ރިޕޯޓް

މުޅި ރާ އަތޮޅަށް ފޮނިކަން ފަތުރަމުންދާ ރިފާ

ލަޠީފާ ޢަދުނާން ، ދެން އޮންލައިން

ކޮންމެ މުނާސަބަތެއްގެވެސް އެންމެ އަލިގަދަ ތަރިއަކީ އެމުނާސަބަތައް ހާއްސަކޮށް އަޅާފައިވާ ކޭކެވެ. އުފަންދުވަސް ފާހަގަ ކުރުން، ކައިވެނީ ހަފްލާތައް، ބޭބީ ޝަވާރ، އަދި ފެއާވެލްއެއް ނުވަތަ މީހަކަށް ކޮންމެ ކަމަކު މަރުހަބާ ކީ ނަމަވެސް އެ މުނާސަބަތެއްގައި ކޭކެއް އިންނަންވާނެ ކަމަށް އެންމެންވެސް ގަބޫލު ކުރާނެއެވެ. ކޭކުގެ ޑީމާންދް ބޮޑުވާ ވަރަކަށް ކޭކު އަޅާ މީހުންނާއި ކޭކު އަޅައިދޭ ތަންތަންވެސް ދަނީ ގިނަވަމުންނެވެ. މިގޮތުން ކޭކުގެ ވިޔަފާރީގެ ވާހަކަ މިކަމުގެ ތެރޭގައި އުޅެތާ ތިންވަނަ އަހަރު ގުނަމުންދާ ހައްވާ ރިފާޝާގެ ވިޔަފާރީގެ ނަން ކަމަށްވާ ކޭކް ކްރިއޭޝަންއަށް ބަލާލަމާ ހެއްޔެވެ.

Ads by STELCO

އިންސްޓަގްރާމް ޕޭޖަށް އަހަރެން ނަޒަރު ހިންގާލުމުން އެންމެ ފުރަތަމަވެސް ފެނުނީ ވިލު ކުލައިގެ މޫދާއި ރާޅު ފޮނާއި އަތިރިމަތީގައި ހުރި ވެލިގަނޑު ދައްކުވައިދޭ ކޭކެކެވެ. އެއީ އަލިފުށި ސްކޫލުގެ ގްރޭޑް 10ގެ ފެއާވެލް ކޭކެވެ. ދާދި ފަހުން އަލިފުށީ ސްކޫލްގެ 53 ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމުގައިވެސް ބޭނުންކޮށްފައިވަނީ ރިފާ އަޅައިދީފައިވާ ކޭކެކެވެ. ޗޮކްލެޓް ކުލައިގެ ހުންނަ ޗޮކްލެޓް މީރު މީހުންނަށް ކަމުދާނޭ ހެން ހަދާފައި ހުންނަ ޗޮކްލެޓް ކޭކުގެ އިތުރުން ދިވެހި ތީމްގެ ކޭކުވެސް ޕޭޖުން ފާހަގަ ކޮށްލެވުނެވެ. ދިވެހި ފޭލީގެ ޑިއިންއާއި ދުފުންތައްޓެއް ދައްކުވައިދޭ ފޯއް ފޮތިތަކާއި ބިލެތްވެސް ހުންނަ ކޭކު ހުއްޓެވެ. ކުޑަ ކުދިންނާއި ގުޅޭ ކާޓޫން ފަދަ ތަކެތި ހުރި ކޭކުގެ އިތުރުން ކޭކުގައި މާބޮޑު ޖަރީ ކުރުމާއި ނަލަ ކަމެއް ނުގެނެސް ހަމައެކަނި ޕްލޭން ކުލައިގެ ކޭކެއްގައި ލިޔުންކޮޅެއް ލިލާފައި ހުންނަ މިނިމަލް ކޭކުވެސް ހިމަނާފައިވެއެވެ. ރިފާ އަޅަނީ ކޭކު އެކަންޏެއް ނޫނެވެ. ކަޕްކޭކް، ކޭކް ޓްރޭ، ޑޯނަޓް އަދި މެކެރޮންފަދަ ފޮނި ބާވަތްތައް ރިފާ ހަދައެވެެ.

