ދަޢުވަތުގެ މަސައްކަތުގައި މާތިއު ދައްކާ ހިތްވަރު
ގއ. ވިލިނގިއްޔަށް އުފަން 24އަހަރުގެ މުހައްމަދު މާތިއު ނަޖީބަކީ ރާއްޖޭގެ އެންމެ ފުންނާބު އުސް އެއް ހިއުމެނިޓޭރިއަން ޖަމިއްޔާ ކަމުގައިވާ މަހަލްދީބުގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމު ފުރަމުންދާ ޒުވާނެކެވެ. މިދިޔަ އަހަރުގެ ޑިސެންބަރު މަހާ ޖެހެންދެން މާތިއުއަކީ ބެޗްލާރ އޮފް ޝަރީއާ އެންޑް ލޯ ކިޔަވަމުން ދިޔަ ފުލްޓައިމް ދަރިވަރެއް ވެސް މެއެވެ. އާމްދަނީ ހޯދުމަށް ޓަކައި އިތުރު ކަންކަން ވެސް މާތިއު ދަނީ ކުރަމުންނެވެ. މި ހުރިހައި ކަމަކަށް ވަގުތު ބެހުމުގެ އިތުރުން މާތިއުގެ ވަގުތުން އެއްބައި ލޯބިވާ އަނބިމީހާއަށް ވެސް ދެއެވެ. އެހެންވީމާ ފެންނަ ފެނުމަށް މާތިއުއަކީ ވަރަށް ކުޅަދާނަ އަދި ހީވާގި މީހެކެވެ.
މާތިއުއާ އެކު ހޭދަކުރި ވަގުތުގައި އޭނާ މާޒީގެ ސަފްހާތައް އުކައިލައި، މިއަދާ ހަމައަށް އާދެވުނު ގޮތުގެ ވާހަކަތައް ކިޔައިދިނުމުން، މިހައި ޅައުމުރުގައި ކޮށްފައިވާ ދަތުރުގެ ސަބަބުން އޭނާ އެއްކޮށްފައިވާ ތަޖުރިބާއާއި މައުލޫމާތު އަދި އެންމެ އަގުހުރި ވިޒްޑަމް އަހަންނަށް ފާހަގަ ވެގެންދިޔައެވެ. އަދި މާތިއުއާއި އޭނާ މިހައިތަނަށް ކޮށްފައިވާ އަދި ކުރަމުންދާ މަސައްކަތްތަކާ ދޭތެރޭގައި އަހަރެން ދެކޭ ގޮތް ވެސް ވަރަށް ބޮޑު ތަން ތަފާތުވެގެން ދިޔައެވެ. މާތިއު ވެސް އަދި އަހަރެން ވެސް ކިޔުންތެރިންނަށް ކިޔައިދޭން ބޭނުން ވަނީ އެ ދަތުރުގެ ވާހަކައެވެ.
ކުޑައިރު ވާންބޭނުންވީ ޒާކިރު ނައިކްއަކަށް
ކުޑައިރު މާތިއުއަކީ ވަރަށް ބަސްއަހައިގެން އުޅުނު ކުއްޖެއް ކަމުގައި މާތިއު ސިފަކޮށްދިނެވެ. ގޭގައި އަބަދުހެން ޕީސް ޓީވީ އަޅުވައިފައި ހުރުމުން ޒާކިރު ނައިކްގެ ޕްރޮގްރާމްތައް ފެނި، އޭގެން އިންސްޕަޔާވުމުގެ ސަބަބުން ކުޑަކުޑަ މާތިއުގެ ހިތުގައި އުފެދުނީ ޒާކިރު ނައިކް ފަދަ މީހަކަށް ވުމުގެ އެދުމެވެ. މައިންބަފައިންނާ ކައިރީގައި އުޅޭ އެހެން މީހުންގެ ފަރާތުން ވެސް އެ މަގުން ހިނގުމަށް ހިތްވަރު ލިބުނު ކަމުގައި މާތިއު ބުންޏެވެ.
އެންމެން ވެސް ބުނޭ ޒާކިރު ނައިކްއަކަށް ވާންވީ ނޫންހޭ
ޒާކިރު ނައިކް ފަދަ ޝޭޚަކަށް ވާން ބޭނުންވި ނަމަވެސް ބޮޑުވަމުން އައި އިރު މިސްރާބު ބަދަލު ކޮށްލީ ކީއްވެގެންކަން ވަރަށް ސާފުކޮށް މާތިއު ކިޔައިދިނެވެ.
