެނިވެރިންގެ ފަރާތުން ޝަހީމްއާއި ދޭތެރޭގައި ގާތްކަމާއި ކުރާ އިތުބާރާއި ހެދިއެވެ. ބައެއް ފަހަރު ފީޑްބެކް ސެޝަންތައް ނިންމާފައި ދަރިވަރު ދުރަށް ފޮނުވާލައިފައި އަމިއްލަ ދިރިއުޅުމުގެ ވާހަކަތައްވެސް ހިއްސާ ކުރާ ބެލެނިވެރިން އުޅޭ ކަމުގައި ޝަހީމް ފާހަގަ ކޮށްލިއެވެ.
އަލީ ޝަހީމް އަކީ މިވަގުތު އަލިފުށި ސްކޫލްގެ ލީޑިންގް ޓީޗަރ އަދި ސެކްންޑްރީ ދިވެހި މުދައްރިސްކަން ރަސްމީ ގޮތުގައި ފުރަމުންދާ ފަރާތެކެވެ. 2021ގައި އޭނާ ވަނީ އެޑިއުކޭޝަން އިން ޓީޗިން ގެ ދާއިރާއިން މާސްޓާރސް ވެސް ހަދާފައެވެ. ނަމަވެސް އޭގެ އިތުރުން ޝަހީމްގެ އިތުރު ވަރާށް ސަޅި ވާހަކަތައް އެބަ ހުއްޓެވެ. ކިޔައިދެން މިއުޅެނީ އެވާހަކަަތަކެވެ. ނަމަވެސް ފުރަތަމަ ބަލައިލާނީ ކިޔަވައިދިނުމަށް ވަދެވުނު ގޮތަށެވެ.
ޝަހީމްގެ ނަމުގެ ފަހަތަށް ސާރ އައި ގޮތް
އެންމެ ފުރަަތަމަ މި ދާއިރާއާއި ދޭތެރޭގައި އެހާ ޝައުގުވެރިކަމެއް ނެތްނަމަވެސް، މިހާރު މިއީ ޝަހީމް 'ފުރާނަ ފަދައިން ލޯބިވާ' ދާއިރާއެކެވެ. މީގެ 19 އަހަރު ކުރީގައި ސްކޫލް ނިމުމަށްފަހު ފުރަތަމަ ޝަހީމްގެ ކިޔަވަދިނުމުގެ ދަތުރު ފެށުނީ ކްލަބް ޖަމާއަތެއްގެ ޓިއުޝަން ކްލާހަކަށް ޓީޗަރެއްގެ ގޮތުގައި ގުޅުމުންނެވެ. އޭގެ ފަހުން 2001 ވަނަ އަހަރުގައި އަލިފުށި ސްކޫލަށް ވަގުތީ ޓީޗަރެއްގެ ގޮތުގައި ގުޅުނެވެ. އޭގެ ފަހުން ކުރީ ޕްރައިމަރީ ކްލާސް ޓީޗަރު ކަމެވެ. އެގޮތުގައި ކުރިއަށް ދަނިކޮށް 2009ގައި ސެކަންޑްރީ ކްލާހަކަށް ދިވެހި ގަޑީގައި ޓީޗަރަކަށް ހާޟިރު ނުވެވޭތީ އެގަޑި ފުރާލުމަށް ޝަހީމް ދިޔައެވެ. މި ގަޑި ފުރާލުންވީ ޝަހީމްގެ ދިވެހި ކިޔަވައިދިނުމުގެ ހުނަރު ދަރިވަރުންނަށް ފާހަގަ ވެގެން ދިޔަ ކަަމަކަށެވެ. ހިންދީ ބަހަކީވެސް ޝަހީމްއަށް އެނގޭ ބަހަކަށް ވާތީ އެބަހުގެ ބަސްތައް ބޭނުންކޮށްގެން މަޖާ ގޮތެއްގައި ކުދިންނަށް ކިޔަވައިދިނުމީ އެކުދިންނަށް ވަރަށް ކަމުދިޔަ ކަމަކަށް ވިއެވެ.
"އެންމެ އުފާވާ އަނެއް ކަމަކީ އަޅުގަނޑާއި އެއްކޮށް ކިޔެވި، އަޅުގަނޑުގެ ކްލާސްމޭޓުންގެ ދަރިންނަށާއި އަޅުގަނޑަށް އެބަ ކިޔަވައިދެން ލިބޭ. އެއީ މިދާއިރާގައި ދެގޮތެއްނުވެ މިހެން ހުރެވުނު ކަމުގެ ހެއްކެއް ކަމަށް އަޅުގަނޑު ގަބޫލު ކުރަނީ"
ކުރިއަށް އޮތް ތަނުގައިވެސް ޝަހީމް ބޭނުންވަނީ މިދާއިރާއިން ދެވުނު އެންމެ މައްޗަށް ދާށެވެ.