ރިފާއަކީ ކޭކު އަޅާހިތުން ވަރަށް ޝައުގުވެރިކަމާއިއެކު އެމަސައްކަތް ކުރަމުންދާ ފަރާތެކެވެ. ރ. އަލިފުށީގައި ދިރިއުޅުނެއް ކަމަކު މުޅި އަތޮޅަށް އޭނާގެ ޚިދުމަތްތައް ފޯރުކޮށްދެވެއެވެ. ޑެލިވާރ ކޮށްދެނީ ހިލޭއެވެ. ރިފާ ފާހަގަ ކޮށްލިގޮތުގައި އިރާދަކުރެއްވިއްޔާ ވިޔަފާރި ވަރަށް ރަނގަޅެވެ. ރަށުންނާއި އަތޮޅުގެ ތެރެއިން ވަރަށް ބައިވަރު އޯޑަރު ލިބޭ ކަމުގައި އޭނާ ބުންޏެވެ.

އަހަރެން އެންމެ ޝައުގުވެރިވީ އޭނާ މިކަމުގެ ތެރެއަށް ވަން ގޮތާއި ދޭތެރޭގައެވެ. މިވާހަކަ އޮޅުންފިލުވާލުމުން ލިބުނު ޖަވާބުން އަހަރެންނަށް ލިބުނީ ހައިރާންކަމެކެވެ. އެއީ ފުރަތަމަ ކިޔަވަން ފެށީ ޓީޗިންގް ކަމުގައި އޭނާ ބުނުމުންނެވެ.

"ޓީޗިން ހަދާ ހިތެއް ނުވޭ އެއްވެސް ވަރަކަށް. ދެން އެންމެން ބޭނުންވީ އެކަހަލަ ކޮންމެސް ކަމެއް ކުރަން. އެކަމަކު އެކަންތައް އެއްގޮތަކަށްވެސް ކުރާ ހިތެއް ނުވި. އެހެންވެ ކެނޑުނީ. ފުރަތަމަ ސެމް ނިމުންތަނާހެން ކަންނޭނގެ ކެނޑުނީ.. ދެން މާލޭގަ ހުރެފަ ފުރަތަމަ އިންސްޓަގްރާމް ޕޭޖް ހެދީ"

ހަގީގަތުގައި ރިފާގެ ހިތުގައި ކޭކު އެޅުމުގެ ޝުއޫރު އަށަގަތީ ސެކަންޑްރީ ސްކޫލްގައި އުޅުނު އިރު ދައްތައެއް ކޭކު އަޅާތަން ފެނުމުން ކަމުގައި އޭނާ ބުންޏެވެ. އަދި ސްކޫލުގައި އުޅެމުން ރައްޓެހި ކުދިންގެ އުފަންދުވަސް ފަދަ މުނާސަބަތުތަކަށް ވަރަށް ކުރާ ހިތުން ކޭކު އަޅަން ފެށިއެވެ. ނަމަވެސް ސްކޫލް ނިންމުމަށްފަހު މާލެއަށް ޓީޗީންގް ހަދަން ދިޔުމުން އެކަންތައް ވަގުތީ ގޮތުން ހުއްޓާލީއެވެ. ރިފާ ބުނި ގޮތުގައި އޭރު އާމްދަނީ ހޯދަން ކުރާނެ މަސައްކަތެއްގެ ގޮތުގައި ކޭކު އެޅުން ހިޔާލަކު ނެތެވެ. ނަމަވެސް ޓީޗިންގް ކިޔެވުން ހުއްޓާލުމަށްފަހު މާލޭގަ ހުރެފައި ސީރިއަސްކޮށް އެކަންތައް ކުރަން ހިތަށް އެރީއެވެ. އަދި އިންސްޓަގްރާމް ޕޭޖް ހެދުން އެއީ ކޭކު އެޅުމުގެ ދަތުރުގެ ފެށުމެވެ.