ޒާކިރު ނައިކްއަކަށް ވާން ބޭނުންވި މީހަކު ކީއްވެހޭ ލޯ މި ކިޔެވީ. ޖަމިއްޔާއެއްގައި މަސައްކަތް ކުރަނީ. މެންޓާއިން ކިޔައިދިނީ އިސްލާމް ދީނުގެ ދައުވަތު އެހެން މީހުންނަށް ފޯރު ކޮށްދިނުމަށް ޓަކައި ކޮންމެހެން ނުޖެހޭ ޝޭޚަކަށް ވާކަށް. ދީނީ ދައުވަތު ދެވޭނޭ މާތިއު އަމިއްލައަށް މަސައްކަތުގައި ބައިވެރި ވެގެން އެހެން ޕްރޮޖެކްޓްތަކެއް އެހެން ދާއިރާއަކުން ފެށިއްޔާ. އިސްލާމް ދީނުގައި ދައުވަތު ދިނުމަކީ މިސްކިތް ތަކުގައި ދަރުސް ދިނުން އެކަންޏެއް ނޫނެއްނު.
މާތިއު ބުނި ގޮތުގައި މުޖުތަމައުގައި ހުންނަ އެކިއެކި އިޖްތިމާއީ މައްސަލަތަކަށް އަލިއަޅުވައިލައި އެ ކަންކަން ހައްލު ކުރުމަށް މަސައްކަތް ކުރުމަކީ ވެސް ހަމަ ދީނީ ދައުވަތެވެ. އެ ކަންތައް މާތިއުއަށް ވަރަށް ޅައުމުރުގައި ވިސްނުން ވެގެންދިޔައީ 'އެޕިފަނީ'އަކަށެވެ. އަދި މާތިއުގެ ކެރިއަރގެ ނިންމުން ބަދަލުކޮށްލި މައިގަނޑު އެއް ސަބަބަކީ ވެސް އެއީ ކަމުގައި އޭނާ އިތުރު ކޮށްލިއެވެ.
މިހާރު މަސައްކަތް ކުރަމުންދާ މަހަލްދީބުގެ މަސައްކަތުން އެކަން ރިފްލެކްޓްވާނެއެވެ. މާތިއު ބުނި ގޮތުގައި އަހަރެމެންގެ މުޖުތަމައުގައި އަދި އާއިލާތަކުގެ ތެރޭގައި ހިނގާ ޖިންސީ އަނިޔާ، ނަފްސާނީ މައްސަލަތަކާއި، އެކަންކަމާ ދޭތެރޭގައި ދެކޭ ނުރަނގަޅު ހީކުރުންތައް، އަދި ޒުވާނުންނަށް ދިމާވާ މަސްތުވާތަކެތީގެ ވަބާ ފަދަ ކަންކަމަށް ވެސް އެޑްރެސް ކުރުމަކީ ވަރަށް މުހިންމު ކަމެކެވެ. މާތިއު ބުނީ މުޖުތަމައުގެ ކަންކަން ރަނގަޅު ކުރުމުގައި މި ހުރިހައި ދިމާލަކަށް ސަމާލުކަން ދީ 'ހޯލިސްޓިކް' ގޮތަކަށް ކަންކަން ހައްލު ކުރުމަށް މަސައްކަތްކުރަން ޖެހޭ ކަމުގައެވެ އަދި މާތިއު އެ ބުނާ ދީނީ ދައުވަތުގެ މައިދާނުގައި ދަރުސް ދިނުމުގެ އިތުރުން ކުރަން ޖެހޭ ކަމަކީ އެއީ ކަމުގައި އޭނާ ބުންޏެވެ.
މާތިއު ބުނި ގޮތުގައި މިހައި ހިސާބަށް ވާސިލްވެވުމުގައި އެންމެ ބޮޑު އެހީތެރިކަމަކާއި ހިތްވަރެއް ލިބުނީ އާއިލާއާއި ރައްޓެހިންގެ ފަރާތުންނެވެ. އަދި ކައިރީގައި މަސައްކަތް ކުރާ މީހުންނާއި ސުޕަވައިޒަރުންގެ ފަރާތުން ވަރަށް ގިނަ ފިލާވަޅު ލިބެއެވެ. ކިޔެވުމުގެ ހަޔާތުގައި ވެސް ވަރަށް ބައިވަރު ޝޭޚުންނާ ދިމާވެ، އެމީހުންގެ ބުރަ މަސައްކަތްތައް ފެނި އެކަމުން ވެސް ވަރަށް ގިނަ އެއްޗެހި ދަސްވިއެވެ. މީގެ އިތުރުން އިންސްޕިރޭޝަން ލިބުނު އެހެން ބައެއް ފަރާތްތަކަކީ އުމަރު ސުލައިމާން، ހަމްޒާ ޓޯޓިޒް އަދި ނޫމާން އަލީ ޚާން ކަމުގައި މާތިއު ފާހަގަ ކޮށްލިއެވެ.
