ކެފޭގައި އަލިފާން ރޯވުމުން މުވައްޒަފުން ފިލިކަމުގެ މައުލޫމާތެއް ލިބިފައެއް ނުވޭ- ފުލުހުން

މިއަދު މާލޭގެ ކެފޭއެއްގައި ހިނގި އަލިފާނުގެ ހާދިސާގައި، އެ ކެފޭގެ މުވައްޒަފުން ފިލާފައިވާ ކަމަށް ދެކެވޭ ވާހަކަތައް ފުލުހުން ދޮގު ކޮށްފިއެވެ.
ރޯވެފައި ވަނީ ގަލޮޅުގައި ހުންނަ ސަލްމާން ކެފޭގައެވެ.
އަލިފާން ރޯވެފައިވަނީ ކެފޭގެ ބަދިގޭގެ ގޭސްފުޅި މަތީގައި އޮތް ތުވާއްޔެއްގައި ކަމަށާއި ހާދިސާގައި އަލިފާނުގެ އަސަރުން ގޭސްފުޅި މުޅިން އަނދާފައިވާ ކަމަށް އެމްއެންޑީއެފް މީޑިއާ އޮފިޝަލު ވިދާޅުވިއެވެ.
މި ހާދިސާ ހިނގުމާއެކު އެ ކެފޭގައި ތިބި ބިދޭސީ މުވައްޒަފުން ފިލާފައިވާ ކަމަށް ބައެއް މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފައެވެ.
ނަމަވެސް ފުލުހުން ވިދާޅުވީ ހާދިސާގައި ފިހުނު ބިދޭސީއަކަށް އައިޖީއެމްއެޗުގައި ފަރުވާ ދެމުން އަންނަ ކަމަށާއި އެ މީހާގެ ހާލު ސީރިއަސް ނޫން ކަމަށެވެ.
އެމްއެންޑީއެފް ފަޔާ ޓީމުން އަލިފާން ރޯވި ސަރަހައްދަށް ދިއުމުގެ ކުރިން ފިހުނު މީހާ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް ވެސް އެމްއެންޑީއެފް އިން ވަނީ ވިދާޅުވެފައެވެ.
ފުލުހުން ގެންދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.