ޝަހީމް ބުނި ގޮތުގައި އޭނާގެ ހިތުގައި ދިވެހި ބަހަށް ވަރަށް ބޮޑު ލޯތްބެއް އޮވެއެވެ. އަދި އޭގެ އިތުރުން ކިޔަވައިދުނުގެ ތެރެއިން ވަރަށް ބައިވަރު އެއްޗެހި ދަސްވެގެން ދިޔަކަމަށެވެ. ދަރިވަރުންނަށް ފުރިހަމައަށް ކިޔަވައިދިނުމަށްޓަކައި ޝަހީމްވެސް ވަރަށް ރަނގަޅަށް ތައްޔާރުވިއެވެ. ޅެން މާނަ ކުރުމާއި، ޅެން ޝަރަހަ ލިޔުން އަދި ވާހަކަ ލިޔުން ފަދަ ކަންކަމަށް އިބާރާތް ކުރުމާއި އާ ބަސްބަސް ދަސްކޮށްދީ، ދިވެހި ބަހުގެ މުއްސަނދި ކަމަށް ކުދިން ހުށަހެޅުމަށް މަސައްކަތް ކުރިއެވެ. ޚުދު ޝަހީމްގެ އަމިއްލަ ވާހަކަތައް ކުދިންނާއި ހަމައަށް ގެނެސްދޭން ފެށިއެވެ.
ކުޅަދާނަ ލިޔުންތެރިއެއް
ޝަހީމް ބުނާ ގޮތުގައި އެންމެ ފުރަތަމަ ފަހަރަށް އޭނާ ލިޔުނީ 'ލޯބީގަ ދިރުމެއް ނެތީމާ ސަހަރާއަށް މިދަނީއޭ' ގެ ނަމުގައި ލިޔުނު ވާހަކައެކެވެ. އަދި ކުދިންނަށް އެވާހަކަ ކަމުގޮސްގެން ބެޗުގެ ހުރިހާ ކުދިންނަށް ކޮޕީ ހައްދާފައި ދިން ކަމަށްވެސް ބުންޏެވެ. އަދި ކުދިން ގެއަށް ގޮސް ގޭމީހުންނަށްވެސް ކިޔައިދިނުމުން ރަށު ތެރޭގައި ޝަހީމްގެ ވާހަކަ ލިޔުމަށް ވަރަށް ބޮޑު ތަރުހީބެއް ލިބުނެވެ.
"މަގުމަތިން ދިމާވެގެންވެސް މީހުން ބުނަން ފެށީ، ސާރ ހާދަ ރީތި ވާހަކައެކޭ ލިޔެލާފައޭ އެއޮތީ. އެހިސާބުން އެނގުނީ އާނ އަޅުގަނޑު ގައިގައި ވާހަކަ ލިޔުމުގެ ހުނަރު އެބަ ހުއްޓޭ ކުރިއަށް ދާންވީއޭ"
ޝަހީމް ބުނާ ގޮތުގައި އިބްރާހިމް ހުސެން މަނިކްއަކީ އޭނާއަށް ވަރަށް ކަމުދާ ލިޔުންތެރިއެކެވެ. އަދި އޭނާގެ ވާހަކަތައް ޝަހީމް ހިތުދަސްވެސް ކުރިއެވެ. އޭނާގެ ވާހަކަތަކުން ޝަހީމްއަށް އެންމެ ފާހަގަ ކޮށްލެވެނީ 'ދެބީރައްޓެހިން' ގެ ނަން ދެވިފައިވާ ވާހަކައެކެވެ. އެވާހަކައަކީ އެކުގައި އުޅުނު ދެމިތުރުންގެ ގުރުބާނީ އަދި މާލޭގައި ދަތި ހާލުގައި ކިޔަވަން އުޅުމުގެ ތަޖުރިބާ ދައްކުވައިދޭ ވާހަކައެކެވެ. އަދި އެވާހަކައިން ޝަހީމް ހަނދާން ވަނީ ޝަހީމްވެސް މާލޭގައި ކިޔަވަން އުޅުނު ގޮތެވެ. ބައެއް މަސްމަހު ލާރި ލިބުމާއި ބައެއް މަސްމަހު ލާރި ނުލިބުން ފަދަ ކަންކަން ޝަހީމްވެސް ވަނީ ތަޖުރިބާ ކޮށްފައެވެ.