މާތިއުގެ ހިތާއި މަހަލްދީބާ ދޭތެރޭ އޮތް ހާއްސަ ގުޅުން
މަހަލްދީބަކީ 2012ގައި ހިއުމެނިޓޭރިއަން ކަންކަން ކުރުމަށް ޓަކައި، ވަރަށް އިސް ބޭފުޅުންތަކެއްގެ މޮޅެތި ވިސްނުންތަކަކާ އެކީގައި އުފެދުނު ޖަމިއްޔާއެއް. އޭގެ ފްރުއިޝަންއެއް މިހާރު މަހަލްދީބްގެ ނަމުގައި އިންސްޓިޓިއުޓެއް އުފައްދައި ހެޔޮ އަގުގައި ކުދިންނަށް ތަފްސީރު، އަރަބި، ހަދީޘް އިލްމު ފޯރުކޮށްދެނީމި.
އެންމެ ފުރަތަމަ މަހަލްދީބްގެ ޕްރޮޖެކްޓެއްގައި ވޮލަންޓިއާ ކުރީ މާތިއު ސީއެޗްއެސްއީގައި އުޅުނު އިރުއެވެ. އެއީ އެ ތަނުގައި އޭރު އިސްލާމީ ޕްރޮޖެކްޓްތަކަށް ހާއްސަ ކުރެވިފައިވާ އިސްލާމިކް ފޯރަމްގައި ވޮލަންޓިއާ ކުރަން އުޅުމުގެ ތެރެއިންނެވެ. އެޕްރޮޖެކްޓަކީ "ގިފްޓް އަ ސްމައިލް"ގެ ނަމުގައި ރޯދަ މަހާ ދިމާކޮށްގެން ފަގީރުންނަށް ކާތަކެތި ބަހާ ޕްރޮޖެކްޓެކެވެ. އެއީ މަހަލްދީބުގައި މަސައްކަތްކުރުމުގެ ފެށުމެވެ. މަހަލްދީބަށް ހިތްޖެހުނު ހިސާބު ވެސް މާތިއު އަހަރެންނަށް ކިޔައިދިނެވެ.
އެއީ އެއްފަހަރަކު ބަކަރި ކަތިލައިފައި ފަގީރު އާއިލާއަކަށް މަސް ބެހުމުގެ ތެރެއިންނެވެ. އީދު ދުވަހު ކާނެ އެއްޗެއް ލިބުނީމައި އެމީހުންގެ މޫނުމަތިން އެ ފެނުނު ކުލަވަރާއި އެމީހުން ފާޅުކުރި އެޕްރިސިއޭޝަންވީ މާތިއުގެ ހިތަށް ފިނިކަން ލިބުނު ކަމަށެވެ. އެ ދުވަހު އޭނާއަށް މުހިންމު ނިންމުމެއް ނިންމުނެވެ.
މީ ކުރިއަށް ދާން ރަނގަޅު ދާއިރާއެކޭ ވިސްނުނު.
2016ގައި ފެށި ގޮތަށް އަދިވެސް މާތިއު ހުރީ ވަފާތެރިކަމާ އެކު މަހަލްދީބާ އެކުއެވެ.
