ޚަބަރު

އަންނަ އަހަރު ކޮލެޖްތަކާއި ސްކޫލްތަކުގައި ކިޔަވައިދޭން ފެށޭނެކަމުގެ އުއްމީދު ބޮޑު - ޑރ.ހަސަން ހަމީދު

ރައުފާ ރަޝީދު ، ދެން އޮންލައިން

އަންނަ އަހަރު ސްކޫލްތަކާއި ކޮލެޖްތަކާއި ޔުނިވަސިޓީތަކަށް ދަރިވަރުން ހާޒިރުވެ، ކިޔަވައިދޭން ފެށޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ގައުމީ ޔުނިވަސިޓީގެ ޗާންސެލަރ ޑރ.ހަސަން ހަމީދު ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

ޑރ.ހަސަން ހަމީދު މިހެން ވިދާޅުވެފައި ވަނީ ކުރެއްވި ޓްވީޓެއްގައެވެ. ކޮވިޑް-19އަށް ފައްސިވާ މީހުންގެ އަދަދު މަދުވަމުންދާތީ އަންނަ އަހަރު ސްކޫލްތަކާއި ކޮލެޖްތަކާއި ޔުނިވަސިޓީތައް ހުޅުވޭނެ ކަމުގެ އުންމީދު ބޮޑު ކަމަށް ހަސަން ވިދާޅުވިއެވެ.

ކޮވިޑް-19އަށް ފައްސިވާ މީހުންގެ އަދަދު މަދުވަމުންދާތީ އެކަން ފާހަގަކޮށް ހަސަން އިތުރަށް ވިދާޅުވީ އިއްޔެ ކޮވިޑް-19 އަށް ފައްސިވި މީހުންނާއެކު ފާއިތުވި ހަތް ދުވަހުގެ ތެރޭގައި ކޮވިޑް-19 އަށް ފައްސިވި މީހުންގެ އެވްރެޖް 24.3 އަށް މަދުވެފައިވާ ކަމަށެވެ. އަދި މިއީ ޖުލައި މަހުގެ 09 ވަނަ ދުވަހުން ފެށިގެން މިހާ ދަށަށް ދިޔަ ފުރަތަމަ ފަހަރު ކަމަށާއި ލޮކްޑައުން ކުރިތާ މިހާރު 8 މަސް ވެފައި ވާކަން ވެސް ޓްވީޓްގައި ފާހަގަ ކޮށްފައި ވެއެވެ.

އެގޮތުން އިއްޔެ ކޮވިޑް-19 އަށް ރާއްޖެއިން ވަނީ 20 މީހުން ފައްސިވެފައެވެ. ފައްސި ވެފައިވަނީ މާލެއިން 15 މީހުންނާއި އަތޮޅުތެރެއިން 2 މީހަކާއި ހިންގަމުން އަންނަ ރިސޯޓުތަކުން 3 މީހެކެވެ. މިހާރު ރާއްޖެއިން މިބައްޔަށް ޖުމްލަ 13،368 މީހުން ފައްސި ވެފައި ވެއެވެ.

މާލެ އިން ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު 20 އަށް ވުރެ ދަށުގައި ހުންނަތާ މިހާރު ހަތަރު ދުވަސް ވެއްޖެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!