ޚަބަރު

ޝިރުމީނާ ރަހީނުކުރި މައްސަލައިގައި އެކަކު ޝަރީޢަތް ނިމެންދެން ބަންދުކޮށްފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ރ. ކިނޮޅަސް، ލަގްޒަރީ، ޝިރުމީނާ އަބޫބަކުރު (33އ) ރަހީނު ކުރި މައްސަލައިގައި ހައްޔަރު ކުރި އެކަކު ޝަރީއަތް ނިމެންދެން ބަންދު ކޮށްފިއެވެ.

Ads by STELCO

ޝިރުމީނާ ގެއްލިގެން ރިޕޯޓު ކޮށްފައި ވަނީ މިދިޔަ އޮކްޓޯބަރު މަހުގެ 30 ވަނަ ދުވަހުގެ ރެއެވެ. އޭނާ ފެނިފައި ވަނީ އޭގެ އަނެއް ދުވަހުގެ ހެނދުނުގެ ވަގުތެއްގައި އަމިއްލައަށް އަނބުރާ ގެއަށް ގޮސް ސިޑިގޮޅި ކައިރިއަށް ވެއްޓިފައި އޮއްވަައެވެ.

އެ އާއިލާއިން ކުރިން ބުނެފައި ވަނީ ބަޔަކު މީހުން ޝިރުމީނާ ރަހީނުކޮށް އޭނާ އަތުން ބައިވަރު ފައިސާ ފޭރުނީ ކަމަށެވެ. އަދި އޭނާ ދޫކޮށްލާފައި ވަނީ ވަރަށް ބޮޑަށް އަނިޔާ ކޮށްފައި ކަމަށް ވެސް ޝިރުމީނާއާއި ހަވާލާދީ އެ އާއިލާއިން ބުނެފައިވެއެވެ.

މިމައްސަލައާ ގުޅިގެން ފުލުހުން ވަނީ އުމުރުން 31 އަހަރުގެ ފިރިހެނަކާއި 18 އަހަރުން ދަށުގެ ކުޑަކުއްޖަކު ހައްޔަރު ކޮށްފައެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވެފައި ވަނީ ޝިރުމީނާ ރަހީނު ކުރި މައްސަލައާއި ގުޅިގެން ހައްޔަރު ކުރި އުމުރުން 31 އަހަރުގެ މީހާ، ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް ކޯޓުން އަމުރު ކޮށްފައިވާ ކަމަށެވެ. އަދި މި މައްސަލައިގައި ހައްޔަރު ކުރި 18 އަހަރު ނުފުރޭ ކުޑަ ކުއްޖާ ކޯޓުން ދޫކޮށްލީ ޝަރުތުތަކެއް ކޮށްފައި ކަމަށް އޮފިޝަލު ވިދާޅުވިއެވެ. ނަމަވެސް އެކުއްޖާ ދޫކޮށްލާފައި ވަނީ ކޯޓުން ކޮން ޝަރުތުތަކެއް ކުރުމަށް ފަހުގައި ކަމެއް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅެއް ނުވެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!