މަސައްކަތުގައި ދިމާވާ ގޮންޖެހުންތައް
ފުރަތަމަ ކަމަކަށް ދައުވަތުގެ ކަންކަމަށް ވަގުތު ދިނުމަކީ ހުރިހައި އެންމެންނަށް ވެސް އުނދަގޫ ކަމަކަށް ވާކަމުގައި މާތިއު ބުންޏެވެ. އެއީ އާއިލާއަށް ވަގުތު ހުސްކުރުމަށް ފަހު، އާމްދަނީ ހޯދުމަށް ކުރާ މަސައްކަތަށް ވަގުތު ދިނުމަށް ފަހު، ކިޔެވުމަށް ވަގުތު ދީ، ދައުވަތުގެ މަސައްކަތަށް ދެވެނީ ވަރަށް ކުޑަ ވަގުތު ކޮޅެކެވެ. އެހެންވީމާ ވަގުތު ހޯދުމަކީ ޗެލެންޖެއްކަމުގައި މާތިއު ދެކެއެވެ. މީގެ އިތުރުން މާތިއުގެ އުމުރުގެ ސަބަބުން ޕްރޮޖެކްޓް މެނޭޖްމެންޓް ކަހަލަ ދާއިރާއަކީ ދުވަހަކު ވެސް ތަޖުރިބާ ކޮށްފައިނުވާ ދާއިރާއެއް ކަމުން ބައެއް ކަހަލަ ޕްރޮޖެކްޓްތަކުގައި ގޮންޖެހުމަކަށް ވާކަމުގައި އޭނާ ބުންޏެވެ. އެއީ އެ އުމުރުގައި އެކަށީގެންވާ ތަޖުރިބާ ނެތުމުގެ ސަބަބުން ކަމުގައި މާތިއު ބުންޏެވެ.
މާތިއު ފާހަގަ ކޮށްލި އަނެއް ޗެލެންޖަކީ ދައުވަތުގެ މަސައްކަތުގައި އުޅޭއިރު ބައެއް މީހުންނަށް އިހުމާލު ވެވޭ ކަމެއް ކަމުގައިވާ އަމިއްލަ އާއިލާއަށް ދީނީ ދައުވަތު ދިނުމެވެ. މާތިއު ބުނީ ޚުދު މާތިއުއަށް ވެސް އެންމެ ފުރިހަމައަށް އެބައި ގެންދާކަށް ނޭނގޭ ކަމުގައެވެ. މުޖުތަމައުގައި ހުންނަ ބޮޑެތި ވަބާތަކަށް ހައްލު ހޯދުމަށް ބޮޑެތި ކެމްޕެއިންތައް ކުރިއަށް ގެންދާއިރު އާއިލާއާއި ރައްޓެހިން ﷲއާ އިތުރަށް ކައިރި ކުރުމަށް ނުވަތަ މިހާރު ހުރި ވަރަށް ވުރެ އިތުރަށް ދީނީ ބައިން ދައުވަތު ދޭނީ ކިހިނެތްތޯ ނޫނީ އެ ގޮތަށް އާއިލާ މީހުންނާއި މުއާމަލާތް ކުރަން ޖެހޭނީ ކިހިނެތް ކަމެއް އަދި އެހައި ރަނގަޅަކަށް ނޭނގޭ ކަމަށް އޭނާ ފާހަގަކުރިއެވެ.
މަހަލްދީބުގެ މަސައްކަތްތަކަށް ބަލާއިރު ހިއުމެނިޓޭރިއަން ކަންކަމަށް ފަންޑު ހޯދުމަކީ ދިމާވާ ވަރަށް ބޮޑު ގޮންޖެހުމެކެވެ. އެއީ ވަރަށް ގިނައިން އަދި ވަރަށް ފަސޭހައިން އާންމުންގެ ފަރާތުން މާލީ އެހީ ލިބުނު ކަމުގައި ވީ ނަމަވެސް، މާތިއު ބުނީ މުޖުތަމައަށް ފާހަގަ ކުރެވޭ ބޮޑެތި ބަދަލުތަކެއް ގެނެވޭނީ ދިގު މުއްދަތަކަށް ދެމިގެންދާނޭ ކަހަލަ ޕްރޮޖެކްޓްތަކެއް މުޖުތަމައުއަށް ދޫކޮށްލެވިގެންކަމުގައި ވާތީއެވެ.
ނަމަވެސް މިކަންތަކަށް ހައްލެއް ހޯދުމުގެ ގޮތުން މަހަލްދީބުން މިހާރު ވާނީ ކުރިއަށް އޮތް ތަނަށް ޕްލޭންތަކެއް ކޮށްފައެވެ.