ރަށަށް ބަދަލު ވުމަށްފަހު ކޭކު އެޅުމުގައި ރިފާ އުޅެނީ އަވަދި ނެތިއެވެ. އަދި ފޫހި ކަމެއް ނެތިއެވެ. ރިފާ ބުނިގޮތުގައި ހުރިހާ ވައްތަރެއްގެ ކޭކެއްވެސް އަޅަނީ އަޅާ ހިތުން ކަމަކު އެންމެ އަޅާ ހިތްވަނީ ކައިވެނީގެ ހަފްލާއަށް އަޅާ ކޭކެވެ. އަދި މިހާތަނަށް ވަރަށް އަޅާ ހިތްވާ އެކަމަކު އަދި އަޅާނޭ ފުރުސަތެއް ނުލިބި ހުރީ މިރާރ ގްލޭ ކޭކެވެ. އަދި އެއްވެސް ވައްތަރެއްގެ ކޭކެއް އަޅާކަކަށް އަދި ހަދާކަށް ފޫއްސެއް ނުވާ ކަމުގައިވެސް އޭނާ ބުންޏެވެ. ނަމަވެސް އަބަދު ކޭކު އޭޅުމުގެ ތެރޭގައި އުޅޭތީ މިހާރު ކޭކު އެހާ ކާހިތެއް ނުވެއެވެ. އެގޭގައި އުޅޭ މީހުންވެސް އެހާ ކާހިތެއް ނުވާ ކަމުގައި ބުންޏެވެ.

މިކަމުގެ ތެރޭގައި އުޅޭތާ މިހާރު ތިން އަހަރު ވާ ކަމުގައި ބުނުމުން އަހަރެން މިދަތުރު ކިހިނެތްތޯ އަހާލީމާ ރިފާ ޖަވާބު ދިނީ އެންމެ ބަހަކުންނެވެ. އެއީ 'ފައްކާ' އެވެ. ކޭކު އަޅާ ކޯހެއްގައި ބައިވެރި ވެފައިނުވާ ރިފާ ބުނީ ކޭކު އެޅުމުގެ ކަންކަން އޭނާ ދަސްކުރީއަމިއްލައަށް ކަމުގައެވެ. އެންމެ އަސާސީ ކަންކަން އެނގޭތީ ރިފާ ނެޓުން ބަލައިގެން ހޯދީ ޔަގީން ނުވާ ކަމެއް ނުވަތަ އޮޅުން އަރާ ކަމެއް އޮތިއްޔާއެވެ. އެގޮތުން އެންމެ ކުރީ ކޮޅު ދަސްކުރި އެއްޗަކީ ކައިވެނީގެ ހަފްލާގެ ކޭކު މަތިމައްޗަށް ނަގާފައި ހުންނާތީ ޓީއާރތައް އެކަތި އަނެކަތީގެ މައްޗަށް ލާފައި ހުންނަ ގޮތެވެ. ދަސްކުރި އެއްޗެހީގެ ތެރޭގައި އެންމެ ޝައުގުވެރިވީ އެއްޗަކީވެސް ތަފަތު ވައްތަރުގެ ވެޑިންގް ކޭކު އަޅާނެ ގޮތް ކަމުގައި ރިފާ ބުންޏެވެ.

އެހާ ގިނަ ދުވަސްވީ އިރު މިކަމުގައި ދިމާވި އެންމެ ތަފާތު ނުވަތަ މަޖާ ކަމަކީ ކޮބައިހޭ އެހުމުން ރިފާ ބުނީ އެހާ 'އިންޓްރެސްޓިންގް' ކަމަކާއި ދިމައެއް ނުވޭ ކަމުގައެވެ. ނަމަވެސް އެއްދުވަހަކު އޯޑަރެއް ފުރިހަމަ ކުރުމުގެ ތެރޭގައި އަވަނުން ކޭކެއް ނަގަން އުޅެނިކޮށް ކޭކު ވެއްޓުން ކަމަށެވެ. އޭރު ކޭކު ޑެލިވާރ ކުރަންޖެހޭ ވަގުތު ވަރަށް ކައިރި ވެފައިވާ ކަމަށް ރިފާ ފާހަގަ ކޮށްލިއެވެ. ނަމަވެސް އަކުން ކޭކެއް އަޅާ އެ އޯޑަރުވެސް ރިފާ ފުރިހަމަ ކުރި ކަމުގައި ރިފާ އުފަލާއި އެކު ފާހަގަ ކުރިއެވެ. އެނޫނީ ދުވަހަކުވެސް އިރާދަ ކުރެއްވީތީ އެކަހަލަ ކަމަކާ ކުރިމައްޗެއް ނުވެއެވެ.

