ވިޔަފާރި

"މޯލްޑިވްސް - ޝްރީލަންކާ ކޭބަލް" : ލަންކާއިން ހުޅުމާލެއާ ގުޅާލައިފި!

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

މޯލްޑިވްސް – ޝްރީލަންކާ ކޭބަލް (އެމް.އެސް.ސީ) ޝްރީލަންކާގެ ކޮލޮމްބޯއިން ހުޅުމާލޭގައި ގާއިމް ކުރެވިފައިވާ ލޭންޑިންގް ސްޓޭޝަންއާ ކާމިޔާބުކަމާއެކު ދިރާގާއި އުރީދޫ ގުޅިގެން ގުޅާލައިފިއެވެ.

Ads by Sosun Fihaara

ވޭވްލެންތް ޑިވިޝަން މަލްޓިޕްލެކްސިންގް ސަބްސިސްޓަމް އަދި 863 ކިލޯމީޓަރުގެ ފައިބަރ އޮޕްޓިކް ކޭބަލް އެކުލެވިފައިވާ އެމްއެސްސީ އަކީ ރާއްޖެ އާއި ޝްރީލަންކާގެ އިންޓަނޭޝަނަލް އިންޓަނެޓް ޓްރެފިކް ފްލޯއަށާއި މުވާސަލާތީ ވިއުގަ އިތުރަށް ވަރުގަދަ ކުރުމަށް އެޅޭ ކޭބަލެއް ކަމުގައި މައުލޫމާތު ލިބެއެވެ.

އުރީދޫ މޯލްޑިވްސް، ދިރާގު އަދި ޑަޔަލޮގް އެކްޒިއާޓަރ އާއި ވެވުނު އެއްބަސްވުމުގެ ދަށުން، އެމްއެސްސީ ގެ އަމަލީ މަސައްކަތް ފަށާފައި ވަނީ މިއަހަރު ކުރީކޮޅެވެ.

މިމަސައްކަތާ ގުޅޭ ގޮތުން އުރީދޫއިން އިތުރަށް ބުނެފައި ވަނީ ވާވޭ މެރީން ނެޓްވާރކްސްގެ ހައި އައުޓްޕުޓް ޓައިޓޭނިއަމް ހައުސިންގްއަކާއެކު 3700 މީޓަރު ކަނޑުއަޑީގައި އެޅިފައިވާ މި އެމްއެސްސީގެ ސަބަބުން ރާއްޖެ އާއި ޝްރީލަންކާގައި، ކުރިއަރަމުން އަންނަ އީޖާދީ ޓެކްނޮލޮޖީއަށް ބޭނުންވާ ވަސީލަތްތަކާއި ޚިދުމަތްތައް ފޯރުކޮށްދިނުމަށް މަގުފަހިވެގެންދާނެއެވެ.

"މިއަދު އަޅުގަނޑުމެންނަށް މި ހާސިލްކުރެވުނު މުހިންމު ލަނޑުދަނޑިއާއެކު، އިންޓަނެޓްގެ ޚިދުމަތް ފޯރުކޮށްދޭ ދެ ކުންފުނި ކަމަށްވާ އުރީދޫ އަދި ދިރާގުން ރާއްޖޭގެ މުވާސަލާތީ ދާއިރާ ކުރިއެރުވުމުގައި ކޮށްދޭ މުހިންމު މަސައްކަތް ފާހަގަކޮށް ފަށްފަށުން ޝުކުރު ދަންނަވަން. އެމްއެސްއީ ޕްރޮޖެކްޓް ކާމިޔާބުކަމާއެކު ފުރިހަމަވުމުން ރާއްޖޭގެ ޑިޖިޓަލް އިންފްރާސްޓަރްކްޗަރ އިތުރަށް ވަރުގަދަވެ، އަންނަން އޮތް ޖީލުތަކަށް އިތުރު ފުރުސަތުތައް ފަހިވެގެންދާނެކަމީ ޔަގީންކަމެއް" މިނިސްޓަރ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޯލޮޖީ، އޮނަރަބަލް މުޙައްމަދު މަލީޙް ޖަމާލް މިޕްރޮޖެކްޓާ ގުޅޭގޮތުން ވިދާޅުވިއެވެ.

މުޅި ދުނިޔެއަށް ކުރިމަތިވެފަައިވާ ކޮވިޑް-19 ޕެންޑެމިކްއާ ގުޅިގެން ސަލާމަތާއި ރައްކާތެރިކަމާއެކު އާންމު ދިރިއުޅުމާއި ވިޔަފާރިތަކުން ދޭ ޚިދުމަތްތައް ވެސް ދަނީ ޑިޖިޓަލް ޒަރިއްޔާތަކަށް ބަދަލުކުރަމުންނެވެ. އެހެންކަމުން އިންޓަނެޓް ބޭނުންކުރާވަރު ވެސް މިހާރު އިތުރުވެ، އިންޓަނެޓްގެ މުހިންމުކަން އިހުނަށްވުރެ އިތުރުވެފައިވާއިރު 22 މިލިއަން ޑޮލަރގެ މި އެމްއެސްސީ ޕްރޮޖެކްޓްއާއެކު، ބަދަލުވަމުން އަންނަ ކަސްޓަމަރުންގެ ބޭނުންތަކާ އެއްވަރަށް ފެންވަރު ރަނގަޅު އިންޓަނެޓްގެ ޚިދުމަތް ފޯރުކޮށްދިނުމަށާއި އެންމެ ފުރިހަމަ ގޮތުގައި އިންޓަނެޓް ބޭނުންކުރުމުގެ ފުރުސަތު ފަހިވެގެންދާނެ ކަމަށް އުރީދޫ މޯލްޑިވްސް އިން ވަނީ ބުނެފައެވެ. އެގޮތުން 5ޖީގެ ވަރުގަދަ ނެޓްވޯރކްގެ ޚިދުމަތް މުޅި ރާއްޖެއަށް ފޯރުކޮށްދިނުމަށް އިތުރު ހިތްވަރެއް ލިބި، އިތުރު ފުރުސަތުތަކާއި އިޖާދީ ޚިދުމަތްތައް އުފެއްދުމަށް ފުރުސަތުތައް ފަހިވެ ގައުމުގެ މުޖުތަމައު އަދި އިގްތިސާދު ކުރިއަރާ ދާނެކަމީ ޔަގީންކަމެއް ކަމަށް ވެސް އުރީދޫ އާއި ދިރާގުން ވަނީ ބުނެފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!