ރައީސް ނަޝީދާއެކު ބޭއްވި ބައްދަލުވުމުގައި އާދައިގެ މަތިން ސިޔާސީ ވާހަކަ ދެކެވުނު: ރީކޯ މޫސަ
ރައްޔިތުންގެ މަޖިލިހުގެ ރައީސް މުޙައްމަދު ނަޝީދު އާއި އެމަޖިލިހުގެ ކުރީގެ ނައިބު ރައީސް މޫސާ މަނިކު (ރީކޯ މޫސަ) މިރޭ ރިސޯޓެއްގައި ބައްދަލު ކުރައްވައިފިއެވެ.
ރައީސް ނަޝީދު އާއި ރީކޯ މޫސަ މިރޭ ރިސޯޓެއްގައި ބައްދަލު ކޮށްފައިވާއިރު، މީގެ ދެ ހަފްތާއެއްހާ ދުވަސް ކުރިން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހާއި ރީކޯ މޫސަ ލ. އަތޮޅުގެ ރިސޯޓެއްގައި ބައްދަލު ކުރެއްވިކަމަށް ވެސް މައުލޫމާތު ލިބިފައިވެއެވެ.
ލ. އަތޮޅަށް ރައީސް ޞާލިޙު ކުރެއްވި ދަތުރުފުޅުގައި މަޑު ކުރެއްވީ ރީކޯ މޫސަ ގެ ރަހާ ރިސޯޓުގައެވެ. އެއިރު އެރިސޯޓުގައި ރީކޯ މޫސަގެ އިތުރުން ފޮރިން މިނިސްޓަރު ޢަބްދުﷲ ޝާހިދު ވެސް ތިއްބެވި ކަމަށް މައުލޫމާތު ލިބިފައިވެއެވެ.
އޮންލައިން ނޫސް "ވަގުތު" އިން ބުނެފައި ވަނީ ރައީސް ނަޝީދާއި މިރޭ ބައްދަލު ކުރެއްވުމުން، އާދައިގެ މަތިން ސިޔާސީ ވާހަކަ ދެއްކެވި ކަމަށް ރީކޯ މޫސަ އެނޫހަށް މައުލޫމާތު ދެއްވި ކަމަށެވެ. ނަމަވެސް އެވާހަކަތަކުގެ ތަފްސީލެއް ދެއްވާފައި ނުވާ ކަމަށް އެނޫހުން ބުނެފައިވެއެވެ.
އެމްޑީޕީގެ ޤައުމީ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕަށް ރައީސް ނަޝީދު މިއަދު ވަނީ ރީކޯ މޫސަ އާއެކު ނަގާފައިވާ ފޮޓޯއެއް ވެސް ހިއްސާ ކުރައްވާފައެވެ.
ކުރިން އެމްޑީޕީގައި ހުންނެވި ރީކޯ މޫސަ އެޕާޓީން ވަކި ކުރީ 2015 ވަނަ އަހަރުގައެވެ. އޭނާ އެޕާޓީން ވަކިކުރީ ސްޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރުމަށް ވޯޓު ދިން މައްސަލައިގައެވެ. ނަމަވެސް އެއިރު ރީކޯ މޫސަ ވިދާޅުވީ، އެމަނިކުފާނު އެޕާޓީން ވަކިކުރީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާނެކަން އިއުލާނު ކުރެއްވުމުން، ރައީސް މުޙައްމަދު ނަޝީދުގެ ރޭވުމެއްގެ މަތިންނެވެ.
އެއަށްފަހު ރީކޯ މޫސަ ވަޑައިގެންނެވީ ޕީޕީއެމް އަށެވެ. ނަމަވެސް ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ރާއްޖޭގެ ވެރިކަން ކުރުމަށް ދެވަނަ ދައުރަކަށް ހޮވި ވަޑައިނުގަތް ފަހުން، ރީކޯ މޫސަ ހުންނެވީ ސިޔާސީ ހަރަކާތްތަކާ ދުރުގައެވެ.