ޚަބަރު

އަދީބު ގޭގައި ހުންނެވީ ދެކޮޅު ހެކިބަހުގެ ހަދިޔާއެއްގެ ގޮތުން: ވަކީލުން

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން
ފޮޓޯ: ވަގުތު

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) ގެ ބޮޑު ޚިޔާނާތުގައި ބައިވެރިވި ކަމަށް އަމިއްލައަށް އިއުތިރާފުވެ، އެކަމާ ގުޅިގެން 20 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާ ކުރައްވަމުން ގެންދަވާ ކުރީގެ ނައިބު ރައީސް އަޙުމަދު އަދީބު، ގޭގައި ހުންނަވަނީ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާ ދެކޮޅަށް ހެކިބަސް ދިނުމުގެ ހަދިޔާއެއްގެ ގޮތުން ދީފައިވާ ޣައިރު ގާނޫނީ ލުޔެއްގެ ގޮތުގައި ކަމަށް ރައީސް ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުން ބުނެފިއެވެ.

Ads by Sosun Fihaara

ރައީސް ޔާމީންގެ ވަކީލުން އިއްޔެ ނެރުނު ނޫސްބަޔާނެއްގައި ވިދާޅުވީ ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާ އަސާސީ ޙައްޤުތަކާއި މިނިވަންކަން ލިބުމުގައި އެއްވެސް ގޮތަކުން ތަފާތު ކުރުމެއް ނެތި ކޮންމެ މީހަކަށް ލިބިގެންވާކަމަށް ޤާނޫނުއަސާސީގެ 17 ވަނަ މާއްދާގައި ބަޔާން ކޮށްފައިވާ ކަމަށާއި އަދި، ޤާނޫނުގެ ކުރިމަތީގައި، އަދި އެމީހެއްގެ މައްޗަށް ޤާނޫނު ހިންގުމުގައި ކޮންމެ މީހަކީ ވެސް ހަމަހަމަވެގެންވާ މީހެއް ކަމަށާއި، އަދި ޤާނޫނުގެ ރައްކާތެރިކަމާއި، ޤާނޫނުން ލިބިދޭ މަންފާތައް ހަމަހަމަކަމާއެކު ލިބުމަކީ ހަމަ ކޮންމެ މީހެއްގެ ވެސް ޙައްޤެއް ކަމަށެވެ.

ހަމައެހެންމެ ޤާނޫނުއަސާސީގެ އެންމެހައި ހަމަތަކާއި، ޤާނޫނާއި، އެންމެހައި ފަރުދުންގެ ޙައްޤުތަކާއި މިނިވަންކަން ނެގެހެއްޓުމަކީ ޕްރޮސިކިއުޓަރ ޖެނެރަލްގެ މަސްއޫލިއްޔަތެއްގެ ގޮތުގައި ޤާނޫނުއަސާސީގެ 223 ވަނަ މާއްދާގެ (ށ) ގައި ލާޒިމު ކޮށްފައިވާކަން ވެސް އެބަޔާނުގައި ފާހަގަ ކުރެއްވިއެވެ.

"މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން ލިމިޓެޑްގެ ޚިޔާނާތުގެ މައްސަލާގައި ދައުލަތުގެ ތަޙްޤީޤީ އިދާރާތަކުން 200 އަށްވުރެ ގިނަފަރާތްތަކުގެ މައްޗަށް ތަޙްޤީޤު ހިންގައި ކުށުގެ ތުހުމަތު ކޮށްފައިވާއިރު 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީއަށް ކާމިޔާބުވުމަށްފަހު އެއިން އެއްވެސް ފަރާތެއްގެ މައްޗަށް މިއަދާ ހަމައަށް ވެސް އެކަށީގެންވާ ގޮތެއްގައި ދަޢުވާ އުފުލައި، ނުވަތަ އިތުރު ތަހްގީގެއް ހިންގާފައި ނުވާއިރު، ހަމައެކަނި ކުރީގެ ރައީސް، ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ މައްޗަށް ތަކުރާރުކޮށް ދަޢުވާތައް އުފުލަމުން ދިޔުމަކީ އިއްތިފާޤެއް ކަމަށް ނުދެކެމެވެ." އެބަޔާނުގައި ފާހަގަ ކުރެއްވިއެވެ.

ރައީސް ޔާމީނަށް ކުރަނީ އަސާސެއް ނެތް ދައުވާތަކެއް ކަން ފާހަގަކޮށް މިދަޢުވާތަކުގައި މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން ލިމިޓެޑްގެ އެތެރޭގައި ހިންގާފައިވާ ޖަރީމާތަކުގެ މައި ތަނބުކަމަށްވާ ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބު ޢަބްދުލްޣަފޫރާއި، ޢަބްދުﷲ ޒިޔަތާއެކު ދައުލަތުން ސިއްރު އަދި، ޤާނޫނު ނުވެސް ދަންނަ، އެއްބަސް ހެދުމަށްފަހު، ދައުލަތުގެ މުދަލަށް ބޮޑެތި ޢަދަދުތަކުން ޚިޔާނާތް ވެފައިވާކަމަށް އެބޭފުޅެއްގެ އަމިއްލަ އިޢުތިރާފުން ސާބިތުވެފައިވާއިރު އެ މީހުން ގޭގައި ބައިތިއްބަނީ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާ ދެކޮޅަށް ހެކިބަސް ދިނުމުގެ ހަދިޔާއެއްގެ ގޮތުން ދީފައިވާ ޣައިރު ގާނޫނީ ލުޔެއްގެ ގޮތުގައި ކަމަށް ވެސް އެބަޔާނުގައި ފާހަގަ ކޮށްފައިވެއެވެ.

އަދީބު ގެއަށް ބަދަލުކޮށްފައި ވަނީ އެމަނިކުފާނު ނިދުމަށް ހާއްސަ މެޝިނެއް ބޭނުންވާތީ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!