ވަރަށް ފަހުން ރޯދަ މަހުގައި ދިވެހި ރާއްޖޭގެ އަޑުން ބޭއްވި ކުރު ވާހަކަ މުބާރާތުގައިވެސް އޭނާ ވަނީ ބައިވެރިވެ، އެވާހަކަ އެންމެ މޮޅު ފަސް ވާހަކައިގެ ތެރޭގައި ހިމެނިފައެވެ. އޭއޯ ނިއުސްއާއި ބައިސްކޯފާއި ގުޅިގެން ރޯދަ މަހު ބޭއްވި ވާހަކަ ލިޔުމުގެ މުބާރާތުގައި އޭނާ ވަނީ އެއްވަނަ، ހަތަރުވަނަ އަދި ފަސްވަނަ ހޯދާފައެވެ.
"އަޅުގަނޑުގެ ވަރަށް ގާތް ރައްޓެއްސަކު އަޅުގަނޑަށް ލިންކެއް ފޮނުވާލަނީ. ކުރު ވާހަކަ މުބާރާތެކޭ މީގަ ބައިވެރި ވާންވީ ނޫންހޭ. އެދުވަހު ހިތަށް އެރީ މީގަ ބައިވެރި ވާންވީއޭ. މިފުރުސަތުގަ ހަމަ އެ ލިންކު ފޮނުވާލި ފަރާތަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރަން ބޭނުން"
ޝަހީމް ވަނީ 'އަޝްހުރުގެ ކުރު ވާހަކަތައް' މިނަމުން އޭނާގެ އަމިއްލަ ކުރު ވާހަކަ ފޮތެއް ނެރުމަށްޓަކައި މަސައްކަތް ފަށާފައެވެ. އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް އަހަރު އެފޮތް ނެރުމަށް އޭނާ ދަނީ ތައްޔާރު ވަމުންނެވެ.
އިޖުތިމާއީ ކަންކަމުގައި ކެރިގެން ކުރިމަތިލާ ފަރާތެއް
ޝަހީމްއަކީ ރަށުގެ އިޖުތިމާއީ ކަންކަމުގައިވެސް ނުހަނު ފާހަގަ ކޮށްލެވޭ ފަރާތެކެވެ. ޝަހީމްއަކީ ސޮސައިޓި ފޯ އަލިފުށި ޔޫތް (ސޭ)، ޖަމިއްޔާގެ ރައީސްއެވެ. ޝަހީމް ބުނާ ގޮތުން ޖަމިއްޔާއިން ކަންކަން ވަރަށް ހިންގާލައެވެ. ހާއްސަކޮށް ފުރަތަމަ ހަތަރު ދައުރު ވަރަށް ހިންގަލެވުނެވެ. މިސާލަކަށް މަދަހަ މުބާރާތް، ކުޑަކުދިންގެ ހަވީރު، އީދު ނަމާދަށް ފަހު ބާއްވާ ހާއްސަ އީދު ސައި ފަދަ އެތައް ކަމެއް ރަށުގައި ރާވާ ހިންގައެވެ. ކޮންމެ އަހަރަކުވެސް އީދު ކުޅިވަރުތައް ބޭއްވުމާއި އުވިގެން ގޮސްފައިވާ ސަގާފަތްތައް ދިރުވާ އާލާކުރުމަށް މަސައްކަތް ކޮށް ކޮންމެ އަހަރަކު މަސް ރޭހެއްވެސް އަލިފުށީގައި ބާއްވައެވެ.
"މޮޅުވާ ޓީމަކަށް 500 ރުފިޔާ ލިބޭ ގޮތަށް ފެށި މަސް ރޭހެއް މިހާރު މޮޅުވާ ބަޔަކަށް 30000 ރުފިޔާ ލިބޭ ގޮތަށް ކުރަމުން މިދަނީ. ވަރަށް ގިނަ ބައެއްގެ އެއްބާރުލުމާއި އެކު ވަރަށް ކާމިޔާބު ކޮށް ގެންދެވޭ ކަމެއް މިކަމަކީ"
ޝަހީމް ބުނާ ގޮތުގައި ކޮންމެ ކަމެއްގައިވެސް ކެރިގެން ކުރިމަތިލާ އެންމެ އިސް ސަފުގައި އޭނާ ހުރެއެވެ. ޝަހީމްގެ ލީޑަރޝިޕް އެންމެންނަށްވެސް ފާހަގަ ކުރެވެއެވެ.
އެހެނިހެން ހުނަރުތައް
ޝަހީމްއަކީ ވާހަކަދެއްކުމުގެ ރޮނގުންނާއި ބަހުސް ކުރުމުގައިވެސް ފާހަގަ ކޮށްލެވޭ ފަރާތެކެވެ. މިކަމަށް ވަދެވުނު ގޮތަކީ ވަރަށް ކުރިން އީދު ޝޯއެއް ހުށައަޅާލަން ލިބުނު ފުރުސަތެކެވެ.
