ޚަބަރު

ޓެކްސް ނެގުމާބެހޭ ޤާނޫނަށް ތިންވަނަ އިސްލާޙު ގެނައުމުގެ ބިލު ރައީސް ތަސްދީޤު ކުރައްވައިފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު (ޤާނޫނު ނަންބަރު: 2010/3) އަށް ތިންވަނަ އިޞްލާޙު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ތަސްދީޤު ކުރައްވައިފިއެވެ.

Ads by STELCO

މި ބިލަކީ 2020 ނޮވެންބަރު މަހުގެ 29 ވީ އާދިއްތަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ތިންވަނަ ދައުރުގެ 23 ވަނަ ޖަލްސާގައި ފާސް ކުރެއްވި ބިލެކެވެ.

މި ބިލާއެކު ގެނެވުނު އިޞްލާޙުތަކުގެ ތެރޭގައި ސިއްރު ހިފެހެއްޓުމާއި މަޢުލޫމާތު ހާމަކުރުމަށް ގެނެވުނު ބަދަލުތަކާއި، މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ޓެކުހަށް ނުވާ އާމްދަނީ ބަލައިގަތުމާއި، ފިޔަވަޅު އެޅުމުގައި ޢަމަލުކުރާނެ އުސޫލުތައް ހިމެނެއެވެ. މީގެ އިތުރުން، ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިވާ މަލްޓިނޭޝަނަލް އެންޓިޓީތަކުން އެ އެންޓިޓީއެއް ނިސްބަތްވާ ގްރޫޕުގެ ވިޔަފާރި މުޢާމަލާތްތަކާއި ހިންގުމާގުޅޭ މަޢުލޫމާތު ހިމަނައިގެން ކަންޓްރީ-ބައި-ކަންޓްރީ ރިޕޯޓެއް މީރާއަށް ހުށަހެޅުމާއި، ބެނެފިޝަލް އޯނަރުގެ މަޢުލޫމާތު ހޯދުމާއި އެ މަޢުލޫމާތު ބޭނުން ކުރުމާއި، އެހެން ޤައުމުތަކާއި ނުވަތަ ސަރަޙައްދުތަކާ އެ މަޢުލޫމާތު ޙިއްޞާކުރުމާއި، ބެނެފިޝަލް އޯނަރުގެ މަޢުލޫމާތު ނެގިދާނެ ޙާލަތްތައް ޤާނޫނާ އެއްގޮތަށް ހަދައި، ކަމާގުޅޭ އުސޫލުތަކާއި ޤަވާޢިދުގައި ކަނޑައަޅާ ގޮތަކަށް އެކަން ކުރުމުގެ ބާރު ވެސް މީރާއަށް ލިބިގެންވާކަމަށް ބަޔާން ކޮށްފައި ވެއެވެ.

ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނަށް ތިންވަނަ އިޞްލާޙު ގެނައުމުގެ ބިލު ރައީސް ޞާލިޙު ތަސްދީޤުކުރެއްވުމާއެކު، އެ ޤާނޫނު މިއަދު ވަނީ ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢު ކުރައްވާފައެވެ. އަދި، މި ޤާނޫނަށް ގެނެވޭ އިޞްލާޙުތަކާ ގުޅިގެން އެކުލަވާލަންޖެހޭ ޤަވާޢިދުތައް، މި ޤާނޫނަށް ޢަމަލުކުރަން ފަށާ ތާރީޚުން ފެށިގެން ތިން މަސްދުވަހުގެ ތެރޭގައި ހަދައި، ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރުމަށް ވަނީ ހަމަޖެހިފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!