ކުރިއަށް އޮތީ ކޮންކޮން ކަންތައްތަކެއް؟
ޑިގްރީ ނިންމައިލުމަށް ފަހު މިވަގުތު މާތިއު ހުރީ އަދި ލޯގެ ދާއިރާއިން ކުރިއަށް ދިޔުމާ މެދު ވަކި ގޮތެއް ނުނިންމައެވެ. ނަމަވެސް ލޯންގްޓާމަށް ވިސްނައިލައިފި ނަމަ މަހަލްދީބުގެ ޕްލޭންތަކާއި މާތިއުގެ ޕްލޭންތަކާ އެއީ ދާދި އެކައްޗެކެވެ. އެހެންކަމުން މާތިއު ބުނި ގޮތުގައި ކުރިއަށް އޮތް އަހަރުތަކުގައި ވެސް ހަމަ މަހަލްދީބްގައި މި މަސައްކަތް ކުރަމުންދާނެއެވެ.
މާތިއު ބޭނުންވަނީ މަހަލްދީބު އިންސްޓިޓިއުޓްގެ ދަށުން ޖީލެއް ބިނާކުރުމެވެ. މާތިއު ބޭނުން ވަނީ ދުނިޔެ ދޫކޮށްފައި ދާއިރު 'ލެގަސީ'އެއް ދޫކޮށްފައި ދާށެވެ. ފަޚުރުވެރިވެވޭނޭ ކަހަލަ ކަމެއް ކޮށްފައިވާކަން އިހުސާސްވެ، އޭގެން ބައިވަރު މީހުންނަށް ފައިދާކުރިކަން ފެންނަން އޭނާ ބޭނުންވެއެވެ.
މާތިއު ކިޔުންތެރިންނަށް ދޭން ބޭނުންވާ ހާއްސަ މެސެޖެއްވެސް އެބަ އޮތެވެ. އެއީ ހިއުމެނިޓޭރިއަން މަސައްކަތުގައި ހިއުމަން ރިސޯސްއަކީ ވަރަށް މުހިންމު އެއްޗަކަށް ވާއިރު، އަހަރެމެންގެ ތެރެއިން ގިނަ ބަޔަކު މި މަސައްކަތުގެ ތެރެއަށް އެބަ ވަންނަން ޖެހެއެވެ. ވޮލަންޓިއަރިންއަކީ ކޮންމެ ފަހަރަކު ހިލޭ ސާބަހަށް ކުރާ މަސައްކަތެއްކަމުގައި ވެސް ނުވެދާނެއެވެ. މިމަސައްކަތުގެ ތެރެއިން މާލީ ކުރިއެރުމެއް ހޯދިދާނެ ކަމުގައި މާތިއު ބުންޏެވެ. މާތިއު ފާހަގަ ކޮށްލީ މުޖުތަމައުއަށް މިފަދަ ގޮތަކަށް ދަރުމަވެރިންގެ ގޮތުގައި ބުރަކޮށް އުޅެމުން ވެސް މަސައްކަތް ކޮށްލުމަކީ މީހާއަށް ހިތްހަމަޖެހުން ލިބި، ބަޔަަކަށް އެހީވެވޭކަން އެންމެ ކައިރި ކޮށް އެބައެއްގެ ދުލުން ބުނުމުން އެ އަޑުއެހުމުން ލިބޭ ހިތްހަމަޖެހުމަކީ ތަޖުރިބާ ކޮށްލުމަށް ވަރަށް ހިތްގައިމު ކަމެއް ކަމުގައެވެ. މިކަހަލަ ވަޒީފާތަކުގައި އުޅޭ މީހުން މުޖުތަމައުއަށް ޚިދުމަތް ކޮށްދިނުމަށް މީ ވަރަށް ރަނގަޅު ދާއިރާއެކެވެ. އަދި ހާއްސަކޮށް ގިނަ ޒުވާނުން މިކަމުގެ ތެރެއަށް ވަންނަން އެބަ ޖެހެއެވެ. މިމަސައްކަތް ދުރު މުސްތަގްބަލުގައި ވެސް ދެމެހެއްޓޭނީ އޭރުންނެވެ.
ނިންމައިލަމުން މާތިއުގެ މެންޓާއެއްގެ ބަސްކޮޅެއް ހިމަނައިލާނަމެވެ.
އަހަރެމެންނަކީ ދީނަށް ޓަކައި ފުރާނަ ވަގުފް ކޮށްގެން މަސައްކަތްކުރާ މީހުން
މާތިއު ބުނީ މިއަދު ވެސް މާތިއު ބަލަނީ އެ މެންޓާގެ ބަސްކޮޅާ އެއްގޮތަށް ދިރިއުޅެވޭތޯ ކަމަށެވެ.