"ބަހުސްކުރުމުގެ ހުނަރުވެސް ހުންނަކަން އެނގޭތީ އެ ހުނަރު ފޮރުވަން ބޭނުން ނުވާތީ ނުވަތަ ބާއްވަން ބޭނުން ނުވާތީ ބަހުސް މުބާރާތުގައިވެސް ބައިވެރި ވަން"
މީގެ އިތުރުން އިވެންޓްތައް ޕެލޭން ކުރުމަކީވެސް ޝަހީމް ވަރަށް މޮޅަށް ކުރަ ކަމެކެވެ. ހިތާނު ޕާޓީތަކާއި ކައިވެނީގެ ހަފްލާތަކުގެ ލިސްޓު ތައްޔާރު ކޮށްދިނުން ފަދަ ކަންކަން އޭނާ ވަރަށް ގިނަ މީހުންނަށް ކޮށްދެއެވެ.
ޝަހީމްގެ ހުވަފެން
ޝަހީމް ދެކޭ ގޮތުގައި ކުރީގައި އޮތް ކިޔެވުމުގެ ނިމް އަލުން އަނބުރާ ގެންނަން ޖެހެއެވެ. ޝަހީމް ފާހަގަ ކުރާ ގޮތުގައި މުޖުތަމައުގެ ތެރޭގައި މީހުންނަށް އިހުތިރާމް ކުރުމުގެ ބައި ވަރަށް ދަށް ވެއްޖެއެވެ. ޝަހީމް ބޭނުންވަނީ ވަރަށް ގުޅިގެން އުޅޭ އެކަކު އަނެކަކަށް އިހުތިރާމް ކުރާ މުޖުތަމައުއެއް ފެނިގެންދާށެވެ. އަދި ކުރީގައި ފެންނަ ފަދަ ރިވެތި އަޚުލާގެއްގެ ވެރި ދަރިވަރުންތަކެއް އިޖުތިމާއީ ޚިދުމަތުގައިވެސް ފެނިގެންދިޔުމެވެ.
ޝުކުރު
ޝަހީމް ބުނާ ގޮތުގައި އޭނާގެ ރައްޓެހިން ވަރަށް ގިނަ ވާނެއެވެ. އަދި އެ ހުރިހާ ރައްޓެހިންގެ ފަރާތުންވެސް ވަރަށް ގިނަ ފައިދާތަކެއް އޭނާއަށް ލިބެއެވެ. ކިޔަވައިދިނުމުގެ ދާއިރާއަށް ބަލައިލާއިރު އޭނާ ޝުކުރު އަދާކުރަން ބޭނުންވަނީ ދަރިވަރުންނަށާއި ބެލެނިވެރިންނަށާއި އެކުގައި މަސައްކަތްކުރާ މުވައްފުންނެވެ. ހަގީގަތުގައި ޝުކުރުގެ ލިސްޓު ވަރަށް ދިގު ކަމަށާއި ވަކިވަކިން އެންމެންގެ ނަން ކިޔައިދޭން އުޅެފިނަމަ ނަމެއް ވައްޓާލެވިދާނެތީ ޝަހީމް ބިރު ގަންނަ ކަމުގައި އޭނާ ބުންޏެވެ. ހާއްސަކޮށް އާއިލާގެ ފަރާތުން ލިބޭ އެއްބާރުލުން އޭނާ ފާހަގަ ކޮށްލިއެވެ. އާއިލާގައި އަނބިމީހާ، މަންމަ އަދި ބައްޕަގެ އެހީތެރިކަން ވަރަށް ބޮޑަށް އޭނާ ފާހަގަ ކޮށްލިއެވެ.
ނިންމާލަމުން ހިމަނާލަން ބޭނުންވަނީ ޝަހީމް ކައިރީގައި ޝަހީމް ސަރ އަށް ވީ ކީއްވެގެންތޯ އެހުމުން އޭނާ ދިން ޖަވާބެވެ.
"މިއަދު އަޅުގަނޑު ޝަހީމް ސާރގެ ގޮތުގައި މިފެންނަނީ އަޅުގަނޑު ކިޔަވައިދިން އެތައް ދަރިވަރުންނަކާއި، އަޅުގަނޑާއި އެއްކޮށް މަސައްކަތްކުރި އެތައް ބެލެނިވެރިންނަކާއި، އެތައް މުވައްފުންނެއްގެ މިންނެތް މަސައްކަތުން އަދި ބައެއް ޕްރިންސިޕަލްވެސް އަޅުގަނޑު ފާހަގަ ކޮށްލަން ބޭނުން"