ޚަބަރު

ދުވުންތެރިޔާ ނަޞްރުﷲ ގެ 60 ވަނަ މެރެތަންގެ މެޑައްޔާއި ޖަރޒީ ރައީސަށް ހަދިޔާ ކުރައްވައިފި

ރައުފާ ރަޝީދު ، ދެން އޮންލައިން

މެރެތަން ދުވުމުގައި ބޮޑެތި ކާމިޔާބީތަކެއް ހާސިލުކޮށްފައިވާ ދުވުންތެރިޔާ، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް)ގެ ސްޓާފް ސާޖަންޓް ނަޞްރުﷲ އަޙްމަދުގެ 60 ވަނަ މެރެތަންގެ މެޑައްޔާއި ޖަރޒީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް ހަދިޔާ ކުރައްވައިފިއެވެ.

Ads by Sosun Fihaara

މި މެޑައްޔާއި ޖަރޒީ ރައީސުލްޖުމްހޫރިއްޔާއަށް ހަދިޔާކުރައްވާފައި ވަނީ މިކަމަށްޓަކައި މިއަދު މެންދުރުކުރީގައި ރައީސުލްޖުމްހޫރިއްޔާ އޮފީހުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ.

މި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދުދީދީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފް އަލްއުސްތާޛު ޢަލީ ޒާހިރު ބައިވެރިވެ ވަޑައިގެންނެވިއެވެ.

ނަޞްރުﷲ އަޙްމަދަކީ އެންމެ ގިނަ މެރެތަން ދުވެފައިވާ ދިވެހި ދުވުންތެރިޔާގެ ރެކޯޑް ހާސިލުކޮށްފައިވާ ދުވުންތެރިޔާއެވެ. އޭނާގެ 60 ވަނަ މެރެތަންއަކީ، 2020 ވަނަ އަހަރު ބޭއްވި ނިއުޔޯކް ލިބަރޓީ ރަންއެވެ. އޭގެ ފަހުން ވެސް އިތުރު ފަސް މެރެތަން ނިންމަވައި އޭނާ ވަނީ ޖުމްލަ 65 މެރެތަންގައި ދުވެފައެވެ.

ނަޞްރުﷲ އަޙްމަދާއެކު މިއަދު ބޭއްވި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، މެރެތަން ދުވުމުގެ ދާއިރާއިން ނަޞްރުﷲ ހޯއްދަވާފައިވާ ކާމިޔާބީ ފާހަގަކުރައްވާ އެ ކަމަށް މަރުޙަބާ ދަންނަވާފައެވެ.އަދި މެރެތަން މުބާރާތްތަކަށް ތައްޔާރުވުމުގައި އަމަލުކުރައްވާ ގޮތާއި، ކުރިމަތިވާ ދަތިތަކުގެ މަޢުލޫމާތު ސާފު ކުރައްވާ، ކުރިއަށް އޮތް ތަނުގައި ހިތްވަރާއެކު މަސައްކަތްކުރުމުގައި ދެމިހުންނެވުމަށް އެދިވަޑައިގަންނަވާފައެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބާއްވާ މެރެތަންތަކުގައި ދުވުމުގެ އިތުރުން، ނަޞްރުﷲއަކީ މި ދާއިރާއިން މީހުން ބިނާކުރުމުގައި ވެސް މަސައްކަތް ކުރައްވާ ބޭފުޅެކެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!