ރަށުގައި ހުރެގެން މިމަސައްކަތް ކުރާއިރު ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ މަސައްކަތަށް ބޭނުންވާ އެއްޗެހި ނުލިބުމެވެ. މިސާލަކަށް ކުލަ ނުލިބުމަކީ އެންމެ އުނދަގު ވާ ކަމެވެ. އެހެންވީމާ އެމައްސަލައަށް ހައްލެއް ހޯދުމަށްޓަކައި ރިފާ ބަހައްޓަނީ އަބަދުވެސް މާލެއިން ކޭކު އަޅަން ބޭނުންވާ ސާމާނު ރަށަށް ގެނެސްފައެވެ. މިސާކަށް މެކެރޮން ހަދަން ބޭނުންވާ އާމަންޑް ފުށް އަދި ޗޮކޮލެޓް ޗިޕް ފަދަ އެއްޗެހި އެއީ އެއްވެސް ވަރަކަށް ރަށުން ލިބޭ އެއްޗެއް ނޫނެވެ.

ރިފާ ދެކޭ ގޮތުގައި އާމްދަނީ ހޯދުމަށް ކުރާ މަސައްކަތެއްގެ ގޮތުގައި ކޭކު އޭޅުމަކީ ހަމަ ވަރަށް ރަނގަޅު ކަމެކެވެ. އަދި މިދާއިރާއަށް ވަނުމަށް ޝައުގުވެރިކަން ހުރި މީހުންނަށް ދޭން އޮތް ނަސޭހަތަކީ މިއީ ހަމަ ކުރަން ވަރަށް ރަނގަޅު މަސައްކަތެއް ކަމުގައި އަދި މިކަންތައް ކުރާށޭ ކަމުގެއެވެ. ހާއްސަކޮށް ގޭގައި ހުރެގެން މަސައްކަތް ކުރަން ބޭނުންވާ މީހުންނަށް މިއީ ވަރަށް ރަނގަޅު ކަމެއް ކަމުގައެވެ. ރިފާގެ މަސައްކަތުގައި އެންމެ އެހީ ލިބެނީ ފިރިމީހާއާއި މަންމަ އަދި ބޭބެގެ ފަރާތުންކަން އޭނާ ވަރަށް ލޯތްބާއިއެކު ފާހަގަ ކޮށްލިއެވެ. އެންމެ ފުރަތަމަ ފަށަން ވެގެން އެއްޗެހި ގަނެދިނީވެސް އެމީހުން ކަމުގައި ބުނަމުން އާއިލާގެ އެންމެންވެސް ވަރަށް 'ސަޕޯޓިވް' ކަމުގައި ރިފާ އިތުރު ކޮށްލިއެވެ.

ކުރިއަށް އޮތް ތާނގައި ރިފާގެ ހުވަފެނަކީ ރަށުގައި ކޭކު ފިހާރައެއް ހުޅުވުމެވެ. ރަށުގައި އަދި އެފަދަ ތަނެއް ނެތުމުގެ ސަބަބުން އަދި ކުރީ ބައިގައި އަޅާފައި ހުރި ކޭކު މީހުންނަށް ފަސޭހައިން ގަންނަން ލިބުމުގެ ޑީމާންޑް އޮތް ކަމަށް ރިފާއަށް ފެންނާތީ އެހުވަފެން ހަގީގަތަކަށް ހެދުމަށްޓަކައި ރިފާ ދަނީ ގަދައަޅާ މަސައްކަތް ކުރަމުންނެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!